މީޑިޔާ ބިލް ފާސްކޮށްގެން މުޅި އުމުރު ވެރިކަމުގައި މުއިއްޒަކަށް ނޫޅެވޭނެވެ. މުއިއްޒު ޓީވީ އާއި، ރައީސް އޮފީހާއި، ޕީއެންސީ އެކްޓިވިސްޓުންނަށް ސިޔާސީ ގޮތުން ތާ އަބަދަކު ހިމާޔަތް ދޭކަށް މުއިއްޒަކަށް ނުވެސް ހުރެވޭނެއެވެ. ވެރިކަމުގެ ދައުރަށް ބާކީ އޮތީ އެންމެ 3 އަހަރެވެ. ގަނޑި ދަނީ ހިނގަމުންނެވެ. 3 އަހަރު ދުވަހު އޮތަސް މި ވެރިކަމެކޭ ވެއްޓެން ރިއްސާ ދަތެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ.
ވެރިކަން ބަދަލުވެގެން އަންނާނީ އެމްޑީޕީއަށް، ޔާމީނަށް، އުމަރަށް ކަމެއް އަދި ބުނަން ދައްޗެވެ. ޔަގީންވާ ކަމަކީ މުއިއްޒުގެ ވެރިކަން ﷲގެ އިރާދަފުޅާއި އެކު ބޮޑުތަނުން ބަލިވެގެން އޭނާ ދާނެކަމެވެ. ވެރިކަން ބަދަލުވިއަސް މަޖިލީސް އިންތިހާބު އަންނަންދެން މި ޤާނޫނު ދެމި އޮންނާނެތީ މި ޤާނޫނު އުވާލާނެ ކަމަށް ބުނެ ވެރިކަމަށް އަންނަ ފަރާތަށްވެސް މި ޤާނޫނުގެ ދަށުން އެމީހުންގެ އަބުރަށް އަރައިގަތް ފަރާތްތަކަށް ދައުވާ ކުރެވޭނެއެވެ. އަދި އާންމު ފަރާތްތަކުންވެސް މި ޤާނޫނު އުވާލަންދެން ޕީއެންސީ އެކްޓިވިސްޓުންނާއި ދެކޮޅަށް ކޯޓަށް ގޮސް ދައުވާ ކުރެވޭނެއެވެ. އެކަން ކުރާނެ ކަމާއި މެދު އެއްވެސް ޝައްކެއްވެސް ނެތެވެ.
ރައީސް ޔާމީނުގެ ފްރޮންޓް އޮފީސް ޖަލްސާ، އެމްޑީޕީ ކަންމަތީ ޖަލްސާ ބަލާ މީހުންނަށް ވުރެ ގިނަ އެވެ. މުއިއްޒު ކޯޓަށް އަތް ބޭނިއަސް ފަހުވަގުތު ކޯޓުން ސަލާމަތްވެ، ވެރިކަމަށް ޔާމީން އައުންވެސް ހަމަ އެކަށީގެންވެއެވެ. ނޫނީ ޔާމީނުގެ ކެނޑިޑޭޓަކު އައުންވެސް ހަމަ އެކަށީގެންވެއެވެ. ނޫނީ އެމްޑީޕީގެ ލިބަރަލް ފިކުރާއި ދުރު، (އިބޫ، ޝާހިދު، ފައްޔާޒު) ނޫން އެހެން މުޅިން އާ މޫނެއް އެމްޑީޕީ ތެރެއިން ވެރިކަމަށް އައުމަކީވެސް ހަމަ ވެދާނެ ކަމެކެވެ.
އެހިސާބުން ރައީސް އޮފީހުން ވަކި އެއްޗެއް ޓްވީޓް ކުރަން ގްރޫޕްތަކަށް އެ މެސެޖް ފޮނުވާފައިވާ ފަރާތްތަކާއި، އެ ގްރޫޕްތަކުގައި ތިބި މީހުންނާއި އިނދިކޮޅު އެމްޑީޕީ، އަދި ރައީސް ޔާމީންއާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ލިޔުނު އެންމެން މި ޤާނޫނުގެ ދަށުން ޖަލު ގޮޅިއަށް ފެއްތޭތީ، އެ ޤާނޫނު އެމީހުންގެ މައްޗަށް ތަންފީޒު ކުރަން ފަށާނެއެވެ.
މުއިއްޒު ޓީވީއިން މިހާތަނަށް ގެނެސްފައިވާ ގިނަ ރިޕޯޓްތަކާއި ޚަބަރު ތަކަކީ މީހުންގެ އަބުރާއި އިއްޒަތަށް މި ބިލުގެ ތަރަހާގެ ތެރެއިން އަރާގަނެފައިވާ ކޮންޓެންޓެވެ. އެހެން ކަމުން އެ ރިޕޯޓް ތައްޔާރު ކުރި ފަރާތާއި، އޭގެ ވީޑިޔޯ ހެދި ފަރާތްތަކާއި، އަޑު އެޅި ފަރާތާއި، އެ ރިޕޯޓް ބްރޮޑްކާސްޓް ކުރުމަށް ޓެކްނިކަލް ދައުރު އަދާ ކުރި ފަރާތްތައްވެސް ހަމަ ޖަލު ގޮޅި އަށް މި ޤާނޫނުގެ ތެރެއިން އެބަ ފެތެއެވެ. މި ޤާނޫނުންނެއް މުއިއްޒުގެ އައުވާނުންނެއް އިސްތިސްނާ ނުކުރެއެވެ. އަދި ރައީސް އޮފީހުގައި މި ހުރިހާ ކަމެއް އިންތިޒާމު ކުރުމަށް ހުރި މިނިސްޓަރާއި، އޭނާގެ ދަށުން އިސްކޮށް މިކަމުގައި ޚަރަކާތްތެރިވި ހަމަ އެންމެންވެސް ޖަލު ގޮޅިއަށް ފެތޭހެން އޮތް ބިލަކަށް މި ބިލް ވާއިރު ހަމަ އެންމެ ސިކުންތަކަށްވެސް، އެކަން އެހެން ނުވާނެ ކަމަށް ހީވެސް ނުކުރާށެވެ. މިފަދަ އަނިޔާވެރި ބިލެއް ހަމަ އެކަނި އިނދިކޮޅު ފަރާތްތަކަށް އަނިޔާވެރި ވުމަށް މުއިއްޒު އުފައްދައިގެން އޭނާގެ އައުވާނުންތައް މިއިން ސަލާމަތް ކުރެވޭނެ ކަމަށް ހަމަ އެއްގޮތަކަށްވެސް ހީ ނުކުރާށެވެ. ޤާނޫނު ހިނގަނީ އެންމެންގެ މައްޗަށް ހަމަހަމަ ކޮށެވެ. ދުނިޔޭގައި ގިނަފަހަރު ކަން ހިނގާފައިވާ ގޮތަކީ މި ގޮތަށް އުފައްދާ ޤާނޫނުތައް އެމީހަކު ފޭހުނު އިލޮށި އެމީހެއްގެ ލޮލަށް ހެރޭހެން ހެރި ޖަލު ގޮޅިއަށް ފެތުމެވެ.
މި ހަތިޔާރު ދެން އަންނަ ވެރިކަމެއްގެ އަތް މައްޗަށް އަރާ ވަގުތު، އެމީހުންގެ އިހްސާންތެރިކަން މުއިއްޒުގެ އެންމެ އައުވާނެއްގެ މައްޗަށްވެސް އޮންނާނެ ކަމަށް ނުވިސްނާށެވެ. ތިމާމެންގެ ވެރިކަން ނިމޭ ހިސާބުން ދެން އަންނަ ވެރިކަމަކީ ކާމިޔާބީގައި އަބަދު ހިތް ތިރިކުރާނެ ސަރުކާރެއް ކަމަށް ވިސްނައިގެން ވަކި ބަޔަކަށް ޤާނޫނު ހެދުމަކީ އަމިއްލައަށް މަޅިދަން ޖެހުން ނޫން އެހެން ކޮން ކަމެއްތޯއެވެ.