ޚަބަރު

ހުށަހެޅި ވަގު ފޯމުތަކަށް، މުއިއްޒުގެ ޕީއެންސީއަށް ދައުލަތުން 13 މިލިއަން ރުފިޔާ ދޫކޮށްފި

ދިޔަވަރު
ހުށަހެޅި ވަގު ފޯމުތަކަށް، މުއިއްޒުގެ ޕީއެންސީއަށް ދައުލަތުން 13 މިލިއަން ރުފިޔާ ދޫކޮށްފި

މުއިއްޒުގެ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ވަގު ފޯމްތަކުގެ މައްސަލަ ނުބާ، އެޕާޓީން ހުށަހަޅާފައިވާ ވަގި ފޯމުތައް ހިމެނޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް 13 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާގެ ތެރެއިން މި އަހަރު 27.9 މިލިއަން ރުފިޔާ ފަސް ޕާޓީއަކަށް ބަހައިލައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭއިރު، މި ފައިސާ ލިބޭނީ 10،000 މެންބަރުން ފުރިހަމަވާ ޕާޓީތަކަށް އެކަންޏެވެ. އީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މި ޝަރުތު ހަމަވި ފަސް ޕާޓީއަށް މެންބަރެއްގެ ބޮލަކަށް 193.23 ރުފިޔާގެ ރޭޓުން ފައިސާ ދޫކޮށްފައިވެއެވެ.

އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޕީއެންސީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހަޅާފައިވާކަމަށް ފަހުން އެ ޕާޓީގެ އިސްފަރާތްތަކުންވެސް އެއްބަސްވެފައިވެއެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިމައްސަލަތައް ބަލާ އެކަށީގެންވާ ފިޔަވަޅު އަޅާފައެއް ނުވެއެވެ. އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ގަވާއިދާ ޚިލާފަށް މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ޕާޓީގެ ފޯމު ފުރިކަމަށް ވެސް ތުހުމަތު ކުރެއެވެ.

ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ އެމްޑީޕީއަށް ކަމަށްވާއިރު، އެ ޕާޓީއަށް 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެމްޑީއޭ އާއި އަދާލަތު ޕާޓީއަށް ކޮންމެ ޕާޓީއަކަށް 1.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް މި ފަސް ޕާޓީގައި ޖުމުލަ 144،808 މެންބަރުން ރަޖިސްޓަރީ ވެފައިވާއިރު، އޭގެ ތެރެއިން 68،968 މެންބަރުން ތިބީ ޕީއެންސީގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން 2019 ވަނަ އަހަރު އުފެއްދެވި ޕީއެންސީ މުއިއްޒު ޖަހައިގަތީ މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވުމަށަފަހުއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ކާމިޔާބު ހޯދިއިރު އެ ޕާޓީގައި ތިބީ ގާތްގަނޑަކަށް 3،000 މެންބަރުންނެވެ.

މި މައްސަލަ އެމްޑީޕީން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައެވެ.