ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތަކާއި ގުޅޭ ހަބަރުތައް މީޑިއާތަކުން ގެނެސްދިނުމުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެ އެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި 28 އަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31 ގެ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓްގައި ވަނީ މާލީ ބަޔާން ހުށަހެޅުއްވި މެންބަރުންގެ ބަޔާންތައް އާންމުކޮށްފަ އެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން އާންމު ނުކުރަނީ 5 މެންބަރެކެވެ.
މާލީ ބަޔާން އާންމުނުކުރާ މެމްބަރުންގެ ތެރޭގައި ހިމެނޭ ނިޒާރު "ފޭސްބުކް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
މަޖިލީހުން ހުރިހާ މެންބަރުންގެ މާލީ ބަޔާން އޮންނަ އުސޫލުގެ ތެރެއިން އާންމުކުރަމުން ގެންދާ ކަމަށާއި އެގޮތަށް އެކަން ކުރަނީ މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައިވާތީ ކަމަށްވާއިރު، އެގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާއި މެދު މަޖިލީހުން އެ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި މަޖިލީހުން މިފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއް ވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓް ހަދައި އާންމުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޕަބްލިޝްކުރާ ކުރުން ކުށްވެރިކުރާ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
މީގެއިތުރުން ނިޒާރު ވަނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ މީޑިއާ ބިލު އަވަސްކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިޔަސް މި ބިލު އަވަހަށް ފާސްކުރަން ވެސް އޭނާ ގޮވާލި އެވެ.