ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފިއެވެ. އޭނާ މިއަދު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިއިރު، މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ޕީސީބީން އޭނާ މިފްކޯގެ އެމްޑީކަމުން ވަކިކުރީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވި، އަދި މަގާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ސާބިތު ހެކި ފެނިގެންނެވެ.
އެހެންނަމަވެސް، މިސަރުކާރު ވެރިކަމަށް އައިސް ފާއިތުވި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ފަސާދައިގެ ރެކޯޑަކާއެކު މިފްކޯގެ އެމްޑީކަމުން ވަކިކުރުމާއެކު މުއިއްޒު ވަނީ އޭނާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމާއެކު، މިފްކޯގެ ސީއީއޯގެ މަގާމަށް މުއިއްޒު ސަމާހު އައްޔަނުކުރި މައިގަޑު ސަބަބަކީވެސް މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުއަށް އޭނާ ކޮރަޕްޝަން ހިންގައިދިނުމުގެ ކުޅަދާނަކަމުން ކަމުގައި އޭނާގެ ގާތް ފަރާތްތަކުން މީގެކުރިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ސަމާހުގެ ހަގުއަނބި އަމާނީ އާއި މުއިއްޒުގެ ރޯލް މޮޑެލްއެއްގެ ގޮތުގައި މުއިއްޒު އިއުލާންކުރި އަބުދުއްރަހީމްގެ ލޯބީގެ ކުޅިސަމާއަކީވެސް މި މަގާމު ސަމާހުއަށް އެންމެ ފުރަތަމަ ލިބުމަށް މެދުވެރިވި ސަބަބެއްކަމަށްވެސް އޭރު އަޑު ފެތުރިގެން ދިޔައެވެ.
ފާއިތުވި އަހަރުގެ މޭ މަހުގެ ތެރޭގައި ސަމާހު ވަނީ މިފްކޯގެ ޚަރަދުގައި އޭނާގެ ދަރިފުޅު ޚިތާނުކުރަން ބެންކޮކުގެ އެންމެ އަގުބޮޑު ހޮސްޕިޓަލް، ބަންބުންގަރާޑު ހޮސްޕިޓަލުގެ ޕްރެޒިޑެންޝަލް ސުއިޓެއް ނަގާ, މުޅި އާއިލާ ބިޒްނަސް ކްލާހުގައި ބެންކޮކަށް ގޮސް އުޅެފައެވެ. އެ ދަތުރުގައި އޭނާވަނީ ހޮސްޕިޓަލާއި ކައިރިން ލަގްޒަރީ 2 އެޕާޓްމަންޓް 30 ދުވަހުގެ މުއްދަތަށް ކުއްޔަށްވެސް ނަގާފައެވެ. މި ހުރިހާ ޚަރަދެއް ސަމާހު ކޮށްފައިވަނީ ކޮންތާކުން ކޮންގޮތަކަށް ހޯދި ފައިސާއަކުންކަން އޭނާއަށް ސާފުކޮށް ދެވިފައެއް ނުވެއެވެ.
މިފްކޯގައި ސަމާހުގެ ކޮރަޕްޝަން މާސްޓަރމައިންޑް މުއާޒު އަލީ ގެ މައްސަލަތަކެއްވެސް ޕީސީބީން އޭރުވަނީ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މުއާޒު އަލީއަކީ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށްނުވިނަމަވެސް، މިފްކޯގެ ހުރިހާ ނިންމުންތަކެއް އޭރު ނިންމަމުން އައީ މުއާޒު އަލީގެ ނުފޫޒު އޮވެގެންނެވެ.
މުއާޒު އަލީ އަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރިއިރު ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. އަދި އެމައްސަލަތައް މިހާރުވެސް އޭސީސީގެ ފަރާތުން އަންނަނީ ތަހުގީގް ކުރަމުންނެވެ.
ސަމާހުގެ މަގާމު އޭރު ގެއްލުމާއެކު، މިފްކޯއަށް ސަމާހު ގެ ނުފޫޒުން ވަޒީފާ ދީފައިވާ 105 މީހެއްގެ މައްސަލަވެސް އޭރު ތަހުގީގު ކޮށްފައި ވެއެވެ. އަދި އެ 105 މީހުން އޭރު ވަނީ ސަމާހުއާ ދެކޮޅަށް ހެކިބަސްވެސް ދީފައެވެ.
ސަމާހުއަކީ މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލްގެ ދުވަސްވަރުން ފެށިގެން މުއިއްޒުއަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާދީފައިވާ ފަރާތެއްކަމަށް ވުމާއެކު, އޭނާއަށް ސަރުކާރުގެ ހަމަ އެފެންވަރުގެ މަގާމެއް ދިނުމަށް މުއިއްޒު އޭނާއަށް ދިން ޔަގީންކަމާއެކު, އޭނާ އޭރު އައްޔަން ކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.
މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އަށަގެންފައިވާއިރު, މުއިއްޒުގެ އަމަލުތަކުން ދޭހަވަނީ, ކޮރަޕްޝަން ނައްތާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ތެރޭގައި ނެތްކަމެވެ.