ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައީސަށް ހުށަހަޅަން ކޮމިޓީއިން ނިންމައިފި

ދިޔަވަރު
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައީސަށް ހުށަހަޅަން ކޮމިޓީއިން ނިންމައިފި

އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ މަޖިލިސް އިދާރާ ދޮރުމަތީގައި އިހުތިޖާޖުކޮށްފަ އެވެ. ފެހި ހެދުމުގައި ކުރި އެ އިހުތިޖާޖުގައި އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމެވެ.

އެ ފިއްތުންތަކާ އެކު، މިއަދު 11:30 އަށް އެޖެންޑާކުރި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމު ކުށްވެރިކޮށް، އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.

ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ރާއްޖެއަށް އިޒްރޭލުގެ މީހުން ނުދިއުމަށް އެ ގައުމުން އެދިފައިވާކަން ފާހަގަކުރައްވައި ރާއްޖެއިން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ބާރު ދެއްވައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އިޒްރޭލު މީހުން ރާއްޖެ އައުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަމަށެވެ.

"އިޒްރޭލު ރައްޔިތުންނަށް މަރުހަބާ ކިޔުމަކީ ދިވެހިން އެދޭ ގޮތެއް ނޫން. އަދި އެގޮތުން ހޯދާ ފައިސާ ރައްޔިތުން ކޮންމެހެން ހިތްހަމަޖެހޭ އެއްޗަކަށް ވެސް ނުވާނެ،" ސަލީމް ވިދާޅުވި އެވެ.