މުއިއްޒު މިއަދުވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އައްޔަންކޮށްފަ އެވެ. އޭނާ މިއަދު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިއިރު، މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ޕީސީބީން އޭނާ މިފްކޯގެ އެމްޑީކަމުން ވަކިކުރީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވި، އަދި މަގާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ސާބިތު ހެކި ފެނިގެންނެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި ހަމައެއް ލަމައެއްނެތި އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ފާއިތުވި އަހަރު، އޭނާ މިފްކޯގެ އެމްޑީގެ މަގާމުގައި ހުށްޓާ ވަނީ މިފްކޯއަށް އިންޒާރު ދީފައެވެ.
ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު, ޕިސީބީން މިފްކޯއަށް ފޮނުވާފައިވާ ސިޓީގައި ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް, އަދި އެކަންކަމަށް އިސްލާހީ ފިޔަވަޅުއެޅުމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހުއަށް އަންގާފައިވެއެވެ. އޭނާ މިފްކޯގެ އެމްޑީގެ މަގާމުން ވަކި ކޮށްފައިވަނީ މި ތުހުމަތުތައް ކޮށް އިސްލާހުވުމަށް އެންގިތާ 4 މަހެއްހާ ދުވަސް ފަހުންނެވެ.
ޕީސީބީން އޭރު މިފްކޯއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ކަންކަން:
- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުން.
- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑީޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން.
- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުން.
- ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުން.
- ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުން.
- އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުން.
- ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު, ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާއި ޚިލާފަށް, ކަމާނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން. އަދި އެފަދަ ދަތުރުތަކުގައި ބޭކާރު, ކަމާނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި, އަދި ޚަރަދު ކުޑަކުރުމަށް އިސްކަން ނުދިނުން.
- ކުންފުނީގައި އޮތް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓު ޕްރެކްޓިސްއާއި ޚިލާފަށް ގާތްމީހުން އެކޮމިޓީއަށް ލުން.
- ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ޕްރޮސީޖާއާއި ޚިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން އަދި ކުންފުނީގެ ވަސީލަތްތަކަށް އެކްސެސްވެވުން.
- ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން.
- ކުންފުނީގެ މާލީ ހާލަތުހުރި ގޮތަށް ނުބަލާ, ސީއީއޯ ރާއްޖެއިން ބޭރު ދަތުރުތައް ކުރުމާއި, އަދި ދަތުރުކުރާއިރު ބިޒަންސް ކުލާސް ބޭނުން ކުރުމާއި, މަސައްކަތާއި ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރި ކުރުން.
- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރު ދެއްކުމާއި, އިންޓާނަލް އޮޑިޓްގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ހުރަސް އެޅުން.
ޕީސީބީގެ ސިޓީގައި އޭރު ވިދާޅުވެފައިވަނީ އެ ބޯޑުގެ ސިޓީގައި ބަޔާން ކޮށްފައިވާ މައްސަލަތަކަކީ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އަދި ޕީސީބީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފު އަދި އެބޯޑުގެ ކަންބޮޑުވުން ހުރި ޙައްސާސް މައްސަލަތަކެއް ކަމުން, އެކުންފުނީގައި ހިންގަމުންދާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ވަގުތުން ހުއްޓާލުމަށް އަންގާ ކަމުގައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކުންފުނިތައް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އެކްޓިވިސްޓުންނެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ ސީއީއޯ ސަމާހުގެ އަނބިކަބަލުންނަކީ ރައީސް މުއިއްޒުގެ އިސް މުޝީރަަކަށް އޭރު ހުންނެވި، އެހެންނަމަވެސް މިހާރު މުއިއްޒުގެ އިތުބާރު ގެއްލިފައިވާ އަބުދުއްރަހީމް އާއި ސިއްރު ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އަދި ސަމާހުގެ އަބިކަނބަލުންނަށް ވަޒީފާ އޭރު ދިނީވެސް އަބުދުއްރަހީމްކަމަށްވެސް މައުލޫމާތު ލިބިފައެވެ.
ދާދިފަހުން ވަނީ ސަމާހުގެ އަނބިކަބަލުންގެ ބަރަހަނާ ފޮޓޯތަކެއްވެސް ލީކުވެފައެވެ.
މިސަރުކާރު ވެރިކަމަށް އައިސް ފާއިތުވި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ފަސާދައިގެ ރެކޯޑަކާއެކު މިފްކޯގެ އެމްޑީކަމުން ވަކިކުރުމާއެކު މުއިއްޒު އޭރުވަނީ ވަނީ އޭނާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމާއެކު، މިފްކޯގެ ސީއީއޯގެ މަގާމަށް މުއިއްޒު ސަމާހު އައްޔަނުކުރި މައިގަޑު ސަބަބަކީވެސް މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުއަށް އޭނާ ކޮރަޕްޝަން ހިންގައިދިނުމުގެ ކުޅަދާނަކަމުން ކަމުގައި އޭނާގެ ގާތް ފަރާތްތަކުން މީގެކުރިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ސަމާހުގެ ހަގުއަނބި އަމާނީ އާއި މުއިއްޒުގެ ރޯލް މޮޑެލްއެއްގެ ގޮތުގައި މުއިއްޒު އިއުލާންކުރި އަބުދުއްރަހީމްގެ ލޯބީގެ ކުޅިސަމާއަކީވެސް މި މަގާމު ސަމާހުއަށް އެންމެ ފުރަތަމަ ލިބުމަށް މެދުވެރިވި ސަބަބެއްކަމަށްވެސް އޭރު އަޑު ފެތުރިގެން ދިޔައެވެ.
ފާއިތުވި އަހަރުގެ މޭ މަހުގެ ތެރޭގައި ސަމާހު ވަނީ މިފްކޯގެ ޚަރަދުގައި އޭނާގެ ދަރިފުޅު ޚިތާނުކުރަން ބެންކޮކުގެ އެންމެ އަގުބޮޑު ހޮސްޕިޓަލް، ބަންބުންގަރާޑު ހޮސްޕިޓަލުގެ ޕްރެޒިޑެންޝަލް ސުއިޓެއް ނަގާ, މުޅި އާއިލާ ބިޒްނަސް ކްލާހުގައި ބެންކޮކަށް ގޮސް އުޅެފައެވެ. އެ ދަތުރުގައި އޭނާވަނީ ހޮސްޕިޓަލާއި ކައިރިން ލަގްޒަރީ 2 އެޕާޓްމަންޓް 30 ދުވަހުގެ މުއްދަތަށް ކުއްޔަށްވެސް ނަގާފައެވެ. މި ހުރިހާ ޚަރަދެއް ސަމާހު ކޮށްފައިވަނީ ކޮންތާކުން ކޮންގޮތަކަށް ހޯދި ފައިސާއަކުންކަން އޭނާއަށް ސާފުކޮށް ދެވިފައެއް ނުވެއެވެ.
މިފްކޯގައި ސަމާހުގެ ކޮރަޕްޝަން މާސްޓަރމައިންޑް މުއާޒު އަލީ ގެ މައްސަލަތަކެއްވެސް ޕީސީބީން އޭރުވަނީ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މުއާޒު އަލީއަކީ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށްނުވިނަމަވެސް، މިފްކޯގެ ހުރިހާ ނިންމުންތަކެއް އޭރު ނިންމަމުން އައީ މުއާޒު އަލީގެ ނުފޫޒު އޮވެގެންނެވެ.
މުއާޒު އަލީ އަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރިއިރު ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. އަދި އެމައްސަލަތައް މިހާރުވެސް އޭސީސީގެ ފަރާތުން އަންނަނީ ތަހުގީގް ކުރަމުންނެވެ.
ސަމާހުގެ މަގާމު އޭރު ގެއްލުމާއެކު، މިފްކޯއަށް ސަމާހު ގެ ނުފޫޒުން ވަޒީފާ ދީފައިވާ 105 މީހެއްގެ މައްސަލަވެސް އޭރު ތަހުގީގު ކޮށްފައި ވެއެވެ. އަދި އެ 105 މީހުން އޭރު ވަނީ ސަމާހުއާ ދެކޮޅަށް ހެކިބަސްވެސް ދީފައެވެ.
ސަމާހުއަކީ މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލްގެ ދުވަސްވަރުން ފެށިގެން މުއިއްޒުއަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާދީފައިވާ ފަރާތެއްކަމަށް ވުމާއެކު, އޭނާއަށް ސަރުކާރުގެ ހަމަ އެފެންވަރުގެ މަގާމެއް ދިނުމަށް މުއިއްޒު އޭނާއަށް ދިން ޔަގީންކަމާއެކު, އޭނާ އޭރު އައްޔަން ކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.
މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އަށަގެންފައިވާއިރު, މުއިއްޒުގެ އަމަލުތަކުން ދޭހަވަނީ, ކޮރަޕްޝަން ނައްތާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ތެރޭގައި ނެތްކަމެވެ.