އެއްވެސް ޝައްކެއް ނެތް ގޮތުގައި މުއިއްޒު ވަޒީފާއިން ވަކިކޮށް މިއަދު ގެއަށް ފޮނުވާލި، ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ ފާހަގަ ވެގެންދާނީ ވަރަށްވެސް ތަފާތު އެމްޑީއެއްގެ ގޮތުގައެވެ. އެކަމަށް ހެނކިދޭ ވަރަށްވެސް ހިނަ ސަބަބުތައް އެބަހުއްޓެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޓެލްކޯ ވެގެން ގޮސްފައިވަނީ އެކުންފުނީގެ މުޅި ތާރީޚުގައި އާރާސްތުކުރި އިތުބާރާއި، ކުންފުނިން ހޯދި ރީތި ނަން ޚަރާބުކޮށް ވެއްޔާއި މޮޑެލި، ދައުލަތުގެ އެއް ކުންފުނި ކަމުގައެވެ. އެހެންނަަމަވެސް މި ލަގަބު ސްޓެލްކޯއިން ހޯދީ، ރައީސްގެ ލަފާއާއި އިރުޝާދުގެ ދަށުން ފަހުމީ ކުންފުނީގެ ކުރިމަގަށް ކުރި ވަރަށްވެސް ގިނަ މަސައްކަތްތަކާއެކުވެސް މެއެވެ.
އާދޭހެވެ! ފަހުމީ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކޮންމެ ކަމެއްވެސް ކުރައްވާފައިވަނީ "ރަައީސްގެ ލަފައާއި އިރުޝާދު"ގެ ދަށުންނެވެ. ކުންފުނިން ގަހެއް އިންދިޔަސް، ކަރަންޓުގެ މައްސަލައެއް ހައްލުކުރިޔަސް، ދުވަހެއް ފާހަގަކުރިޔަސް އެކަމެއް ކޮށްފައިވަނީ ރައީސްގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. ހަމަ ހަގީގަތުގައިވެސް ފަހުމީ ހުންނެވީ ހުށާމަތުކޮށް، ޝުކުރާއި ސަނާ ދެއްނެވުމުގައި އަރައެވެ. އެއާއެކު ރަގަޅު މަސައްކަތެއް ކޮށް، ދައުލަތުގައި އޮތް އެންމެ ވަރުގަދަ އެއް ކުންފުނި އާ ހަރުފަތަކަށް ގެންދެވުނު ނަމަވެސް ރަގަޅުތާއެވެ. ރައީސް ވިދާޅުވެގެން ކަމަށް ވިދާޅުވެ ފަހުމީ ކުންފުނީގައި ހިންގާފައިވަނީ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެވެ. ހުރިހާކަމެއްވެސް ކުރެއްވީ ރައީސް ވިދާޅުވެގެންކަމަށް ބުނެއެވެ. ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުންނެވެ. ހަގީގަތުގައިވެސް ފަހުމީ ގެއަށް ވަޑައިގެންނެވީ ދިގު ތާރީޚެއްގައި އެތައް ބައެއްގެ މަސައްކަތުން އާރާސްކުރި ވަރުގަދަ ކުންފުންޏެއް ފުނޑާލާ ބިމާއި ހަމަކޮށްފައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި، އޭގެ 75 އަހަރުގެ ޚިދުމަތް ފާހަގަކުރަމުންދާއިރު، މި ކުންފުނީގެ މެނޭޖްމަންޓްގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި, ވައްކަމާއި ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުމުގެ މައްސަލަތަކަކީ ތާއަބަދު މީޑިއާ ތަކުގައި ދެކެވެމުންދާ ވަހަކަތަކެކެވެ.
ސްޓެލްކޯގެ އެމްޑީ ކަމުގައި ހުރިއިރު ފަހުމީ އަބަދުވެސް ފަހުރުވެރި ކަމާއެކު ބުނަމުން އަންނަނީ ތިމަންނާ މިއީ ރާއްޖޭގެ ރައީސް އައްޔަން ކޮށްފައިވާ މީހެއް ކަމަށެވެ. އެހެން ކަމުނ ޖަވާބު ދާރީވާންވެސް ޖެހޭނީ ރައީސަށް އެކަނި ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންކަމަށެވެ. އެހެންކަމުން ފަހުމީ ކުރަމުން އައި ވައްކަމާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމާއި ދެމުންދާ އަނިޔާ ސީދާ މުވައްޒަފުން ގުޅުވާފައިވަނީ ރައީސް ޑރ. މުއިއްޒުއާއި އެވެ. އަދި ކަން ހިނގި މަގަކީވެސް އެއީއެވެ. ފަހުމީ މެދުވެރިކޮށް މުއިއްޒުވަނީ އެކުންފުނި ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ހަދާފައެވެ.
އެހެންނަނަމަވެސް އެއަށްވުރެ ބިޑު ހިތާމައަކީ، ކޮރަޕްޓް އެމްޑީއަކު ވަކިކޮށް، އެއަށްވުރެ އެތައް ގުނައެއް ކޮރަޕްޝަންގައި އަރާހުރި، ބޮޑުތަނުން މާ ނާގާބިލް އެމްޑީއަކު މުއިއްޒު އެކުންފުންޏަަށް އައްޔަން ކުރުމެވެ.
މުއިއްޒު މިއަދު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަންކުރި މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އަކީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ޕީސީބީން މިފްކޯގެ އެމްޑީކަމުން ވަކިކޮށް، އޭނާގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވި، އަދި މަގާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ސާބިތު ހެކި ފެނިފައިވާ މީހެކެވެ.
އެހެންނަމަވެސް، މިސަރުކާރު ވެރިކަމަށް އައިސް ފާއިތުވި ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި ފަސާދައިގެ ރެކޯޑަކާއެކު މިފްކޯގެ އެމްޑީކަމުން ވަކިކުރުމާއެކު މުއިއްޒު ވަނީ އޭނާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމާއެކު، މިފްކޯގެ ސީއީއޯގެ މަގާމަށް މުއިއްޒު ސަމާހު އައްޔަނުކުރި މައިގަޑު ސަބަބަކީވެސް މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުއަށް އޭނާ ކޮރަޕްޝަން ހިންގައިދިނުމުގެ ކުޅަދާނަކަމުން ކަމުގައި އޭނާގެ ގާތް ފަރާތްތަކުން މީގެކުރިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ސަމާހުގެ ހަގުއަނބި އަމާނީ އާއި މުއިއްޒުގެ ރޯލް މޮޑެލްއެއްގެ ގޮތުގައި މުއިއްޒު އިއުލާންކުރި އަބުދުއްރަހީމްގެ ލޯބީގެ ކުޅިސަމާއަކީވެސް މި މަގާމު ސަމާހުއަށް އެންމެ ފުރަތަމަ ލިބުމަށް މެދުވެރިވި ސަބަބެއްކަމަށްވެސް އޭރު އަޑު ފެތުރިގެން ދިޔައެވެ.
ފާއިތުވި އަހަރުގެ މޭ މަހުގެ ތެރޭގައި ސަމާހު ވަނީ މިފްކޯގެ ޚަރަދުގައި އޭނާގެ ދަރިފުޅު ޚިތާނުކުރަން ބެންކޮކުގެ އެންމެ އަގުބޮޑު ހޮސްޕިޓަލް، ބަންބުންގަރާޑު ހޮސްޕިޓަލުގެ ޕްރެޒިޑެންޝަލް ސުއިޓެއް ނަގާ, މުޅި އާއިލާ ބިޒްނަސް ކްލާހުގައި ބެންކޮކަށް ގޮސް އުޅެފައެވެ. އެ ދަތުރުގައި އޭނާވަނީ ހޮސްޕިޓަލާއި ކައިރިން ލަގްޒަރީ 2 އެޕާޓްމަންޓް 30 ދުވަހުގެ މުއްދަތަށް ކުއްޔަށްވެސް ނަގާފައެވެ. މި ހުރިހާ ޚަރަދެއް ސަމާހު ކޮށްފައިވަނީ ކޮންތާކުން ކޮންގޮތަކަށް ހޯދި ފައިސާއަކުންކަން އޭނާއަށް ސާފުކޮށް ދެވިފައެއް ނުވެއެވެ.
މިފްކޯގައި ސަމާހުގެ ކޮރަޕްޝަން މާސްޓަރމައިންޑް މުއާޒު އަލީ ގެ މައްސަލަތަކެއްވެސް ޕީސީބީން އޭރުވަނީ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. މުއާޒު އަލީއަކީ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށްނުވިނަމަވެސް، މިފްކޯގެ ހުރިހާ ނިންމުންތަކެއް އޭރު ނިންމަމުން އައީ މުއާޒު އަލީގެ ނުފޫޒު އޮވެގެންނެވެ.
މުއާޒު އަލީ އަކީ ކަސްޓަމްސްގައި ވަޒީފާ އަދާކުރިއިރު ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ. އަދި އެމައްސަލަތައް މިހާރުވެސް އޭސީސީގެ ފަރާތުން އަންނަނީ ތަހުގީގް ކުރަމުންނެވެ.
ސަމާހުގެ މަގާމު އޭރު ގެއްލުމާއެކު، މިފްކޯއަށް ސަމާހު ގެ ނުފޫޒުން ވަޒީފާ ދީފައިވާ 105 މީހެއްގެ މައްސަލަވެސް އޭރު ތަހުގީގު ކޮށްފައި ވެއެވެ. އަދި އެ 105 މީހުން އޭރު ވަނީ ސަމާހުއާ ދެކޮޅަށް ހެކިބަސްވެސް ދީފައެވެ.
ސަމާހުއަކީ މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލްގެ ދުވަސްވަރުން ފެށިގެން މުއިއްޒުއަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާދީފައިވާ ފަރާތެއްކަމަށް ވުމާއެކު, އޭނާއަށް ސަރުކާރުގެ ހަމަ އެފެންވަރުގެ މަގާމެއް ދިނުމަށް މުއިއްޒު އޭނާއަށް ދިން ޔަގީންކަމާއެކު, އޭނާ އޭރު އައްޔަން ކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.
މިސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އަށަގެންފައިވާއިރު, މުއިއްޒުގެ އަމަލުތަކުން ދޭހަވަނީ, ކޮރަޕްޝަން ނައްތާލުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ތެރޭގައި ނެތްކަމެވެ.