ޚަބަރު

އިންޑިޔާއަށް އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޓެރިފް ހަމަ ބޮޑުތަ؟

ދިޔަވަރު
އިންޑިޔާއަށް އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޓެރިފް ހަމަ ބޮޑުތަ؟

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އިންޑިޔާއިން ނަގާ ޓެރިފް ބޮޑު ކަމަށެވެ. މިފަދަ ކުށްހީތަކަކީ ގިނަފަހަރަށް ސިޔާސީ މަޤްޞަދުތަކަށްޓަކައި ފަތުރާ ވާހަކަތަކެއް ކަމަށްވާއިރު، ދުނިޔޭގެ ފެންވަރުގައި ވިޔަފާރި ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް މިފަދަ ވާހަކަ ތަކުން ކުރިމަތިކުރުވައެވެ. ވިޔަފާރިއާ ގުޅޭ މިފަދަ ބަހުސްތަކުގައި ހަޤީޤީ ހިސާބުތަކާއި، ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް ވާހަކަ ދެއްކުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ޓެރިފަކީ ވަޒަންކުރެވޭ އަދަދުތަކެއް ކަމުން މިކަމުގެ ހަޤީގަތަށް ވާސިލްވެ އިންޑާއަށް އެކްސްޕޯޓް ކުރާ މުދަލަށް ނަގާ ޓެރިފަކީ ހަގީގަތުގައިވެސް ބޮޑު ޓެރިފެއްތޯ މި ލިޔުމުގައި ބަލާލާނަމެވެ.

ޓެރިފްތަކުގެ މަޤްޞަދު

އިންޑިއާ ފަދަ ތަރައްޤީވަމުން އަންނަ ދަށް އާމްދަނީގެ ޤައުމުތަކުގައި، ޓެރިފްތައް ބޭނުންކުރަނީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ:

  1. އެތެރޭގެ ސިނާޢަތްތައް ޙިމާޔަތްކުރުމަށް
  2. އާމްދަނީ ހޯދުމަށް

އެތެރޭގެ ސިނާޢަތްތައް ޙިމާޔަތްކުރުމަކީ، ޚާއްޞަކޮށް އަލަށް ފަށައިގަންނަ ނޫނީ ޅަފަތުގައި އޮންނަ ސިނާޢަތްތައް ހިމާޔަތް ކުރުމަށް ބޭނުން ކުރާ މުހިންމު އުސޫލެއް ކަމަށް އިޤްތިޞާދީ މާހިރުން ޤަބޫލުކުރެއެވެ. އަނެއް ކޮޅުން ޓެރިފް ވެފައި ވަނީ މުހިންމު އާމްދަނީގެ ވަސީލަތަކަށެވެ. އަދި މިފަދަ ޓެރިފްތަކުން ލިބޭ އާމްދަނީއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިންފްރާސްޓްރަކްޗަރ އަދި އިޖުތިމާޢީ ވެލްފެއަރ ޕްރޮގްރާމްތައް ފަންޑުކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.

އިންޑިއާގެ ޓެރިފްތަކުގެ ތާރީޚު

1980 ގެ އަހަރުތަކުގައި އިންޑިއާގެ ޓެރިފްތައް މަތިކަމުގައި ވީނަމަވެސް، 1991 ގައި ފެށުނު އިޞްލާޙުތަކާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އުފެއްދުމަށް މަގުފަހިކޮށްދިން އުރުގުއޭ ރައުންޑްގެ މަޝްވަރާތަކާ ގުޅިގެން، ޓެރިފްތައް ވަނީ ކުޑަކޮށްފައެވެ. އިންޑިއާގެ 1991 ގެ އިޤްތިޞާދީ މިނިވަންކަމުގެ ސިޔާސަތުތަކަކީ ޤައުމުގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނުވި ކަންތައްތަކެކެވެ. މި ބަދަލުތަކުގެ ސަބަބުން، އިންޑިއާއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ވިޔަފާރީގެ ދާއިރާ ފުޅާވެ، އިޤްތިޞާދީ ދުވެލި ހަލުވިވެގެން ގޮސްފައިވެއެވެ. މިއަދު އިންޑިއާއަކީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ.

ޓެކްނިކަލް ނަޒަރަކުން ބަލާއިރު

ޓެކްނިކަލް ގޮތުން ބަލާއިރު، ޓެރިފްތައް ހުންނަނީ ދެބާވަތަކަށެވެ:

  1. އެޕްލައިޑް ޓެރިފްތައް: މިއީ ބޭރުގެ މުދަލެއް ޤައުމަށް ވަންނައިރު ސަރަޙައްދީ ބޯޑަރުގައި ނަގާ އަސްލު ޓެރިފްއެވެ.
  2. ބައުންޑް ޓެރިފްތައް: މިއީ ޑަބްލިއުޓީއޯ އާއި އެކު ޤައުމުތަކުން އެންމެ ބޮޑު އަދަދަކަށް ޓެކްސް ނެގުމަށް އިޤްރާރު ވެފައިވާ ރޭޓެވެ.

އެމެރިކާއިން ފެށި ޓެރިފް ހަނގުރާމައަކީ، ޑަބްލިއުޓީއޯގެ އެއްބަސްވުންތަކުގެ ދަށުން އެމެރިކާއިން އުފުލަންޖެހޭ ޒިންމާތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. ހުރިހާ ޤައުމުތަކަކަށް އެއް ހަމައެއްގައި ޓެރިފް ކަނޑައެޅުމަށް އެ ޤައުމުތަކުގެ އިޤްތިޞާދީ ހާލަތު ތަން ނުދެއެވެ. ދަށް އާމްދަނީ ލިބޭ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޖީ7 ޤައުމުތަކާ އަޅާބަލާއިރު މަތީ ޓެރިފްތައް ހުންނާނެކަމީ ޙަޤީޤަތެކެވެ. ވިޔަފާރީގެ ބަހުސްތަކުގައި ދެކެވޭ ވާހަކަތަކުގައި ޓެރިފްތަކަކީ ހަމައެކަނި ޕްރޮޓެކްޝަނިޒަމްގެ ވަސީލަތެއްކަމަށް ދެކެވުނު ނަމަވެސް، ޙަޤީޤަތުގައި ޓެރިފްތަކަކީ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީގެ މަރުޙަލާއާއި ގުޅިފައިވާ މުހިންމު އާލާތެކެވެ. އަދި ބައިނަލްއަޤްވާމީ ވިޔަފާރި ޖަމާޢަތްތަކުން ޤައުމުތަކުގެ ތަފާތު ތަރައްޤީގެ މަރުޙަލާތަކަށް ރިޢާޔަތްކޮށް ޓެރިފް ސިޔާސަތުތަކަށް ޚާއްޞަ އިސްތިސްނާތައް ދީފައިވެއެވެ.

އިންޑިއާގެ ޓެރިފްތައް މިންކުރެވޭ ގޮތް

އިންޑިއާގެ ޓެރިފްތައް ވަޒަންކުރުމުގައި މިންގަނޑެއް ގޮތުގައި ޓްރޭޑް-ވެއިޓެޑް ޓެރިފް އަށް ބަލާލާއިރު ޓެރިފް ރޭޓަކީ އެންމެ 4.6 އިންސައްތައެވެ. މިއިން ދައްކައިދެނީ އިންޑިޔާގެ ޓެރިފް އަގުހެޔޮ ކަމެވެ. މިއާއި ޚިލާފަށް ސިމްޕްލް އެވަރޭޖް ޓެރިފްތައް އަށް ބަލާނަމަ އިންޑިޔާގެ ޓެރިފް ބޮޑު ކަމަށް ދައްކަފާނެއެވެ. އެއީ އިންޑިޔާއިން ހިމާޔަތް ކުރާ ބައެއް ދާއިރާތަކުން ބޮޑު ޓެކްސް އެއް ނަގާތީއެވެ.

ބޮޑުކޮށް ޓެރިފް ނަގަނީ ކޮންމެހެން ހިމާޔަތް ކުރަން ޖެހޭ ސިނާއަތްތަކުން

މި ގޮތުން އިންޑިޔާ އެންމެ ބޮޑަށް ވަރޯސާވެފައިވާ އެޤައުމުގެ ދަނޑުވެރިކަމުގެ ސިނާއަތް ހިމާޔަތް ކުރުމަށްޓަކައި، އިންޑިޔާއަށް އެތެރެ ކުރާ ބޭރުގެ ތަރުކާރީއާއި މޭވާއިން ނަގާ އިމްޕޯޓް ޓެރިފް ބޮޑުވާނެއެވެ. އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ، ސީދާ ނުވަތަ ނުސީދާކޮށް ދަނޑުވެރިކަމުގެ މައްޗަށް ބަރޯސާވެއެވެ. ދަނޑުވެރިކަމަކީ ވިޔަފާރިއަށް ވުރެ ބޮޑަށް ދިރިހުރުމުގެ ވަސީލަތެއްކަމުގައި އެ ޤައުމުގައި ވެފައިވެއެވެ.

ހުޅަނގުގެ ޤައުމުތަކުގެ ދަނޑުވެރިންނަށް ސީދާ އަދި ނުސީދާކޮށް ސަބްސިޑީތައް ލިބޭއިރު އެ ޤައުމުތަކުން އިންޑިޔާއަށް އެއްވެސް ހިފެހެއްޓުމެއް ނެތި ދަނޑުވެރިކަމުން އުފައްދާ ތަކެތި އެތެރެ ކުރަން ފުރުޞަތު ދީފިނަމަ، އެ ވެގެން ދާނީ އިންޑިޔާގެ އެންމެ ފަހުގެ ނޭވާއަށެވެ. އެހެންކަމުން އިންޑިޔާއިން މި ސިނާއަތުގެ މުދަލެއް އިމްޕޯޓް ކުރާނަމަ %33ގެ ޓެރިފެއް ނަގައެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ޤައުމުތައް، މިސާލަކަށް ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާން ފަދަ ޤައުމުތަކާއި އަޅާ ބަލާއިރު ބޮޑު އަދަދެއް ނޫނެވެ.

އޮޓޮމޮބައިލްތަކަށް ބަލާއިރު، މި ސިނާޢަތަކީ އިންޑިޔާއަށް ވަޒީފާތައް އުފައްދައިދޭ މުހިންމު ދާއިރާއަކަށް ވެފައިވާތީ، މި ދާއިރާއަށް ޙިމާޔަތް ބޭނުންވެއެވެ. އިންޑިއާގެ އޮޓޮމޮބައިލް ސިނާޢަތަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އޮޓޮމޮބައިލް މާރކެޓްއެވެ. މި ސިނާޢަތުން 35 މިލިއަނަށްވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާތައް އުފައްދައިދީފައިވާއިރު، އިންޑިއާގެ ޖީޑީޕީއަށް %7.1 ޙިއްޞާކުރެއެވެ. ހުޅަނގުގެ ގައުމުތަކުން ހިފެހެއްޓުމެއްނެތި މުދާ އެތެރެ ކުރެވޭ ގޮތަށް ޓެރިފް ކުޑަކޮށްފިނަމަ، އިންޑިޔާގެ އެތައް ބަޔަކު މި ދާއިރާތަކުން ވަޒީފާ ގެއްލޭނެއެވެ.

އެހެން ޤައުމުތަކާއި އަޅާބަލާލުން

ދެން ހުރި ދާއިރާތަކުގައި އޭޝިޔާގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު އިންޑިއާގެ ޓެރިފް ރޭޓްތައް ކުޑައެވެ. ނޫނީ ހުރީ ދާދި އެއްވަރެއްގައެވެ. މިސާލަކަށް، އިލެކްޓްރޯނިކްސް އަދި ޓެކްނޮލޮޖީ ދާއިރާގައި، އިންޑިއާގައި ގިނަ އައިޓީ ހާޑްވެއަރ، ސެމިކޮންޑަކްޓަރ، ކޮމްޕިއުޓަރު އަދި ގުޅުންހުރި ބައިތަކަށް ކަނޑައެޅިފައިވަނީ 0 އިންސައްތައިގެ ޓެރިފެވެ. އިލެކްޓްރޯނިކްސްއަށް އެވަރޭޖްކޮށް 10.9 އިންސައްތަ އަދި ކޮމްޕިއުޓިންގ މެޝިނަރީއަށް 8.3 އިންސައްތައިގެ ޓެރިފް ކަނޑައަޅާފައި ވެއެވެ.

އިންޑިއާގެ ސިމްޕްލް އެވަރޭޖް ޓެރިފް ލެވެލް 15.98 އިންސައްތައަކީވެސް ތަރައްޤީވަމުން އަންނަ އިޤްތިޞާދުތަކާއި އަޅާ ބަލާއިރު ބޮޑު އަދަދެއް ނޫނެވެ. ބަންގްލަދޭޝް (14.1 އިންސައްތަ)، އާޖެންޓީނާ (13.4 އިންސައްތަ)، އަދި ޓާރކީ (16.2 އިންސައްތަ) ފަދަ އެއްވަރުގެ ނުވަތަ މަތީ ޖީޑީޕީ ޕަރ ކެޕިޓާ ހުންނަ ޤައުމުތަކުންވެސް އެއްވަރުގެ ނުވަތަ މަތީ ޓެރިފްތައް ގެންގުޅެއެވެ.

މިއާ އަޅާބަލާއިރު، ވިއެޓްނާމްގައި އިލެކްޓްރޯނިކް އިކުއިޕްމަންޓަށް 8.5 އިންސައްތަ އަދި އެންމެ މަތިވެގެން 35 އިންސައްތައިގެ ޓެރިފް ގާއިމު ކޮށްފައިވެއެވެ. ޗައިނާގައި އިލެކްޓްރޯނިކްސްއަށް 5.4 އިންސައްތަ އަދި އެންމެ މަތިވެގެން 20 އިންސައްތައިގެ ޓެރިފް ހުންނައިރު، ކޮމްޕިއުޓިންގ މެޝިނަރީއަށް 25 އިންސައްތައަށް ކަޑައަޅާފައިވެއެވެ. އިންޑޮނޭޝިއާގައި އިލެކްޓްރޯނިކް އިކުއިޕްމަންޓަށް 6.3 އިންސައްތަ އަދި އެންމެ މަތިވެގެން 20 އިންސައްތައިގެ ޓެރިފް ހުންނައިރު، ކޮމްޕިއުޓިންގ މެޝިނަރީއަށް 30 އިންސައްތަ ކަނޑައަޅާފައިވެއެވެ. މިއީ އިންޑިޔާގެ ޓެރިފް ތަކަށް ވުރެ ބޮޑު އަދަދު ތަކެކެވެ.

ނިންމުން

އިންޑިއާއިން ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަދި އޮޓޯ މާރކެޓްތަކަށް ޓެރިފް އެ ސިނާއަތްތަކުގެ ޙިމާޔަތަށް ކަނޑައަޅާފައި ވީނަމަވެސް، އިންޑިޔާގެ ޓެރިފް އަގު ބޮޑުކަމަށް ބުނެވޭކަށެއް ނެތެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ބޮޑު އިޤްތިޞާދުތަކުގެ ތެރެއިން އިޤްތިޞާދަކަށް ވާއިރު، އެޤައުމުތަކުގެ ޓެރިފް ސިޔާސަތުތަކަކީ ތަރައްޤީގެ ރޭޓް އަދި ޚާއްޞަ އިޤްތިޞާދީ ޙާލަތްތަކަށް ބިނާކޮށް ކަނޑައެޅިފައިވާ އެއްޗެކެވެ. ވިޔަފާރީގެ ބަހުސްތަކުގައި ޓެރިފްތަކުގެ ފުރިހަމަ ޙަޤީޤަތްތައް ހިމެނުމަކީ އިންސާފުވެރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

____________

މިއީ އެމެރިކާއާއި އިންޑިޔާ އާއި ދެމެދު އޮތް ޓެރިފްގެ މައްސަލާގައި އަރާފައިވާ އޮޅުންތަކާއި ގުޅޭގޮތުން newsweek.com ގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެއް.