ބަނީ އިސްރާއީލާއި، މިސްރުގައި އުޅުނު ފަރާތްތަކުގެ މައްޗަށް މާތްﷲ ފޮނުއްވި ރަސޫލަކީ މޫސާގެ ފާނާއި ހާރޫނެވެ. މޫސާގެ ފާނު ފިރުއައުނުގެ ދަރުބާރުގައި ފިރުއައުނަށް އިސްލާމް ދީނަށް ގޮވާލިއެވެ. މޫސާގެ ފާނުގެ ރިސާލާތުގައި ފުރަތަމަ އިސްލާމް ދީނަށް މާތްﷲގެ އަމުރު ފުޅާއި އެކު ގޮވާލެވުނީ ފިރުއައުނަށެވެ.
މި ވާހަކަ ކީރިތި ޤުރުއާނުގެ ސޫރަތުލް الشعراء ގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. ސޫރަތުލް الشعراء ގެ 16 ވަނަ އަދި 17 ވަނަ އާޔަތުގައި މާތްﷲ މޫސާގެ ފާނު ފިރުއައުނުގެ ދަރުބާރުގައި މާތްﷲގެ ދީނަށް ގޮވާލެއްވި ގޮތް ހާމަ ކުރައްވާފައިވެއެވެ. މި ދެ އާޔަތުގެ މާނާގައި ވަނީ:
(16) ފަހެ ތިޔައިގެ ދެކަލުން ފިރުއައުނު ކައިރިޔަށް ވަޑައިގަންނަވާށެވެ! އަދި އޭނާގެ ގާތު ތިމަންނާމެންނީ އާލަމް ތަކުގެ ވެރި ރައްބު ފޮނުއްވި ރަސޫލު ކަމަށް. ވިދާޅުވާށެވެ!
(17) އަދި ބަނީއިސްރާއީލުން އަހުރެމެންނާއެކު ފޮނުއްވައިދެއްވާށެވެ!
ނަމަވެސް ފިރުއައުނު މޫސާގެ ފާނަށް ދެއްވި ޖަވާބަކީ މޫސާގެ ފާނުގެ ގޮވާލެއްވުމާއި އެއްވެސް ގުޅުމެއް އޮތް ޖަވާބެއް ނޫނެވެ. ދެއްކީ މުޅިން ތަފާތު އެހެން ވާހަކަ އެކެވެ. މައުޟޫ އޮޅުވާލިއެވެ. މޫސާގެ ފާނާއި ދިމާލަށް ތިއީ ތިމަންނާގެ ގަނޑުވަރުގައި ކުޑައިރުއްސުރެއް ބަލައި ބޮޑު ކުރި ކުއްޖެއް ނޫންހޭ ބުނެ ސުވާލުކޮށް ދަށްކޮލަން މަސައްކަތް ކުރިއެވެ. އަދި މޫސާގެ ފާނުގެ އަތުން މީހަކު މަރުވި ވާހަކަ އަށް އިޝާރަތް ކޮށް، އެ ވާހަކަ ނުބުނެ އެކަމަށް އިންކާރު ކުރަންތޯ މޫސާގެ ފާނުގެ އަރިހުން ފިރުއައުނު އެއްސެވެ. މިވާހަކަ ޤުރުއާނުގެ ސޫރަތުލް الشعراء 18 އަދި 19 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. އޭގެ މާނާގައި ވަނީ:
(18) ފިރުއައުނު ވިދާޅުވިއެވެ. (އޭ މޫސާ އެވެ!) ކަލޭ ކުޑަކުއްޖެއްކަމުގައިވީ ހާލު ކަލޭ އަހުރެމެންގެ ތެރޭގައިހުރެ އަހުރެން ކަލޭ ތަރުބިއްޔަތު ނުކުރަންހެއްޔެވެ؟ (ކަލޭ ބަލާބޮޑުކުރީ އަހުރެންނޫންހެއްޔެވެ؟) އަދި ކަލޭގެ އުމުރުން ދުވަސްތަކެއްވާންދެން އެތައް އަހަރެއް ވާންދެން އަހުރެމެންގެ ތެރޭގައި ކަލޭ ހުރީމު ނޫންހެއްޔެވެ؟
(19) ދެން ކަލޭ އެކުރިކަންތައް ކަލޭ ކުރީއެވެ. (އެބަހީ: އަހުރެމެންގެ ތެރެއިން މީހަކުމެރީމެއްނޫންހެއްޔެވެ؟) އަދި ކަލޭވަނީ (ނިއުމަތަށް) ކާފަރުވާމީހުންގެތެރެއިންނެވެ.
ފިރުއައުނު މައުޟޫ އޮޅުވާލައި، އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ދެއްކި ވާހަކަތަކަށް މޫސާގެ ފާނު ދެއްވީ ނުހަނު ވަރުގަދަ ރައްދެކެވެ. ސޫރަތުލް الشعراء 20 ވަނަ އާޔަތުގެ މާނާގައި ވަނީ
(20) މޫސާ عليه السّلام ވިދާޅުވިއެވެ. ތިޔަބުނާ ކަންތައް އަހުރެންކުރީމެވެ. އޭރު އަހުރެންވަނީ جاهل ންގެތެރެއިންނެވެ.
އަދި އޭގެފަހުން، ފިރުއައުނުގެ ބިރުވެތިކަމަށް ފިލައިގެން މިސްރު ދޫކޮށް ދިޔަ ވާހަކަ އާއި، މާތް ރަސްކަލާންގެ ހެޔޮ ވިސްނުމާއި، ޢިލްމާއި، ނަބީކަމާއި ރަސޫލުކަން ދެއްވި ވާހަކަވެސް ފިރުއައުނަށް މޫސާގެ ފާނު ވިދާޅުވިއެވެ. އަދި ފިއުއައުނު ތިމަންނާ ބަލާ ބޮޑު ކުރި ކުރުމަކީ، ބަނީ އިސްރާއީލުން އަޅުވަތި ކުރުމަށް އޮތް ހުއްޖަތެއްތޯ ނުވަތަ ކުރެއްވި ކަމެއްތޯ އަހައި ޖަވާބު ދެއްވިއެވެ.
އެހިސާބުން ފިއުރައުއަނަށް މަޖުބޫރުވީ މޫސާގެ ފާނުގެ ސުވާލަށް އެނބުރި އައުމަށެވެ. ސޫރަތުލް الشعراء ގެ 23 ވަނަ އާޔަތުގައި އާލަމްތަކުގެ ވެރި ރަސްކަލާންގެ އަކީ ކޮއްޗެއްހޭ ބުނެ ފިރުއައުނު މޫސާގެ ފާނަށް ރައްދު ދިނެވެ.
މާތްﷲގެ ކުޅަދުންވަންތަކަމުގެ ވާހަކައިން މޫސާގެފާނު ވާހަކަ ދައްކަން ފެށުމުން، ފިރުއައުނުގެ ދަރުބާރުގައި ތިބި މީހުންނަށް ނިސްބަތްކޮށް، މޫސާގެފާނަށް މަލާމާތް ކުރަމުގެ ރާގާގައި، އަދި މޫސާގެ ފާނުގެ ގޮވާލެއްވުމަކީ އަސްލެއް ނެތް އެއްޗެއްކަން ދޭހަވާހެން "ކަލޭމެން ފަހެ އޭނާ އެދައްކާ ވާހަކައެއް ނީވޭހޭ" ބުނެ މަލާމާތް ކުރިއެވެ. މި ވާހަކަ ކީރިތި ޤުރުއާނުގެ ސޫރަތުލް الشعراء 25 ވަނަ އާޔަތުގައި ބަޔާން ކޮށްފައިވެއެވެ.
ފިއުއައުނުގެ މި އަމަލަކީ، ތެދު ބަހުން ވާހަކަ ދައްކާ ފަރާތްތަކާއި، ދެކޮޅަށް ޚުދުމުހުތާރު ވެރިން މިޒަމާނުގައިވެސް ދައްކާ މަންޒަރެކެވެ. "އެހެރީއޭ މި މީހުން ދައްކާ ވާހަކަ" ކަމަށް ބުނެ އޮޅުވާލާ ފިރުއައުނީ މަންޒަރު ފެންނަނީ މަދުންނެއް ނޫނެވެ.
މާތްﷲގެ މަތިވެރި ކަމުގެ ވާހަކައިން މޫސާގެ ފާނު ފިރުއައުނުގެ ދަރުބާރުގައި، އެ ދަރުބާރުގައި ތިބި ފަރާތްތަކަށް އަޑު އިއްވަމުން ދައްކަމުން ދިޔަ ވާހަކަ ކީރިތި ޤުރުއާނުގެ ސޫރަތުލް الشعراء 26 އަދި 28 ވަނަ އާޔަތުގައި ވެއެވެ.
އެއަޑު ފިރުއައުނުގެ ދަރުބާރުގައި ތިބި މީހުން އަޑު އަހައި، މާތް ރަސްކަލާންގެ މަތިވެރި ކަމުގެ ވާހަކައިން އެއްކައުވަންތަ ރަސްކަލާންގެ ކަން އެ ދަރުބާރުގައި ތިބި ބަޔަކަށް ޤަބޫލު ކުރެވިދާނެތީ އެކަމާއި ފިރުއައުނު ކަންބޮޑުވިއެވެ. ފިރުއައުނު މޫސާގެ ފާނާއި، އެ ދަރުބާރުގައި ތިބި އެންމެންނަށް ދެން ދެއްކީ ބިރެވެ.
ސޫރަތުލް الشعراء 29 ވަނަ އާޔަތުގެ މާނާގައިވެއެވެ.
(29) ފިރުއައުނު ބުންޏެވެ. (އޭ މޫސާ އެވެ!) ކަލޭ އަހުރެންނޫން އެހެންއެއްވެސް ފަރާތެއް - އެހެން އެއްވެސް މީހެއް އިލާހަކު ކަމުގައި އިޚްތިޔާރު ކުރަންޏާ ހަމަކަށަވަރުން ޖަލަށްލެވިފައިވާ މީހުންގެތެރެއިން އަހުރެން ކަލޭލާހުށީމެވެ. އެބަހީ: ޖަލަށްލައި ހައްޔަރުކުރާނަމެވެ.
މިއަދު ވައްކަން ނުކުރުމަށާއި، ކޮރަޕްޝަނާއި ފަސާދަ އާންމު ނުކުރުމަށާއި، ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ނުވެ، ބަޖެޓަށް އަމާނާތްތެރިވުމަށް އެދި ނޫސްވެރިން ގޮވާލާތީ، އަދި ދިވެހި އާންމު ރައްޔިތުން އެކަމަށް އެދެމުންދާތީ އެކަން ހުއްޓުވުމަށް ނޫސްވެރިންނާއި، އާންމު ރައްޔިތުންގެ ތެރެއިން އެފަދަ ވާހަކައެއް ދައްކަފާނެ ކަމަށް ބެލެވޭ ބަޔަކު ވާނަމަ، އެމީހުން ޖަލަށް ލެވޭ ގޮތަށް މަޖިލީހަށް މިވަނީ ބިލެއް ލާފައެވެ. މޫސާގެ ފާނަށް ފިރުއައުނު ޖަލުގެ ގޮޅީގެ ވާހަކައިން ބިރު ދެއްކިހެން، މިއަދު މުއިއްޒު ދަނީ ރައްޔިތުންނަށް ހަމަ އެ ބިރު ދައްކަމުންނެވެ. މުއިއްޒުގެ ދޮގު ދައުވާތަކަށް (ވައުދު ތަކަށް) ރައްޔިތުން ބީރުކަންފަތެއް ދިނުމުންނެވެ.
ފިރުއައުނު ހެން ރައްޔިތުން އަޅުވެތި ކޮށްގެން އުޅޭ ވެރިއަކަށް ފިރުއައުނު ދައްކާ ބިރެއް ނޫން އެއްޗެއް ނުދެއްކޭނެއެވެ. މާތްﷲ ބަނީ އިސްރާއީލުން ފިރުއައުނުގެ ކިބައިން ސަލާމަތް ކުރެއްވިހެން މުއިއްޒުގެ ކިބައިން ދިވެހި ރައްޔިތުން ލަސްނުކޮށް ސަލާމަތް ކޮށްދެއްވާންދޭވެ. އާމީން.