ރާއްޖެ އަޅުވެތިކޮށް، ދުސްތޫރީ ޑިކްޓޭޓަރޝިޕެއްގެ ތެރެއިން ވެރިކަން ކުރަމުންދާ މުއިއްޒުގެ ވެރިކަން 2028ގެ ރިޔާސީ އިންތިހާބުގެ ކުރިން ނިމުމަކަށް އައުމަށް ރާއްޖޭގެ ރައްޔިތުންގެ %87 މީހުން ބޭނުންވާ ކަމަށް ދިޔަވަރު ނޫހުން ނެގި ޕޮލް އަކުން ހާމަވެއްޖެއެވެ.
މި ޕޮލްގައި ޖުމްލަ 306 މީހުން 24 ގަޑި އިރު ތެރޭ ވޯޓުލާފައިވެއެވެ. 306 މީހުންނަކީ ރަނގަޅު ސާމްޕަލިންގ އަދަދަކަށް ވާއިރު، މީގެ ކުރިން މުއިއްޒުގެ ވެރިކަން 2028ގެ ކުރިން ނިމުމަމަށް ގެނައުމަށް ދިޔަވަރު ނޫހުން އޭރު ބެލި ބެލުމުން ގިނަ ބަޔަކު ބޭނުން ނުވެއެވެ. އެކަން ބަދަލުވެފައި ވަނީ މީޑިޔާ ބިލުގެ ނަމުގައި ރައްޔިތުން ކޮންޓްރޯލް ކުރަން މުއިއްޒު ނުކުތް ހިސާބުންނެވެ. އޭގެ ކުރިންވެސް މުއިއްޒަށް އޮތީ %18 ތާޢީދުކަން ބައެއް އިންޑައިރެކްޓް ޕޮލްތަކުން ހާމަވެފައި ވެއެވެ. މުއިއްޒުގެ ތާޢީދު %18 އަށް ވެއްޓިފައި އޮތް ނަމަވެސް ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މުއިއްޒު ވެރިކަމުން ބޭރު ކުރުމުގެ ޚިޔާލަށް އޭރު ގިނަބަޔަކު ތާޢީދެއް ނުކުރެއެވެ.
ރައްޔިތުން ކޮންޓްރޯލް ކުރާ ބިލާއި އެކު، ސަރުކާރާއި ދެކޮޅަށް އާ އިތުރު އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާ އަށް ނުކުމެފައެވެ. ހާއްސަކޮށް ޒުވާނުންނެވެ. މިއީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށް ނުވާއިރު، އެމީހުންގެ ފިކުރު ހުރީ ރައީސް މުއިއްޒުގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމުގެ މައްޗަށެވެ.
ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލު ބޮޑުވެފައި ވަނިކޮށް، ފަރުދީ މިނިވަން އެއްކޮށް ދުއްވާލުމަށް މުއިއްޒު ގެނައި ބިލާއި އެކު މުއިއްޒު ހީވެސް ނުކުރާ ވަރަށް ރައްޔިތުންގެ ލޭ ވަނީ ކެކިފައެވެ. އަދި ޕާޓީތަކަށް ބަރޯސާވެގެން އޮތް ސަގާފަތް ދޫކޮށް، ރާއްޖޭގެ ހައްޤުގައި ޒުވާނުން މިވަނީ އެއްވެސް ސިޔާސީ ފިކުރަކާއި ނުގުޅި ތެދުވާން ފަށާފައެވެ.
ރައްޔިތުންގެ ނުރުހުމުގައި ވެރިކަމުގައި ހުރުމަކީ ދުނިޔޭގެ އެއްވެސް ވެރިއަކަށް އެއްވެސް އިރަކު ކުރެވިފައިވާ ކަމެއް ނޫނެވެ. އެއީ ރަސްކަމެއް ކަމުގައި ވިއަސް، އަދި ކޮންސްޓިޓުއުޝަނަލް ޑިކްޓޭޓަރޝިޕަކަށް ވިޔަސް މެއެވެ. މިސްރުން ނެޕޯލިއަން ބޮނަޕާރޓް 1799 ގައި ފިލައިގެން ދާން ޖެހުނު ހާދިސާއިިންވެސް މިކަން ސާފުވެއެވެ. ރައްޔިތުންގެ ލޯބި ނުލިބި ރައްޔިތުންނަށް ދޮގު ހަދަން އާދަވެފައިވާ މީހަކަށް ވެރިކަމެއް ނުކުރެވޭނެއެވެ. މަކަރުވެރިކަމާއި އެކު އިންތިހާބު ފޭރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ސިޔާސީ މާހިރުން ލަފާދެއެވެ.
މީގެ ކުރިން ދިޔަވަރު ނޫހުންވެސް މުއިއްޒުގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ ވެރިކަން ނިމުމަކަށް ތާޢީދު ނުކުރައެވެ. ނަމަވެސް ރައްޔިތުންނަށް ޤާނޫނުން އަދި ޤާނޫނު އަސާސީއިން ލިބިދީފައިވާ ޤާނޫނީ ހަމަތަކުގެ މަތިން މުއިއްޒުގެ ވެރިކަން ޤާނޫނާއި އެއްގޮތަށް ނިމުމަކަށް ގެންނަން ދިޔަވަރު ނޫހުން މިހާރު ތާޢީދު ކުރަމެވެ.