ޚަބަރު

މަޖިލިސް ރައީސް އަސްލަމް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކޮށްފި

ދިޔަވަރު
މަޖިލިސް ރައީސް އަސްލަމް ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އައްޔަނުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ އަސްލަމަށް ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެވެ.

މިރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމުގެ ލިޔުން އަސްލަމާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ޖޭއެސްސީގައި އަސްލަމް އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވަންޖެހޭއިރު މިވަގުތު އެ ކޮމިޝަންގައި ތިއްބެވީ ނުވަ މެންބަރުންނެވެ.

ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވި އަބްދުލްމާނިއު ހުސައިން މިމަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޖާގައަށް އަދި ބޭފުޅަކު ކަނޑައަޅާފައެއް ނުވެ އެވެ.