ނޫސްވެރިން ކަސްތޮޅު އެޅުވުމަށް މުއިއްޒުގެ އަމުރަށް ފާސްކުރަން މަޖިލިހުން މަސައްކަތް ކުރަމުންދާ މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިން މުއިއްޒުގެ އަމުރަށް ގަދަބާރުން ކޮމިޓީން ނެރެ، މުއިއްޒުގެ ނުލަފާކަން މިއަދު ދައްކާލައިފިއެވެ.
ބުދަ ދުވަހުގެ 10 ޖެހި އިރު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރުކުރުމުން، މީޑިއާ ބިލު ދިރާސާކުރި ކޮމިޓީ ސިއްރު ކުރީ މަޖިލީހުގެ ކޮން މާއްދާއަކުންތޯ ކޮމިޓީއަށް ދިޔަ ނޫސްވެރިން ސުވާލުކުރުމުން މަޖިލީހުގެ ސެކިއުރިޓީ ގެނެސްގެން ނޫސްވެރިން ގަދަކަމުން ކޮމިޓީ އިން ވަނީ ބޭރުކޮށްލާފައެވެ. އެނގިފައިވާ ގޮތުގައި ނޫސްވެރިން ކޮމިޓީން ބޭރުކޮށްލާފައިވަނީ ސީދާ މުއިއްޒުގެ އަމުރަށެވެ.
އެހެންނަމަވެސް ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންނަށް ސިއްރު ނުކުރެވޭނެކަމަށްބުރެ މަޖިލިހުގެ އިމާރާތުގެ ތެރޭގައިވެސް އަޑު އުފުލާފައެވެ.
މިކަމާއި ގުޅިގެން ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓް (ސީޕީޖޭ) އިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ ކޮމިޓީ އިން ނޫސްވެރިން ގަދަކަމުން ބޭރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ޖަމިއްޔާއިން ވަނީ ޑިމޮކްރެޓިކް ނޫން މި ޕްރޮސެސް ހުއްޓާލައި، ނޫސްވެރިންނާއި އާންމުންނަށް މިނިވަންކަމާއެކު މައުލޫމާތު ހޯދުމާއި ހިއްސާކުރުމާއި ބަހުސްކުރުމުގެ އަސާސީ ހައްގުތައް ހިފެހެއްޓުން ކުށްވެރިކޮށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ދަމަހައްޓާ، ބިިލު އަނބުރާ ގެންދަން ގޮވާލަފައެވެ.
މީޑިއާތައް ތަޅު އަޅުވާ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާއިން ކުރިން ނެރުނު ބަޔާނުގައި މީޑިއާގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ.
ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރ ބެހް ލިހް ޔީ ވިދާޅުވީ ރައީސް މުޢިއްޒު މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވަޢުދު ފުއްދުމަށްޓަކައި ނޫސްވެރިކަން "ފަހަތަށް ޖެހޭ" ގޮތަށް އޮތް މި ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. މި ބިލުގެ ދަށުން މިހާރު ހިނގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި، އައު ކޮމިޝަނެއް ގެ ގޮތުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.
އައު ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 3 މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިރު، ކޮމިޝަނުގެ ރައީސް ވެސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާއިން އިންތިޚާބުކުރާ 4 މެންބަރުން މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭނެއެވެ.
މި ބިލުގެ ދަށުން ނޫސްވެރިންނަށް 5,000 އާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، މީޑިއާ ވަސީލަތްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ވެބްސައިޓްތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންދާނެއެވެ.
މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފައިވަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއް ކަމަށާއި، ބިލު އެކުލަވާލުމުގައި ނޫސްވެރިންނާއި މީޑިއާ ވަސީލަތްތަކުގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިނިވަން މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު އޯގަސްޓް 18 ވަނަ ދުވަހުއެވެ. މި ބިލަކީ މިދިޔަ އަހަރު ވެސް މިފަދަ ބިލެއް ހުށަހެޅި، އެ ބިލު އަނބުރާ ގެންދެވި ފަހުން އަލުން ހުށަހަޅާފައިވާ ބިލެކެވެ.
މިދިޔަ އަހަރު މި ބިލް ހުށައަޅާ އެކަމަށް ނޫސްވެރިން އިހްތިޖާޖް ކޮށް ބައިނަލްއަޤްވާމީ ކަމާގުޅޭ ޖަމްއިޔާތަކުން ބަޔާންތައް ނެރެންފެށުމުން ، ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ނޫސްވެރިކަން ކޮންޓްރޯލްކުރުމަށް ތާއީދު ނުކުރައްވާ ކަމަށާއި، މީޑިއާގެ މިނިވަންކަން އިތުރަށް ފުޅާކުރަން ބޭނުންފުޅުވާ ކަމަށެވެ.
މުއިއްޒު ގެންދަވަނީ މިނިވަން މުވައްސަސާތަކާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި އަދި ރައްޖޭގެ އެތައް މީޑިއާއަކާއި ދެކޮޅަށް ގަދަބާރުން މި ބިލް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.