ޚަބަރު

ކްރައިމް ސީން ރޫޅާލި ކަމަށް ބުނެ ދޮގު ހަދައިގެން ފޮރިން މިނިސްޓަރ ޚަލީލު، ނޫސްވެރިޔާ ހުސެން ފްރޭމް ކުރުމަށް މަސައްކަތް ކޮށްފި

ދިޔަވަރު
ކްރައިމް ސީން ރޫޅާލި ކަމަށް ބުނެ ދޮގު ހަދައިގެން ފޮރިން މިނިސްޓަރ ޚަލީލު، ނޫސްވެރިޔާ ހުސެން ފްރޭމް ކުރުމަށް މަސައްކަތް ކޮށްފި

ކްރައިމް ސީން ރޫޅާލި ކަމަށް ބުނެ ދޮގު ހަދައިގެން ފޮރިން މިނިސްޓަރ ޚަލީލު، ނޫސްވެރިޔާ ހުސެން ފްރޭމް ކުރުމަށް މަސައްކަތް ކޮށްފިއެވެ.

ރައީސް ސޯލިހް ކޮށްފައިވާ ޓްވީޓް އަކަށް ޖަވާބު ދެމުން ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޚަލީލު ވަނީ ހަތާވީހުގެ ނޫސްވެރިޔާ ހުސެއިން ކްރައިމް ސީން ރޫޅާލަން މަސައްކަތް ކުރި ކަމަށް ބުނެ ދޮގު ހަދައި ޓްވީޓް ކޮށްފައެވެ.

ހުސެއިން ހައްޔަރު ކޮށްފައިވަނީ މަގު މަތިންނެވެ. ކްރައިމް ސީން އަކުން ނޫނެވެ. އެތާގައި އެތައް ބަޔަކު ތިއްބައެވެ. ކުރިހާވެސް ކަމަކީ ފޮޓޯއެއް ނެގުމެވެ. ފޮޓޯ ނެގުމަކީ ޤާނޫނީ ކުށެއް ނޫނެވެ. އެ ވަގުތު އެތަނުގައި ތިބި އެތައް ބަޔަކު ދިޔައީ ފޮޓޯ ނަގަމުންނެވެ. ހުސެއިން ހައްޔަރު ކޮށް އަނިޔާކޮށް ޑިކީ ތެރެއަށް ގަންނަވާލި މަންޒަރު އެތާތިބި އެންމެންނަށް ފެނުނެވެ. އަދި ހައްޔަރު ކުރި އިރު ނެގި ފޮޓޯ ވެސް ހުއްޓައި، ޤައުމުގެ ފޮރިންގ މިނިސްޓަރުކަން ހަވާލު ކޮށްފައިވާ މީހަކު މިވަރަށް މިކަމުގައި ދޮގު ހަދާފައި މިވަނީ ދޮގު ހެދުމާއި ކަންކަން އޮޅުވާލުމާއި، އަނިޔާވެރިވުން ހައްދު ފަހަނަ އަޅާއި ގޮސްފައިވާތީއެވެ. އަދި ކަނޑައެޅިގެން ނުކުރާ ކަމެއްގައި، ނެތް ތަނެއްގައި ހުރި ކަމަށް ބުނެ ހުސެއިން ފްރޭމް ކުރުމުގެ ބޭނުމުގައެވެ.

ހުސެއިން ހައްޔަރު ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށެވެ. ހައްޔަރުގައި ހުރީ ޤާނޫނާއި ޚިލާފަށެވެ. އަދި އަނިޔާކޮށްފައިވަނީ އިންސާނިއްޔަތާއި ޚިލާފަށެވެ. އަދި ކުރި އަނިޔާއަކީ ފުލުހަކު ލައްވައި މުއިއްޒު ހިންގާފައިވާ ޖިނާޢީ ކުށެކެވެ.

ޚަލީލު އަކީ އިލްމީ ގޮތުން ވަގު ޑރ ސަނަދެއް ގެންގުޅޭ، ހެޔޮ ވިސްނުމުން ވިސްނުމުގައި ނާގާބިލު އަދި އިންތިހާއަށް ހީލަތްތެރި މީހެކެވެ. އޭނާ އެ މަގާމު ހޯދާފައިވަނީ މުއިއްޒުގެ ކޮއްކޮ ސައުދާ މަޖިލީހަށް ހޮވާދޭ ގޮތުގެ މަތިންނެވެ. އަދި ސާޖިދާ އާއި ދެމެދު ބާއްވާ ގާތް ގުޅުމުގެ ތެރެއިންނެވެ. ޚަލީލު އަކީ އެއްވެސް ވަރަކަށް ޕީޕީއެމް އިން ވެރިކަން ހޯދަން ކުރި މަސައްކަތުގައި ބައިވެރިވި މީހެއް ނޫނެވެ. މީނާއަކީ އިންތިހާއަށް ހުރިހާ ކަމެއްގައިވެސް ނާގާބިލު މީހެއްކަން މީނާ އާއި އެކު މަސައްކަތް ކުރި އެންމެން ފާހަގަ ކުރެއެވެ. ރާއްޖެއަށް މިހާ ބޮޑެތި ގެއްލުންތައް ވަމުން ދަނީ މިފަދަ ނާގާބިލު ގޮތެއް ފޮތެއް ނެތް ނުބައި އަނިޔާވެރިން މަގާމުތަކަށް އިސްކޮށްގެންނެވެ. ރައީސް ޔާމީން ހުރި އިރު މިކަހަލަ ދެއުޅިއެއް ނުވާ މަރުމޯލުން މަގާމުތަކަށް އައްޔަން ނުކުރެއެވެ. އޭރު މީނާ ހުރީ މަޖިލީހުގައެވެ. އަދި މަޖިލީހުގައި އެންމެ ބޮޑަށް ބުއްދި ހަމަ ނުޖެހޭ ކޮސް ވާހަކަ ދައްކާ މީހުން ތެރޭ އޭރުވެސް މި ޚަލީލު ހިމެނެއެވެ. ޕީޕީއެމް ޕީއެންސީ އިން ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އެންމެ ކޮސް ޓްވީޓްތައް ކޮށްފައިވަނީވެސް މީނާއެވެ. ހަޤީގީ ތައުލީމެއް ނެތް، ދުނިޔޭގެ އާއްޖު ފާއްޖު ނުދަންނަ ޖާހިލެއްކަން މީނާ 2011 އިން ފެށިގެން ކޮށްފައިވާ ޓްވީޓްތަކުން ސާފުކޮށް އެނގޭނެއެވެ. ފޮރިން މިނިސްޓަރު ކަމަށް މީނާއަށް ވުރެ، އެ މިނިސްޓްރީގެ އެންމެ އާދައިގެ ސްޓާރފް ވެސް އެތައް ހާސް ގުނައަކުން މާ ގާބިލު ވާނެއެވެ.

މުއިއްޒުގެ ސަރުކާރުގައި ގިނައިން ތިބީ މި ގޮތަށް މީހުންނަށް އަނިޔާކޮށް، ނުބައިކަން ދައްކާ ސިކު މީހުންނެވެ. މީގެ ތެރެއިން އޭޖީ އުޝާމަކީ ރާއްޖޭގެ ތާރީޚު ނުދެކޭ ވަރުގެ ބޮޑު އަނިޔާވެރިއެކެވެ. މުއިއްޒުގެ އަނިޔާ އާއި، ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުންދާ ކެކުޅުމުގެ އަސްލަކީ ޤާނޫނާއި، ޤާނޫނު އަސާސީ ބަދަލުކޮށް ރައްޔިތުންނަށް މުއިއްޒު ދައްކަމުންދާ އަހުވައެވެ. އެކަމުގައި ހުރީ އާރުސީސީ ގައްދާރު އުޝާމެވެ.

ކުރިއަށް އޮތީ މީހުން ޖަލު ގޮޅިއަށް ލުމާއި، އަނިޔާ ކުރުމާއި، މީހުން ގެއްލުވާލުން ފަދަ ކަންކަން ކަމަށް ގަބޫލު ކުރެވެއެވެ. ޤާނޫނުތައް އޮތީ އަނިޔާވެރިކަމަށް ބައްޓަން ކޮށްފައެވެ.