ޚަބަރު

މުއިއްޒުއަކީ އިންސާނުންނާއި ޖަނަވާރުންގެތަފާތުވެސް ދަންނަ މީހެއް ނޫން, ބުއްދީގެ މަތިވެރި ނިއުމަތުން އިންސާނާ މަޙުރޫމެއް ނުކުރެވޭނެ، ޚިޔާލާއި ފިކުރުގަ ތަޅެއް ނޭޅުވޭނެ

ދިޔަވަރު
މުއިއްޒުއަކީ އިންސާނުންނާއި ޖަނަވާރުންގެތަފާތުވެސް ދަންނަ މީހެއް ނޫން, ބުއްދީގެ މަތިވެރި ނިއުމަތުން އިންސާނާ މަޙުރޫމެއް ނުކުރެވޭނެ، ޚިޔާލާއި ފިކުރުގަ ތަޅެއް ނޭޅުވޭނެ

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންސާނުންނާއި ހައިވާނުންގެ އެންމެ އަސާސީ ތަފާތަކީ ބުއްދީގެ މަތިވެރި ނިއުމަތެވެ. ޖަނަވާރުންނަކީ ބުއްދީގެ މަތިވެރި ނިއުމަތުން މާތްކުރެވި މަޚުލޫގެއް ނޫނެވެ. އެއާއި ޚިލާފަށް އިންސާނުންނަކީ ބުއްދީގެ މަތިވެރި ނިއުމަތުން މާތްކުރެއްވި މަޚުލޫގެކެވެ. ހައިވާނުންނާއި އިންސާނުންގެ މެދުގައި ހުރި އެންމެ ބޮޑު އަސާސީ ސިފައަކީވެސް މިއީއެވެ. ނަތީޖާއެއްގެ ގޮތުން ބުއްދިން ވިސްނާ ފިކުރުކޮށް، ދުނިޔޭ އާރާސްތުކުރުމަށް ވަނީ އަންގަވާފާވެސް މެއެވެ.

ބުއްދި ކުރުމާއި، ފިކުރު ކުރުމާއި، ދުލުން ބަސް ބުނުމަކީ އިންސާނާގެ ފިތުރަތެވެ. ދުނިޔެއަށް އުފަން ވީއްސުރެ ކަށްވަޅަށް ދަންދެންވެސް އިންސާނާ ފިކުރު ކުރާނެއެވެ. ވިސްނާނެއެވެ. އެކި މީހުން އެކި މިންވަރަށެވެ.

ހަމައެއާއެކު ފާހަގަކޮށްލާންޖެހޭ އަނެއް ކަމަކީ، ގުދުރަތުން މި ކުރެއްވި ބޮޑު ހަދިޔާ އިންސާނިއްޔަތު ބަލައިގެންފައިވާ މިންވަރެވެ. ބަލައިގެންފައިވާ ގޮތެވެ. ބުއްދި ކުރުމާއި، އަދި އެބުއްދިއަށް އަންނަ އެއްޗެއް ދުލާއި ގަލަމުން ބަޔާން ކުރުމަކީ ދުނިޔޭގެ ހުރިހާ މުޖުތަމަޢެއްގައިވެސް ބަލައިގެންފައިވާ ކަމެކެވެ. އެކަން ހިމާޔަތް ކުރުމަށް ވަނީ ގާނޫނުތަކާއި ގަވާއިދުތައްވެސް ހަދާފައެވެ. އެއީ ހައްގެއްކަމަށް ކަނޑައަޅާ، ގައުމުތަކުގެ ގާނޫނު އަސާސީގައިވެސް ވަނީ އެހައްގު ލިޔެ ބަޔާން ކޮށްފައެވެ. އިސްލާމީ ގައުމުތަކާއި ޢައިރު މުސްލިން ގައުމުތަކުގައިވެސްމެއެވެ. ދިވެހިރާއްޖޭގައިވެސް އެކަން އޮތީ އެބީދައިން ބަޔާން ކޮށްފައެވެ. އިސްލާމް ދީނުގެ އެއްވެސް އަސާސަކާއި ޚިލާފް ނުވާނޭ ގޮތުގެ މަތީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ އޭގެ އެންމެ ފުޅާ މިނުގައި ފޯރުކޮށް ދީފައެވެ.

މިއުސޫލު މިގޮތުގައި ވަނިކޮށް، މުއިއްޒު މިއުޅުއްވަނީ އިންސާނުންނާއި ޖަނަވާރުންގެ ތަފާތު ވަކި ނުކުރެވިގެންނެވެ. އިންސާނުންގެ ދުލުގައި ތަޅު އަޅުވާށެވެ. ބުއްދި ނުކުރެވޭ ގޮތް ގާނޫނަކުން ހަދާށެވެ. ޚިޔާލާއި ފިކުރުގައި ތަޅު އަޅުވާށެވެ. މިއީ ދުނިޔެ ފެށުނީއްސުރެ މިއަދާއި ހަމައަށްވެސް ކާމިޔާބު ކުރެވިފައިވާ ސިޔާސަތެއް ނޫނެވެ. އިންސާނެއްގެ ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެއެވެ. މުއިއްޒުއަކީ ކަނޑުކޮހެކެވެ. މަޖިލީހުން ކޮންޓްރޯލް ބިލް ފާސްކުރިޔަށް އެބިލަށް ނޫސްވެރިން އަމަލެއް ނުކުރާނެއެވެ. ފިނދަނަ މުއިއްޒު ޖެހޭނީ ފަހަތަށް ޖެހޭށެވެ.