މިނިވަން ނޫސްވެރިކަމަށް އަނެއްކާވެސް އެކުރިމަތި ކުރުވީ އަނިޔާއެކެވެ. ނޫސްވެރިން އެއްވެ އަޑުއުފުލަމުންދިޔަ މީޑިއާ ފެންޑާ ކުއްލިއަކަށް އުވާލައިފިއެވެ. ނޫސްވެރިން އެމީހުންގެ ޙައްޤުގައި ތެދުވީމާ، ހޭ ނުޖެހޭ ކުޑަކުއްޖަކު ބޮޑާ ހާކާފައި އަނެއް ކުއްޖާއަތުން ކުޅޭ އެތި އަތުލާ އުސޫލު ނޫން އެއްޗެއް މުއިއްޒުގެ ކިބައިން ނުފެނެއެވެ. ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވާތާގައި، ވެރިކަމުގައި ގަދަ ބާރު ދައްކައިގެން އޮބި އަޅައިގެން އުޅުމަށް މުއިއްޒު މަސައްކަތް ކުރަމުން ދަނީ މީޑިޔާ ނައްތާލައިގެންނެވެ.
ރައީސް އޮފީހުން ދެއްކި ހުސް ޢުޛުރުތަކަކީ "ހުއްދަ ނުނަގާ ބަޔަކު" ވަދެއުޅުނު ކަމަށާއި، "ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް" ޢަމަލުކުރި ކަމަށް ބުނެއެވެ. ނަމަވެސް ޙަޤީޤަތަކީ މީޑިއާ ފެންޑާ ހުޅުވިތާ މަސްތަކެއް ވަންދެން އެތަން އޮތީ ހުސްކޮށެވެ. ނޫސްވެރިން އެތަނުގައި އެއްވާން ފެށުމުން ކުއްލިއަކަށް "އުސޫލުތަކާ ޚިލާފުވި" ވާހަކަ ދައްކަން ފެށީއެވެ.
މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ. މުއިއްޒަށް ނޫސްވެރިންގެ އަޑު ބާރުވަމުން އަންނަކަން އެނގި ވަނީ ޖެހިލުން ވެފައެވެ. މި ބިލާއި ދެކޮޅަށް ރައްޔިތުން ތެދުވަމުން އަންނަކަމީ މުއިއްޒު ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން ޕްރެސް ފްރީޑަމްގެ ސިންބޮލިކް ސަރަޙައްދު ނެތިކޮށްލުމަކީ ރައްޔިތުން ހިމޭން ކުރަން ކުރާ ނާކާމިޔާބު މަސައްކަތެކެވެ.
ޚިޔާލު ތަފާތުވުމާއި ފާޑުކިޔުމަށް އެއްވެސް ޖާގައެއް ނުދޭ ދަރަޖައަށް ކެތްތެރިކަން ކުޑަ މުއިއްޒަކީ މަކަރާއި ހީލަތާއި ދޮގުން ފުރިގެންވާ މީހެކެވެ.
މީގެ ކުރިން ވެސް މުއިއްޒު ދެއްކީ މިފަދަ ރުންކުރި ސިފަތަކެކެވެ. ނޫސްވެރިން ސުވާލު ކުރުމުން ރުޅިއައިސް ނޫސް ކޮންފަރެންސް ނިންމާލުމާއި، ފާޑުކިޔާ ބަޔަކަށް އެކި ގޮތްގޮތުން ބިރުދެއްކުމާއި، އަދި މިހާރު ނޫސްވެރިކަން މަރާލަން ބިލެއް ހުށަހަޅާފައި ވުމަކީ މީނާއަކީ ޑިމޮކްރެޓިކް ވެރިކަމަކަށް ކުފޫ ހަމަ ނުވާ ނާގާބިލު މީހެއްކަން ދައްކައިދެ ކަންކަމެވެ.
ކަންކަން މިހެން އޮތްއިރު، ސުވާލަކީ ޤައުމެއްގެ ވެރިކަން ހިންގަން ބޭނުންވާ ހިތްވަރާއި ކެތްތެރިކަން މުއިއްޒުގައި އެބަހުރިތޯއެވެ. ނޫސްވެރިންގެ ސުވާލަކަށް ކެތް ނުކުރެވޭ، ފާޑުކިޔުމަށް ބިރުގަންނަ، އަދި ރައްޔިތުން އެއްވުމަށް ޖާގަނުދޭ ލީޑަރަކަށް ޤައުމަށްޓަކައި ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ.
މީޑިއާ ފެންޑާ އުވާލިޔަސް، ނޫސްވެރިންނާއި ރައްޔިތުންގެ އަޑު ކަނޑުވައެއްނުލެވޭނެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގެނެވޭ ކޮންމެ ހަނިކުރުމަކުން ސަރުކާރަށް ލިބޭނީ އިތުރު ގެއްލުމެވެ.