ރާއްޖޭގެ މީޑިޔާގެ ދާއިރާގައި ފެއިލް ވެފައިވާ ޚަލީލަކީ މީހުންނަށް އޮޅުވާލުމާއި، ދޮގު ވާހަކަ ދައްކައިގެން އެތައް ބައެއްގެ އަތުން މީޑިޔާ ހިންގުމުގެ ނަމުގައި ފައިސާ ނަގައިގެން އުޅޭ މީހެއްކަން، މިއީ ރާއްޖޭގެ މީޑިޔާ އިންޑަސްޓްރީ ތެރޭގައި މަޝްހޫރު ވާހަކައެކެވެ. އޭނާއަކީ ”އަނގަވިއްކައިގެން“ އުޅޭ މީހެއް ގޮތުގައި މަޝްހޫރުވެފައިވާ އަގެއް ނެތް މީހެކެވެ. މީޑިއާގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ހަމަ ކޮންމެ މީހަކަށްމެ މިއީ ސާފުކޮށް ފެންނާން އޮންނާނެ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. އާންމުކޮށް ރައީސް މުއިއްޒުގެ ސަރުކާރުގައި ފެންވަރު ދަށް މީހުންނަށް ފުރުޞަތު ދޭ އުސޫލުން، މުއިއްޒު ވެރިކަމަށް އައުމާއެކު އެންމެ ފުރަތަމަ ރައީސް އޮފީހުން ވަޒީފާ ކަށަވަރުކުރި އެކަކީ މި ހޯރަފުށީ ޚަލީލެވެ.
އެހެންނަމަވެސް މުއިއްޒު އޭނާއަށް ވަޒީފާ ދިނީ އޭނާވަރުގެ މީޑިއާގެ ދާއިރާގެ ފުންނާބު އުސް އެހެންމީހަކު ހުންނާނެ ކަމަށް ދެކިގެންކަމަށް ވެދާނެއެވެ. އަދި އެއީ މި "އަނގަ ވިއްކާ" ޚަލީލުއަކީ, މުއިއްޒު ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި އިރު މުއިއްޒުއަށް މީޑިއާގެ ދާއިރާއިން ކޮރަޕްޝަންގެ ޑީލްތައް ”ކަޓު“ ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން މީހަކަށް ވާތީކަމަށްވެސް ވެދާނެއެވެ. އެގޮތުން ޚަލީލުއާއެކު ރައީސް އޮފީހުގައި މިހާރުވެސް މަސައްކަތް ކުރަމުންދާ އިކުރާމްއާ (އިކްރާމްއަކީ އޭނާ މައުހަދުން ކިޔާވާ ނިމުނުގޮތަށް ވަގު ސެޓްފިކެޓެއް ހަދައިގެން އަރުވާލި މީހެއް) ދެމީހުން މުއިއްޒުގެ މޭޔަރު ކަމުގައި, ޚަބަރު ވެބްސައިޓްތައް ހަދައިގެން ސިޓީ ކައުންސިލުން ދިޔައީ, އޭރުވެސް މުއިއްޒުއަށް ބައި އެޅޭގޮތަށް ފައިސާ ނަގަމުންނެވެ.
އެހެންނަމަވެސް މީޑިއާއަށް މާބޮޑަށް ފަރިތަކަމަށް ބުނާ މި ޚަލީލަކީ ހަގީގަތުގައިވެސް މީޑިއާއަށް ފަރިތަ މީހެއްތޯ ބަލާލުމުގެ ބަދަލުގައި އޭނާއަކީ މީޑިއާގެ މިތުރެއްތޯ ނުވަތަ ހަތުރެއްތޯ ބަލާލުން މިވަގުތު މިވަނީ މާ އައުލާކަން ބޮޑުވެފައެވެ. ސަބަބަކީ ޚަލީލުގެ މީޑިއާގެ ތަޖުރިބާގެ ވާހަކައަކީ މިއަދު ދެއްކުމުގެ މާބޮޑު ބޭނުމެއް އޮތް ވާހަކައަކަށް ނުވާތީއެވެ. އޭނާ މީޑިއާއާއި ހަވާލުވެގެން ރައީސް އޮފީހުގައި ހޭދަކުރި 2 އަހަރު ދުވަހުގެ ތެރޭގައި، މުއިއްޒު ވެގެން މިދިޔައީ މީޑިއާގެ ބޮޑު އަދުއްވަކަށެވެ. މުއިއްޒުއަކީ ބޮޑު ދޮގުވެރި ކައްޒާބެއްގެ ގޮތުގައި ލޭބަލްވެ ނިމިއްޖެއެވެ. ރާއްޖޭގެ ހުރިހާ ނޫސްވެރިންނަކީ މިސަރުކާރުގެ ދުޝްމަނުންގެ ގޮތުގައި ލޭބަލްވެ ނިމިއްޖެއެވެ. އެހެންކަމުން އޭނާ މީޑިއާގެ ދާއިރާގެ ތަޖުރިބާގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތުނީއެވެ.
އާދޭހެވެ! އެހެންނަމަވެސް އަދިވެސް އޭނާ ހެދިގެން އުޅެނީ މީޑިއާއަށް އޭނާވަރުގެ ފަރިތަ މީހަކު ނެތްކަމަށެވެ. މީޑިއާގެ މީހުންނާ ވަރަށްވެސް ގުޅުން ބޮޑު މީހެއްކަމަށެވެ. މީޑިއާއަށް އެހާމެ ބޮޑަށް ހެޔޮ އެދޭ މީހެއް ކަމަށެވެ. އެހެންނަމަވެސް ތާރީޚު ހެކިދެނީ މިހަގީގަތާއި މުޅިން އިނދިކޮޅަށެވެ. މިހާރު ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެކޭ އެއްފަދަ ގޮންޖެހުންތަކެއް ރައީސް ޔާމިންގެ ވެރިކަމުގައިވެސް ނޫސްވެރިންނާ ކުރިމަތިލާން ޖެހުނެވެ. އޭރު ނޫސްވެރިކަން ތަޅު އެޅުވުމަށް، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ އަބުރުގެ ބިލެކެވެ. ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރޭވޭ ގޮތަށާއި، ޖިނާއީ ބޮޑެތި ދައުވާތައް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި އޮތް ބިލެކެވެ. އެބިލް ނޫސްވެރިން އިހިތިޖާޖު ކުރަމުން ދަނިކޮށް އޭރުގެ މަޖިލިހުން ފާސްކުރިއެވެ. އެބިލް ބާތިލް ކޮށްފައިވަނީ ވެރިކަން ބަދަލުވެ އެމްޑީޕީގެ ސަރުކާރު ފެށުމާއެކުއެވެ. އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް އެބިލް ފާސްކުރުމަށް ކުރެވުނު މަސައްކަތުގައިވެސް އޭރުވެސް ނޫސްވެރިންނާ ދެކޮށް ހުރިހާ ޕްރޮޕަގެންޑާއެއް ހިންގާފައިވަނީ މި ހޯރަފުށީ ޚަލީލު އިސްވެ ހުރެގެން ކަމެވެ. އޭރު ޕީއެސްއެމްގެ އެމްޑީއަކަށް ހުރެ، އެބިލް ޕްރޮމޯޓުކޮށް، ނޫސްވެރިންނަށް ކުރިމަތި ކުރުވިހާ ޕްރެޝަރެއް ކުރިމަތިކުރުވީ "އަނގަ ވިއްކާ" ހޯރަފުށީ ޚަލީލު އިސްވެ ހުރެގެންނެވެ. މިހާރުވެސް އޭނާގެ ދަަށުން މަސައްކަތް ކުރަމުންދާ އިކުރާމް މިއަދުވެސް ރައީސް އޮފީހުގައި ހުރީ ހަމަ އޭނާގެ ދަށުން ނޫސްވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ދޭށެވެ.
މިއަދުވެސް ހަމަ އެހަގީގަތް ތަކުރާރުވެގެން މިދަނީ ހަމަ އެބީދައިންނެވެ. ނޫސްވެރިންގެ ހަތަރެސްފައިގައި ބިޑި އަޅުވަން މުއިއްޒު ފާސްކުރާ "މީޑިއާ ކޮންޓްރޯލް" ބިލް ޕްރޮމޯޓްކުރުމަށް ހުރިހާ ޕްރޮޕަގެންޑާއެއް ހިންގާ ދެމުންދަނީ ހޯރަފުށީ މި ޚަލީލެއެވެ. "މީޑިއާ ކޮންޓްރޯލް" ބިލް ޕްރޮމޯޓްކުރުމަށް ޕީއެސްއެމްއިން ހިންގަމުންދާ ހުރިހާ ޕްރޮޕަގެންޑާތަކެއްވެސް ހިންގަމުންދަނީ ހޯރަފުށީ "އަނގަ ވިއްކާ" ޚަލީލުގެ އަމުރު މައުރޫފުގެ ދަށުންނެވެ. މީޑިއާ އިނދަ ޖައްސާލުމަށް މުއިއްޒުއަށް ހިންގަމުންދާ ހުރިހާ ޖަރިމާތަކެއްވެސް ހިންގަމުންދަނީ މި ހޯރަފުށީ ޚަލީލުގެ އިރުޝާދުގެ ދަށުންނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއަދު ގަބޫލުރާން ޖެހިފައިވާ އެންމެ ބޮޑު ހަގީގަތަކީ "އަނގަ ވިއްކާ" ޚަލީލު އިސްކޮށް ހުރެގެން މުއިއްޒު ޕްރޮމޯޓު ކުރުމަށް ފެށި ހުރިހާ މަސައްކަތެއްވެސް ފަނުފުލުން ހިގައްޖެ ކަމެކެވެ. ފަނުފުލުން ދިޔައީ ސްޓްރަޓެޖީއެއް ސިޔާސަތެއް ނެތުމުންނެވެ. "އަނގަ ވިއްކާ" ޚަލީލަކީ ޒަމާނަށް ނުފެތޭ, ޒަމާނީ މީޑީއާގެ ވަސީލަތްތައް މަސައްކަތް ކުރާގޮތާއި, މައުލޫމާތު ނެތް މީހެއްކަން މުއިއްޒުއަށް އެނގިވަޑައި ނުގެންނެވީއެވެ. އަދި އޭގެ އިތުރަށް އޭނާއަކީ އަމިއްލައަށް ޓުވީޓެއްހާ މިންވަރުވެސް ޑްރާފްޓް ކޮށްލަން ނޭނގޭ މީހެންކަންވެސް މުއިއްޒުއަށް އޮތީ އެނގިވަޑައި ނުގެން ކަމަށް ވެދާނެއެވެ.
އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ, ޒަމާނީ މީޑިއާގެ ވަސީލަތަކީ ކެމެރާ ކޮނޑަށް ލައިގެން ވީޑިއޯ ކުރަމުން, ބްރޯޑްކާސްޓު ކުރާ ޒަމާނަކަށް ނުވާކަމެވެ. މިއަދުގެ މީޑިއާއަކީ ސޯޝަލް މީޑިއާއާއި, ޓެކްނޮލިޖީއާއި ގުޅުންހުރި އޮންލައިން މީޑިއާގެ ވަސީލަތްތަކެވެ. އެވަސީލަތްތަކުގެ ހުނަރާއި އިލްމާއި ގާބިލްކަން ހުރި މީހަކަށް މެނުވީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ޕީއާރު ސްޓްރަޓަޖީއެއް ނުހިންގޭނެއެވެ.
އެހުނަރު ނެތް މީހަކަށް, ނުވަތަ ނުވަދިހައިގެ އަހަރުތަކުގައި މީޑިއާގައި ޕްރޮގްރާމްތަކެއް ހުށަހަޅަން އުޅުނު މީހަކަށް އަދުގެ ތަރައްގީގެ މިޒަމާނުގެ އޮއިވަރުގައި ހިފަހައްޓައެއް ނުލެވޭނެއެވެ. ސިޔާސަތެއް, ސްޓްރަޓަޖީއެއް އެކުލަވާލާކަށް, ތަންފީޒުކުރާކަށް ނޭނގޭނެއެވެ. ފެނި, ހާމަވެ ކަށަވަރުވަމުން މިދަނީ އެހަގީގަތްތަކެވެ.
މުއިއްޒުގެ ޕީއާރު ފެއިލްވެ, ވެރިކަމަށް ދެއަހަރު ވެގެންދާއިރު, މުއިއްޒުއަކީ ބޮޑު ދޮގުވެރިއެއްގެ“ ގޮތުގައި ލޭބަލް ވެގެންދިޔަ ހަގީގީ ސަބަބަކީ ”އައުޑް ޑޭޓް“ ވެފައިވާ, އަމިއްލައަށް ޓުވީޓެއް (މިހާރުގެ އެކްސް ޕޯސްޓެއް)ހާ މިންވަރުވެސް ޑްރާފްކޮށްލަން ނޭގޭ, ޒަމާނަށް ނުފެތޭ މީހަކު މުއިއްޒު ކޮމިއުނިކޭޝަން މިނިސްޓަރުކަމަށް އައްޔަން ކުރި ކުރުމެވެ.
އާދޭހެވެ! ހަގީގަތުގައިވެސް މި "އަނގަ ވިއްލާ" ޚަލީލަކީ މީޑިއާގެ ބޮޑު އަދުއްވެކެވެ. މީޑިއާގެ ދުޝްމަނެކެވެ.