ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ހުށަހަޅާފައިވާ ކޮންޓްރޯލް ބިލުން އުފައްދާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސަށް އޮންނަން ބޭނުން ނުވާކަމަށް މުއިއްޒު ވިދާޅުވުމަށްފަހު، މުއިއްޒުގެ ހީލަތްތެރިކަމުން، މި ބިލުން އުފައްދާ ކޮމިޝަންގެ ރައީސް ރައްޔިތުންގެ މަޖިލިހުން އައްޔަން ކުރާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ބިލް ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލް ފާސްކޮށްފައިވަނީ ބައެއް އިސްލާހުތައް ގެނައުމަށް ފަހު ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ގެންނެވެ.
މި ބިލް މި ކޮމިޓީން ފާސްކުރިއިރު މީޑިއާ ބިލުގައި ހުރިކަމަށް ނޫސްވެރިން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްފައެއް ނުވެއެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުގެ ބާރުވެސް މީޑިއާ ބިލުންވަނީ މި ބިލުން އުފައްދާ ކޮމިޝަން މެދުވެރިކޮށް ސަރުކާރަށް ލިބިދީފައެވެ.
އެ ބިލު ފާސްކުރީ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. މިއަދު ކޮމިޓީއަށް ބައެއް ބަދަލުތަކެއް ވެސް ގެނަ އެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.
އެއާއެކު ކޮމިޓީގައި ނޫސްވެރިންނާއި ބައެއް އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން ކޮމިޓީ މެދުކަނޑާލި އެވެ. އޭރު ވޯޓަށް އަހާފައި އޮތް ނަމަވެސް ބިލު ފާސްވި ކަމަށް އިއުލާނެއް ނުކުރެ އެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން އަޑުއަހަން ތިބި ކޮމިޓީގައި އިސްލާހުތަކާ އެކު މުޅި ބިލު ފާސްކުރަން ވޯޓަށް އެހުމުން އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަން ފަށާފަ އެވެ. އެ ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ އެ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅާފައި އޮއްވައި އެ ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.
އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ.
މި ބިލް މަޖިލީހުން ފާސްކުރުމަށްޓަކާ ދައުރުން ބޭރު ޖަލްސާއެެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.