މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލާ ދެކޮޅަށް މިއަދު ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ، އަޑުއުފުލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފަ އެވެ. ބިލަށް އާ އިސްލާހުތަކެއް ހުށަހަޅައި މި ބިލު މިއަދު ފާސްކުރީ ނޫސްވެރިން އެ ކޮމިޓީއަށް ނުވެސް ވައްދަ އެވެ.
ކޮމިޓީން މި ބިލު ފާސްކޮށްފައި ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއް މާދަމާ ވެސް ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ.
އިއްޔެ އާ އިސްލާހުތަކަކާ އެކު ކޮމިޓީން ފާސްކުރި ބިލު ވެސް އޮތީ ނޫސްވެރިންނާއި މީޑިއާތައް އަދި ސޯޝަލް މީޑިއާ ކޮންޓްރޯލުކުރެވޭ ގޮތަށް ހުރި މާއްދާތަކަށް ހައްލެއް ނުލިބޭ ގޮތަށެވެ.
މާދަމާ މަޖިލިސް ދޮށަށް އެއްވަނީ ބިލު ބޭރުކުރަން ގޮވާލަމުންދަނިކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކޮމިޓީން އެ ބިލު ފާސްކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން، ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކާ އެކު މާދަމާ އޮންނަ މަޖިލީހުގައި އެ ބިލު ފާސްކޮށްފާނެތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
މި އެއްވުން އޮންނާނީ:
- މިއަދު ހެނދުނު 8:30ގައި މަޖިލިސް ދޮށުގައި
- ވީހާ ވެސް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވުމަށް އެމްޖޭއޭން އެދޭ
މީޑިއާ ބިލު ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް ގިނަ އާ އިސްލާހުތަކެއް ހުށަހަޅާފައިވާތީ އެ އިސްލާހުތައް ދިރާސާކުރަން އަންނަ މަހުގެ ނިޔަލަށް ވަގުތު އިތުރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އެވެ. އަދި އެ އިސްލާހުތަކަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފައެއް ހޯދަން ވެސް މީކާއިލް ހުށަހެޅުއްވި އެވެ.
އެކަމަކު ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކޮމިޓީގެ އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެއް ނުވެ އެވެ. މީކާއިލް ވިދާޅުވި ގޮތުގައި، ކޮމިޓީ ބައްދަލުވުން މެދުކަނޑާލުމަށް ފަހު، އެ ބިލު ފާސްކުރީ ވެސް އޭނާ އެ ކޮމިޓީގައި ނެތް ވަގުތު ބައްލަވާފަ އެވެ.