ރާއްޖޭގެ އެތައް ސަތޭކަ ނޫސްވެރިންނަށް އިހުތިޖާޖު ކުރަމުން ދަނިކޮށް، އަނިޔާވެރި މުއިއްޒުގެ އަމުރަށް މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.
ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރި ޕީއެންސީގެ މެމްބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. މި ބިލާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަމުންދިޔައިރު، ބައެއް މެމްބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުން ނެރެފަ އެވެ.
މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.
އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.