ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން ހުށަހަޅާފައި އޮތް މިނިވަން މީޑިއާ ނެެތިކޮށްލާ ބިލު ފާސް ކުރުމާއި ދެކޮޅަށް މަޖިލިސް ކުރާ ގޭ ކައިރީގައި އަންގާރަ ދުވަހު ނޫސްވެރިން ކުރަމުންދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ނުގައްގުން ބާރުގެ ބޭނުންކޮށްފަ އެވެ. އަދި މުއިއްޒުގެ އަމުރަށް ފުލުން މިއަދު ދައްކާފައިވަނީ އޭނާގެ އަނިޔާވެރިކަމާއި ޖައްބާރުކަމެވެ.
އެތަކެއް ނޫސްވެރިންނެއް ހިމެނޭހެން އެ ބިލާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ އާންމުންގެތެރެއިން ބަޔަކު ވެސް ފުލުހުންވަނީ އަނިޔާވެރިކޮށް ހައްޔަރުކޮށްފަ އެވެ. މިއަދު މުޒާހިރާތައް ރޫޅާލުމަށް މިއަދު ދެއްކި އަނިޔާވެރިކަމަކީ މިހާތަނަށް އެއްވެސް ވެރިކަމެއްގައި ފުލުހުންގެ ކިބައިން ފެނިގެން ގޮސްފައިވާ ފަދަ މަންޒަރެއް ނޫނެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ އެތަކެއް އަނިޔާއެއް ކޮށްފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެހި އިޔައީ މުޒާހަރާ ކުރަމުންނެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ފާސް ކުރަން މަސައްކަތް ކުރާ ބިލު ފާސް ކުރުމަށް އަންގާރަ ދުވަހު ހަވީރު 5:00 ގައި ވަނީ ދައުރުން ބޭރުން ޚާއްޞަ ޖަލްސާއެއް ވެސް ބާއްވާފަ އެވެ.
އެ ޖަލްސާ ބޭއްވީ ސަރުކާރުން މިހާރު ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށެވެ. އެ ބިލުގެ ރިޕޯޓު ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީ މީޓިންގައި ފާސްކޮށްފަ އެވެ. އެ ބިލުގެ ރިޕޯޓު ފާސްކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ވެސް ނުދީ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ.
ރާއްޖޭގެ އެތައް ސަތޭކަ ނޫސްވެރިންނެއް އިހުތިޖާޖު ކުރަމުން ދަނިކޮށް، މީޑިއާ ކޮންޓްރޯލްކުރާ ބިލް މުއިއްޒުގެ އަމުރަށް މިއަދު މަޖިލީހުން ފާސްކުރުމުން ހާމަވެގެން ދިޔައީ މުއިއްޒުއަކީ އަނިޔާވެރި ޒާލިމެއް ކަމެވެ. އަދި މުއިއްޒުއަކީ ގޮތްދޫ ނުކުރާ ޖައްބާރު ވެރިއެއްކަންވެސް މެއެވެ.