ޚަބަރު

އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް: ރައީސް ސާލިހު

ދިޔަވަރު
އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް: ރައީސް ސާލިހު

މިޑިއަާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލާ އެކު އިއްޔެއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހްތިޖާޖުކުރަމުން ދަނިކޮށް އިއްޔެ ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.

ސޯޝަލް މީޑިއާގައި ރައީސް ސާލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ބިލާ އެކު ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދިޔައީ ކަމަށެވެ.

" ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކާއި މީޑިއާތަކާއި މަދަނީ ޖަމިއްޔާތައް އަދި އާންމުންގެ ކަންބޮޑުވުންތަކާ އެކު ވެސް އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ސާލިހް ވިދާޅުވި އެވެ.

އެމްޑީޕީން އެ ބިލާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށާއި ދިވެހިންނަށް އިޖުތިމާއީ އަދި ސިޔާސީ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި އެ ޕާޓީން ސާބިތުވެ އޮންނާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވި އެވެ.