ޚަބަރު

ނޫސްވެރިންގެ މިވަރުގެ ބޮޑު ޢަދުއްވެއް ދިވެހި ތާރީޚު ދެކެފައެއް ނުވޭ!

ދިޔަވަރު
ނޫސްވެރިންގެ މިވަރުގެ ބޮޑު ޢަދުއްވެއް ދިވެހި ތާރީޚު ދެކެފައެއް ނުވޭ!

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިވެހި ތާރީޚު ނުދެކޭވަރުގެ ޢަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެކަމަށް ވައުދު ވަމުންނެވެ. މުވައްޒަފުން ވަޒީފާތަކުން ވަކި ނުކުރާނެކަމުގެ ވައުދުތަކާއި، ރައްޔިތުންގެ ޖީބުތައް ތަނަވަސް ކޮށްދޭނެ ކަމުގެ ފޮނި ވައުދުތަކާއި، ކޯޓުތަކަށް އަތް ނުބާނާނެ ކަމަށާއި، އަދި އޭގެ އިތުރުނަށް ދުލާއި ގަލަމުގެ މިނިވަންކަން އޭނާގެ ވެރިކަމުގައި ތަންމިނަށް ހުޅުވާލަ ދޭނެކަމުގެވެސް ފޮނި ވައުދުތައް ދިވެހި ރައްޔިތުންނަށް ވަމުންނެނެވެ.

އެހެންނަމަވެސް ވެރިކަމަށް 2 އަހަރު ފުރިގެން ނުދަނީސް ރައްޔިތުންނަށް ހާމަވެ ފެނިގެން މިދިޔައީ މުއިއްޒުގެ އަސްލު ސިފައެވެ. ފާއިތިވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މުއިއްޒު ހިންގަމުން އައި ކޮރަޕްޝަނާއި ވައްކަމުން ބޮޑެތި ޖަރީމާތައް އޭގެ އިންތިހާއަށް ގޮސް، ކޯޓުތަކަށް އަތްބާނާ މުޅި ދައުލަތް ގަޑުބަޑު ކޮށްލުމަށްފަހު މުއިއްޒު ދިމާކޮށްލީ މިނިވަން މީޑިއާއާއެވެ. އޭނާގެ ވެރިކަމުގައި ނިއްވާނުލެވި އޮތް ޑިމޮކްރަސީގެ ހަމައެކަނި ހުޅުކޮޅު ނިއްވާލުމަށެވެ. ދިވެހިރާއްޖޭގެ އެތައް ނޫސްވެރިންނަށް ހާލުގެ ދުލުން، އެ މީހުންގެ އެތައް އުއްމީދަކާއި ކުރިއެރުމާއި އަދި މުސްތަގުބަލާއި ގުޅިފައިއޮތް މި ސިނާއަތު ފުނޑާ ނުލުމަށް އެދި އެދި ތިއްބާ، އެއިން އެއްވެސް އަޑެއް ނާހާ، ގަދަބާރާއި ޖައްބާރުކަން ދައްކާ މިއަދު މުއިއްޒުވަނީ "މީޑިއާ ކޮންޓްރޯލް" ބިލް ތަސްދީގު ކޮށްފައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހި ތާރީޚުގައިވެސް މިހާ އަނިޔާވެރިކޮށް، ޚުދުމުޚްތާރުކޮށް މީޑިއާއި ދޭތެރޭ އަމަލުކުރި ވެރިއެއް މިގައުމު ދެކެފައެއް ނުވެއެވެ. ހަގީގަތުގައުވެސް މުއިއްޒު ވެގެން މިދިޔައީ ދިވެހި ތާރީޚު ދުށް މީޑިއާގެ އެންމެ ބޮޑު ޢަދުއްވު ކަމުގައެވެ.

އެހެންނަމަވެސް ހަގީގަތަކީ، މުއިއްޒުއަށް އަދިވެސް އެހުންނެވީ ބޮޑު އޮޅުން ބޮޅުންގަޑެއްގެ ތެރޭގައިކަމެވެ. މިނިވަން މީޑިއާއަކީ ދުނިޔޭގައި މިނިވަން ޑިމޮކްރަސީ އޮތް އެއްވެސް ގައުމެއްގައި ކަސްތޮޅު އެޅުވުނު އެއްޗެއް ނޫނެނެވެ. ގައުމުތަކުގެ ވެރީންގެ ގޮތުގައި ޚުދުމުޚްތާރު ވެރީން އައިސް ގޮސްފައިވި ނަމަވެސް، މިނިވަން ޑިމޮކްރަސީ އޮތް ގައުމެއްގައި މިނިވަން މީޑިއާ ކަސްތޮޅު އެޅުވިފައެއް ނުވެއެވެ. އޭގެ މާނައަކީ، ބަލައިގެންފައިވާ ވެރިކަމުގެ ނިޒާމުގައި ޑިމޮކްރަސީގެ ސިފަތައް އަށަގެންފައިވާނަމަ، މީޑިއާ ކޮސްތޮޅު އެޅުވުމަށް ވެރީން ކޮށްފައިވާ މަސައްކަތްތައް ކާމިޔާބު ވެފައި ނެތްކަމެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އެމެރިކާއެވެ. އެގައުމުގެ މިހާރުގެ ރައީސް ޓްރަމްޕްއަކީ ޚުދުމުޚްތާރު ސިފަތަކެއް ހުރި ރައީސަކަށް ވިނަމަވެސް އެގައުމުގެ މީޑިއާ ޓްރަމްޕަށް ކަސްތޮޅު އެޅުވިފައެއް ނުވެއެވެ. އެހެންނަމަވެސް އެއާ ތަފާތެވެ. ރަޝިއާ ޗައިނާފަދަ ގައުމުތަކެވެ. އެގައުމުތަކުގެ ވެރީން ޚުދުމުޚްތާރު ވުމުގެ އިތުރަށް، އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައްވެސް އޮތީ ޚުދުމުޚްތާރުކޮށެވެ. ގާނޫނު ހަދާ މަޖިލީހަކަށްވެސް އޮތީ ވެރިމީހާގެ މަޖިލިސްތަކެވެ. ކޮމިޝަންތަކާއި ދައުލަތުގެ މުވައްސަސާތައްވެސް ހަމަ އެފަދައެވެ.

އެހެންނަމަވެސް، މުއިއްޒުގެ ކަނޑުކޮސްކަމުން، މުއިއްޒުއަށް ފަހުމް ނުވެ އޮތްކަމަކީ މިއީއެވެ. ރާއްޖޭގެ ވެރިކަމުގައި ޚުދުމުޚްތާރު މީހަކު ހުރިނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީ އޮތީ މިނިވަން އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކޮށްފައެވެ. އެގާނޫނު އަސާސީގެ ހުދޫދުތައް ފަހަނައަޅާ ވެރިމީހާއަށްވެސް ދެވޭނެ ގޮތަށް ގާނޫނުތަކާއި ގަވާއިދު ތަކެއް ނެތެވެ. ރާއްޖެ ފަދަ ގައުމެއްގައި ވެރިމީހާ ކިތަންމެ ޚުދުމުޚްތާރު ވިޔަސްވެސް އެޚުދުމުޚްތާރުކަން ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ.

އެހެންކަމުން މިނިވަން މީޑިއާ ކަސްތޮޅު އެޅުވިދާނެކަމަށް ހީކޮށް މުއިއްޒު މަރުފަލި ޖައްސަވަމުން ގެންދަވަނީ ހަގީގަތުގައިވެސް މުއިއްޒުގެ ކަނޑުކޮސް ކަމުންނެވެ.

މީޑިއާގެ ބިލެއް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ފަހުން މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަށާއި، އެއްވެސް އިރެއްގައި މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް ގަދަބާރުން، ނޫސްވެރިން ކޮމިޓީތަކުން ނެރެ އުކާލުމަށްފަހު މި ސަރުކާރުން ބޭނުންވާގޮތަށް އެބިލް ފާސްކޮށް، އެންމެ ފަހުން މުއިއްޒު މިވަނީ އެބިލް ތަސްދީގުވެސް ކޮށްފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި މީޑިއީ ބިލުގައި އެ ބިލުން އުފައްދާ ކޮމިޝަންގެ ރިޔާސަތުގައި ރައީސް އައްޔަންކުރާ ބޭފުޅުން އިންނަން ބޭނުން ނުވާކަމަށް ވިދާޅުވެ، މުއިއްޒު ހެއްދެވީ ރޯބުހުތާނު ދޮގެވެ. ބުލް ފާސްކުރީ އެ ކޮމިޝަންގެ ރައީސް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާގޮތަށް ބަދަލު ކުރުމަށްފަހުއެވެ. އެ މަޖިލީހުގައި އޮތީ މުއިއްޒުގެ މެޖޯރިޓީއެވެ. ރޯމާ ދުވާލު ރައްޔިތުންނަށް އޮޅުވާލީއެވެ. އޭގެ އިތުރަށްވެސް އެ ބިލުން އުފައްދާ ކޮމިޝަންގެ މެޖޯރިޓީ އަދިވެސް މުއިއްޒުގެ މުށުތެރެއަށް ލެއްވޭނެ ގޮތަށް ބިލް އޮތީ ފަރުމާ ކޮށްފައެވެ. އެއީ ބިލުގައި އޮތް ގޮތުން މީޑިއާއިން 4 މެމްބަރުން އައްޔަންކޮށް، ސަރުކާރުން 3 މެމްބަރުން އައްޔަން ކުރަން އޮތް ހާލަތުގައިވެސް، މުއިއްޒު ކޮންޓްރޯލްކުރާ ޕީއެސްއެމްއިން މެމްބަރަކު މީޑިއާތަކުން ކޮންޓްރޯލްކުރާ ސްލޮޓަކަށް ލެއްވޭނެކަމަށް ވާތީއެވެ. މުއިއްޒުގެ އެމްއެމް ޓީވީންވެސް އެ ކޮމިޝަނަށް މެމްބަރުން ލެވޭނެއެވެ. މުއިއްޒު ފައިސާ ދީގެން ހިންގާ ނޫސްތަކުންވެސް އެ ކޮމިޝަނަށް މެމްބަރުން ލާނެއެވެ.

މިބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ކުރި އެތައް މުޒާހިރާ ތަކާއެކުވެސް މުއިއްޒު މިވަނީ މި ބިލް ފާސްކޮށް ތަސްދީގުވެސް ކޮށްފައެވެ. އެހެންނަމަވެސް މުއިއްޒުއަށް ހަގީގަތުގައިވެސް ނޭނގި އޮތްކަމަަކީ މީޑިއާއެއް މުށުތެރެއަށް ލުމަކީ ރައްޖެ ބަލައިގެން މިނިވަން ޑިމޮކްރަސީގައި ކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި މީޑިއާއެއް ކަސްތޮޅު އަޅުވާ، މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަކީ އަދުގެ ދުނިޔޭގައި ކާމިޔާބު ވާނެ ސިޔާސަތެއް ނޫންކަމެވެ. އެއާއެކު މީޑިއާ ކަސްތޮޅު އަޅުވަން މުއިއްޒު ކުރާ މަސައްކަތުން އެއްކަމެއް ހާމަވެގެން ދާނެއެވެ. އެއީ މުއިއްޒުގެ މުނާފިގުކަމާއި، ޚުދުމުޚްތާރުކަމާއި ކަނޑުކޮސް ކަމެވެ.

ގާނޫނު އަސާސީން ފޯރުކޮށް ދީފައިވާ އަސާސީ ހައްގުތައް ހަނިކޮށް، އެންމެ ފަހުން މީޑިއާ މުށުތެރެއަށް ލާން މުއިއްޒު ހިންގަމުންދާ ހަޑި މުޑުދާރު ޖަރީމާތައް ހާމަވެ، މުއިއްޒުގެ އަސްލު ސިފާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހާމަވެ ނިމިއްޖެއެވެ. އެހެންނަމަވެސް އާޚިރު ނަތީޖާއަކަށް ވެގެންދާނީ މި އަނިޔާވެރި މުއިއްޒުގެ ވެރިކަން ވަރަށް ހިތި ގޮތަކަށް ނިމިގެން ދިއުމެވެ. މި ބޮޑު އަނިޔާވެރިޔާ އިންސާފުގެ ކުރިމަށްޗަށް ހާޒިރު ކުރެވޭނެ ދުވަސް އޮތީ ވަރަށްވެސް ކައިރީގައެވެ.