ޚަބަރު

ކޮންޓްރޯލް ބިލަށް އެމެރިކާއާއި ޔޫކޭއިން ފާޑުކިޔާފައި ވަނީ، މީޑިއާތައް މެދުވެރިކޮށް އެ ދެގައުމުން ރާއްޖޭގައި ލާދީނީ އެޖެންޑާއެއް ފެތުރުމަށްކަމަށް ތުހުމަތު ކޮށްފި

ދިޔަވަރު
ކޮންޓްރޯލް ބިލަށް އެމެރިކާއާއި ޔޫކޭއިން ފާޑުކިޔާފައި ވަނީ، މީޑިއާތައް މެދުވެރިކޮށް އެ ދެގައުމުން ރާއްޖޭގައި ލާދީނީ އެޖެންޑާއެއް ފެތުރުމަށްކަމަށް ތުހުމަތު ކޮށްފި

ފާއިތުވި ހަފްތާގައި މުއިއްޒު ތަސްދީގުކުރި މީޑިއާ ކޮންޓްރޯލް ބިލަށް އެމެރިކާއާއި އިނގިރޭސިވިލާތުން ފާޑުކީ، މީޑިއާތައް މެދުވެރިކޮށް އެ ދެގައުމުން ރާއްޖޭގައި ލާދީނީ އެޖެންޑާއެއް ފެތުރުމަށްކަމަށް މުއިއްޒު ތުހުމަތު ކޮށްފިއެވެ. މި މެރުމުން މުއިއްޒު ވާހަކަ ދައްކަވާފައިވަނީ، ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ފެލިދޫ ރައްޔިތުންނާއި މުޚާތަބްކޮށް ރޭ ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމެރިކާއާއި އިނގިރޭސިވިލާތުން މިބިލަށް ފާޑުކީ ކިއުމަށް ރައްދު ދެމުން މުއިއްޒު ވިދާޅުވީ، ކިތަންމެ ވަރަކަށް ޤުރުއާން ބަދަލުކުރަން މަސައްކަތް ކުރި ކަމުގައިވި ނަމަވެސް އެފުރުސަތު ނޯނާނެ ކަމުގައެވެ. އަދި، މީޑީއާ ކޮންޓްރޯލް ބިލަށް އެމެރިކާއާއި އިނގިރޭސިވިލާތުން ކީ ފާޑުކިއުމަށް ނިސްބަތްކޮށް މުއިއްޒު ވިދާޅުވީ ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އައި ނަމަވެސް ފަރުވާލެއް ނަތްކަމަށާއި ޤުރުއާން ބަދަލުކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލާ ގުޅިގެން ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫ އަރާތީ ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް ވިދާޅުވެ މިޖަލްސާގައި މުއިއްޒުވަނީ އެމެރިކާއާއި އިނގިރޭސިވިލާތަށް ރައްދު ދީފައެވެ.

ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގުކުރެއްވީ ބުރާސްފަތި ދުވަހު އެވެ. އެކަމާ އެކު ބޭރުގެ މީޑިއާތަކާއި ޖަމާއަތްތައް އަދި ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން، ވ. ފެލިދޫގައި ހުންނަވާ ރޭ ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ގާނޫނާއި ގުޅިގެން މިހާތަނަށް ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އެމްބަސީތަކުންނެވެ.

މަޖިލީހުން ބިލު ފާސްކުރުމާއެކު އެމެރިކާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ބިލު ތަސްދީގުކުރުމާއެކު އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

މިހެން ބުނެ އެ ގައުމުގެ ހައިކޮމިޝަނުން ރިއާޔަތްކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ވަނީ މި ގާނޫނާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ.

އެ ގާނޫނާއެކު މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން ދިވެހި ނޫސްވެރިން އަމިއްލަ ނިޒާމެއް ގާއިމު ކުރަން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނިންމައިފަ އެވެ.

އެކަމަށް ރައްދު ދެެއްވާ މުއިއްޒު ރޭ ވިދާޅުވީ ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން މީޑިއާ ބިލަށް ފާޑު ކިޔަމުން، ރާއްޖޭގެ ދީނީ މިނިވަންކަމާއި ގުޅޭ އެއްވެސް ވާހަކަ އެއް ފާހަގަ ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. އަދި މި ދެގައުމު އަޑީގައި އޮވެގެން ރާއްޖޭގެ ލާދީނީ ސިޔާސަތު ފަތުރަން މަސައްކަތް ކުރަމުންދާކަމަށް މުއިއްޒު ތުހުމަތު ކުރެއްވި ސަބަބެއްވެސް ސާފު ވެފައެއް ނުވެއެވެ.