ވ. ފެލިދޫ އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ކީރިތި ޤުރުއާން އާއި ބެހޭ ގޮތުން މުއިއްޒު ދޮގު ހައްދަވައިފިއެވެ. ވ. ފެލިދޫގައި ހުންނަވާ ރޭ ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
”ދެން ގުރުއާނަށް ގޮންޖަހާލާފަ ލިޔަންވީތޯ ހަމަ. ނުކުރެވޭނެ އެކަމެއް. މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،“ މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ފިތުނަ ވެރިކަން މިފަދަ މާނައެއްގައި ކީރިތި ޤުރުއާނުގައި ބޭނުން ކޮށްފައެއް ނުވެއެވެ. ކީރިތި ގުރުއާނުގައި ފިތުނައިގެ ވާހަކަ މިފަދައިން ބަޔާން ވެގެން ވެގެން ވަނީ ސޫރަތުލް ބަޤަރާގެ 191, އަދި 217 ވަނަ އާޔަތުގައެވެ.
މީގެ ތެރެއިން 191 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވަނީ ކޮން ކަމެއްތޯ ބަލާލާނަމެވެ.
ކީރިތު ޤުރުއާނުގެ ސޫރަތުލް البقرة ގެ 191 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވަނީ:
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ
މާނައަކީ:
އަދި އެމީހުން އެބަހީ مُشْرِك (މުޝްރިކުން) ފެނުނުތާކުން ހިފައި ކަލޭމެން އެމީހުން މަރާށެވެ! އަދި އެމީހުން ކަލޭމެންގެ ގޮވަތިގެދޮރުން ނެރުނުފަދައިން ކަލޭމެންވެސް އެމީހުންގެ ގޮވަތިގެދޮރުން އެމީހުން ނެރޭށެވެ. އަދި އެމީހުން މަރާހެދުމަށްވުރެ شِرك (ޝިރުކު) ކުރުމުގެ ފާފަ މާބޮޑެވެ. އަދި الْمَسْجِدُ الْحَرَام (މަސްޖިދުލް ހަރަމް) ކައިރީގައި އެމީހުން ކަލޭމެންނާ ހަނގުރާމަނުކުރަނިސް ކަލޭމެން ކުރީފަށައިގެން އެމީހުންނާ ހަނގުރާމަ ނުކުރާށެވެ! މުޅި مكّة (މައްކާ) ގެ حرم (ހަރަމް) ގެ حكم (ހުކުމް) އަކީވެސް މިއެވެ. ދެން އެމީހުން އެތާގައި ކަލޭމެންނާ ހަނގުރާމަކުރަންޏާ ކަލޭމެންވެސް އެމީހުންނާ ހަނގުރާމަކޮށް މަރައި ހަދާށެވެ! ކާފަރުންގެ جَزاء (ޖަޒާ) ހުރީ އެފަދައިންނެވެ.
މި އާޔަތުގައި ފިތުނަ މާނަ ކޮށްފައިވަނީ ޝިރުކުގެ މާނާގައެވެ. ޤުރުއާނުގެ ދިވެހި ތަރުޖަމާގައިވެސް އޮތީ އެހެންނެވެ. މި އާޔަތަކީ މައްކާގެ މުޝްރިކުންނާއި މެދު ބާވައި ލެއްވުނު އާޔަތެކެވެ.
ދެވަނަ އަށް ބަޤަރާ ސޫރަތުގެ 217 ވަނަ އާޔަތުގައި ފިތުނަ މާނަ ކޮށްފައިވާ ގޮތް ބަލާލަމާތޯއެވެ.
يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَن سَبِيلِ اللَّهِ وَكُفْرٌ بِهِ وَالْمَسْجِدِ الْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِندَ اللَّهِ ۚ وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ ۗ وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
މިއާޔަތުގެ މާނާގައި ވެއެވެ:
އޭ رَسُول ﷲ އެވެ! حُرْمَة (ހުރުމަތް) ތެރި މައްސަރުގައި ހަނގުރާމަ ކުރުމާމެދު އެކަމުގެ حكم (ހުކުމް) އާއިމެދު ކަލޭގެފާނުންގެ أصحاب (އަސްހާބު) ން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حرمة (ހުރުމަތް) ތެރި މައްސަރުގައި ހަނގުރާމަކޮށް ލޭއޮހޮރުވުމަކީ ބޮޑުފާފައެކެވެ. އަދި އެހެނެއްކަމަކު ﷲ ގެ މަގު ބަންދުކޮށް إسلام دين (އިސްލާމް ދީން) އަށް ނުވަދެ އަދި އެދީނަށް މީހުން ވަނަނުދީ ހިފެހެއްޓުމާއި އަދި المسجد الحرام (މަސްޖިދުލް ހަރަމް) އަށް މީހުން އަޔަނުދީ ހިފެހެއްޓުމާއި އަދި އެކަލާނގެއަށް ކާފަރުވުމާއި އަދި އެތާނގެ أهل (އަހުލު) ވެރިން އެތަނުން ނެރުމާއި މިކަންކަން އެއަށްވުރެ މާބޮޑެވެ. (މިހުރިހާ ކަމަކީވެސް مشرك (މުޝްރިކުން) ގެމީހުން مؤمن (މޫމިނުން) ނާމެދު ކުރިކަންކަމެވެ.) އަދި شِرْكُ (ޝިރުކު) ކުރުމުގެ ފާފަ މީހުން މެރުމުގެ ފާފައަށްވުރެ މާބޮޑެވެ. އަދި އޭ مؤمن (މޫމިނުން) ނޭވެ! އެ مُشْرِكُ (މުޝްރިކުން) ގެމީހުން އެމީހުންނަށް ކުޅަދާނަވާނެނަމަ ކަލޭމެން ކަލޭމެންގެ دين. (ދީނުން) ބޭރުކޮށް مُرْتَدُّ (މުރުތައްދު) ވެއްޖައުމަށްދާންދެން އެމީހުން ކަލޭމެނާއި ހަނގުރާމަކުރާނެއެވެ. އަދި ތިމާގެ دين (ދީން) ދޫކޮށް مُرْتَدُّ (މުރުތައްދު) ވެ އެ ކާފަރުކަންމަތީ މަރުވެއްޖެ މީހުން ދަންނައެވެ. އެމީހުންގެ ހެޔޮ عمل (އަމަލު) ތައް ދުނިޔެއާއި آخرة (އާޚިރަތު) ގައިވެސް بَاطل (ބާތިލު) ވީއެވެ. އަދި އެމީހުން އެއީ ނަރަކައިގެ އެކުވެރިންނެވެ. އެމީހުން ދެމިތިބޭނީ ހަމަ އެތާނގައެވެ.
ޤްރުއާން ތަފްސީރު ކޮށްފައިވާ ދީނީ އިލްމުވެރިން މި ދެ އާޔަތުގައިވާ ފިތުނަ މި ލަފްޒުގެ މާނައާމެދު އެއްބަސްވެއެވެ. މިއީ ދީނީ އެއްވެސް އިލްމުވެރިއެއްގެ މެދުގައި ޚިޔާލު ތަފާތުވުމެއް އެއްވެސް ވަރަކަށް އޮތް ކަމެއްވެސް ނޫނެވެ.
އިބްނު ކަޘީރު: ފިތުނަ މާނަކުރައްވަނީ މިތާ ޝިރުކު (ބައިވެރިކުރުން) އަދި މުސްލިމުންނަށް އަނިޔާކުރުން، އެމީހުންގެ ދީން ދޫކޮށްލުމަށް މަޖުބޫރުކުރުންފަދަ ކަންކަމަށެވެ.
އައް-ޠަބަރީ: ފިތުނައަކީ ޤުރައިޝުން މުސްލިމުން ބޭރުކުރުމާއި، މަސްޖިދުލް ޙަރާމަށް ވަނުން މަނާކުރުމާއި، އެމީހުން އަނބުރާ ކުފުރަށް އެނބުރުމަށް މަސައްކަތްކުރުމެވެ.
އެހެންކަމުން، މި އާޔަތްތަކުގައި، ފިތުނައަކީ ޝިރުކެވެ. ނޫސްވެރިކަމުގައި ލިޔެވޭ ވާހަކަ ތަކެއް ނޫނެވެ. އަދި ފޭކް ނިވްސް އެއްވެސް ނޫނެވެ. އަދި ދޮގު މައުލޫމާތެއްވެސް ނޫނެވެ. އަދި ވެރިންނަށް ފާޑުކިޔުމެއްވެސް ނޫނެވެ. އަދި ވެރިން ހަދާ ދޮގު ތަކުގެ ވާހަކަ އާއި ކުރާ ވައްކަމުގެ ވާހަކަ ދެއްކުމެއްވެސް ނޫނެވެ. ނުވަތަ ސިޔާސީ ތަފާތުވުމެއްގެ ޝުޢޫރު ފާޅު ކުރުމެއް ވެސް ނޫނެވެ. އަދި ދިވެހިން އާންމުކޮށް ފިތުނަ މި ބޭނުން ކުރާ މާނާގައި (ދެމީހެއްގެ ދޭތެރޭގައި މައްސަލަ ޖެހޭހެން ވާހަކަ ދައްކާ ދެއްކުމެއް) ވެސް ނޫނެވެ.
ޤުރުއާނުގެ މިއާޔަތުގައި ބަޔާންކޮށްފައިވާ ފިތުނައިގެ މާނަ ސީދާ ކަނޑައެޅިގެން އޮޅުވާލައިގެން ރައްޔިތުންނަށް ޤުރުއާނޭ ކިޔައި ރައީސް މުއިއްޒު މިވަނީ ދޮގު ހަދާފައެވެ.
އިސްލާމީ ޤާނޫނު (ޝަރީޢާ) ސާފުކޮށް ބަޔާންކުރައްވަނީ: ޤުރުއާން ކޮންޓެކްސްޓުން ބޭރުކޮށް ނަހަމަގޮތުގައި ބަޔާންކުރުމަކީ ބޮޑު ފާފައެއްކަމަށެވެ. އިސްލާމުން ގޮތުގައި ތިބި، ނޫސްވެރިންތަކެއް މައްކާގެ ޝިރުކުގައި ތިބި މުޝްރިކުންނާއި އެއްވަރުކޮށް ސިފަކުރުމަކީ ނުރައްކާތެރި އަދި ހަމަ އެހާމެ ނުބައި އަމަލެކެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި، ވެރިކަމަށް އައިސް، މި ދަރަޖައަށް ވެއްޓި ޤުރުއާނުގެ އާޔަތްތަކުގެ މާނަ އޮޅުވާލައިގެން ވާހަކަ ދެއްކި މީހަކު އިސްލާމީ ފަހުގެ ތާރީޚު ދެކެފައެއް ނުވެއެވެ.