ޚަބަރު

ވިޔަފާރި ވެރިންނާއި މެދު ދޮގު ހައްދަވައި، އެމީހުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވީ، ޑޮލަރު 20.25 އަށް އަރައި ތަކެތީގެ އަގު މުއިއްޒުގެ ސަބަބުން ބޮޑުވާ މައްސަލައިން ރެކެން

ދިޔަވަރު
ވިޔަފާރި ވެރިންނާއި މެދު ދޮގު ހައްދަވައި، އެމީހުންގެ ބޮލުގައި ބޮޑު އިލްޒާމެއް އެޅުވީ، ޑޮލަރު 20.25 އަށް އަރައި ތަކެތީގެ އަގު މުއިއްޒުގެ ސަބަބުން ބޮޑުވާ މައްސަލައިން ރެކެން

ރައީސް މުއިއްޒު އެއްވެސް ހުއްޖަތެއް ނެތި ވިޔަފާރި ވެރިން ސިޔާސީ ބޭނުމަށް ތަކެތި އަގު ބޮޑު ކުރަނީ ކަމަށް ބުނެ އިންތިހާއަށް ދޮގު ހަދައިފިއެވެ.

"ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތި ކުރުމަށް ބައެއް ކަންތައް ކުރިޔަސް ސަރުކާރުން އެ ފުރުސަތެއް ނުދޭނަން،" ވިޔަފާރި ވެރިންނަށް އަމާޒު ކޮށް މުއިއްޒު ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމެއްގަ، އޯގަނައިޒްޑް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަ ކުރެއޭ. އެކަންކަމަކަށެއް އަޅުގަނޑުމެން ލޯމަރާލައިގެންނެއް ހަމަ އެހެންނެއް ނުތިބޭނަމޭ،" ތަކެތީގެ އަގުބޮޑުވާ ސަބަބުގެ ގޮތުގައި ބަހަނާ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މިއީ ކަނޑައެޅިގެން ދޮގެކެވެ. ސިޔާސީ ބޭނުމަށް އާންމު ވިޔަފާރިވެރިން މިވަރުގެ ކަމެއް ކުރާނަމަ، ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން އެމައްސަލަ ބަލަންވާނެއެވެ.

ނަމަވެސް ކޮންމެ ކަމެއްގައި ދޮގު ހަދައި، ދޮގު ނޫން އެއްޗެއް ނުހެދޭ ގޮތަށް ތެދު ޚަބަރު ގެނައުން މަނާކޮށްގެން އުޅުއްވާ ރައީސް މިކަމުގައިވެސް ހެއްދެވީ ކަނޑައެޅިގެން ދޮގެވެ.

ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުން ނިކަމެތިވަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ ސަބަބުންނެވެ. ވިޔަފާރިވެރިންނަށް ޑޮލަރު ލިބެނީ 20.25ރ ރޭޓުންނެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ދާދި ފަހުން އެމްޕީއެލްގެ ފީތައްވެސް ބޮޑުކޮށް އިތުރަށް ތަކެތީގެ އަގު ބޮޑުވާނެ ހެން ކަންކަން ކޮށްފައެވެ.

މި ހުރިހާ ކަމެއް މިހެން ކޮށް، ނަގަމުންދާ ޑޮލަރުން އެދެވޭ ވަރަކަށް ޑޮލަރު ބޭންކުން ފޯރުކޮށް ނުދީ ތަކެތީގެ އަގަށް އަންނަ ބަދަލުގެ ޒިންމާ ނުނަގައި އެކަން ވިޔަފާރިވެރިންގެ ބޮލުގައި އެޅުވުމަކީ ތިމާގެ ނާގާބިލު ކަމުން މުޅި ޤައުމުގެ އިޤްތިޞާދު ހަލާކުވެ ނެތިގެން ދިޔުމުން ދޮގު ހަދައިގެން އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމެވެ.