ޤުރުއާނުގައި ނެތް ވާހަކައެއް އޮތް ކަމަށް ބުނެ ﷲގެ ވަހީ ބަސްފުޅު އޮޅުވާލައިގެން މުއިއްޒު ދޮގު ވާހަކަ ދެއްކުމުން ވެސް އެކަން ކުށްވެރި ކޮށްލާނެ އިލްމުވެރިއަކު ސަލަފުން ނުފެނުނެވެ.
ވ. ފެލިދޫގައި ހުންނަވާ ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލުކުރުމަށްވުރެ ނުބައި ކަމެއް ކަމަށް ގުރުއާނުގައި އޮންނަ ކަމަށެވެ. ނޫސްވެރިން ދޮގު ހަބަރު ފަތުރާ ފިތުނަ ފަސާދަ އުފައްދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފިތުނަ ވެރިކަން "ދެބަޔަކު ދެމެދު ޚިޔާލު ތަފާތު ކުރުވައި، ދޭތެރެ ޖެއްސުން، ރުޅިވެރިކަން ފެތުރުމުގެ" މާނާގައި، ނުވަތަ ވެރިއަކު ކުރާ ވައްކަމާއި، ހަދާ ދޮގުތައް ހާމަ ކުރުމުގެ މާނާގައި، ކީރިތި ޤުރުއާނުގައި ބޭނުން ކޮށްފައެއް ނުވެއެވެ. ފިތުނައިގެ ވާހަކަ ޤުރުއާނުގައި އައިސްފައި ވަނީ ޝިރުކުގެ މާނާގައެވެ.
އެކަމާއި ގުޅިގެން ލިޔެފައިވާ ތަފްސީލު ލިޔުން ތިރީގައި މިވަނީ އެވެ.
މާތްﷲގެ ވަހީގެ ބަސްފުޅު އޮޅުވާލައިގެން ގަސްތުގައި ގެނައުމަކީ ކުޑަ ކަމެއް ނޫނެވެ. އަދި އެއީ އަޅާ ނުލާ ދޫކޮށްލެވިގެންވާނެ ވަރު ކަމެއްވެސް ނޫނެވެ. އަދި އެކަމާއި އަޅާ ނުލާ އެކަން ކުޑަ ކަމަކަށް ހަދައިގެން ދޫކޮށްލައިގެން ތިބުމަކީ ވެސް ފާފަވެރި ކަމެކެވެ. މުޖުތަމައުގައި ފިތުނަ އުފެދި ދީނާއި މެދު ސުވާލު އުފެދިގެން ހިނގައިދާނެ ކަމެކެވެ.
މާތް ﷲ ބަޤަރާ ސޫރަތުގެ 75 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
۞أَفَتَطۡمَعُونَ أَن يُؤۡمِنُواْ لَكُمۡ وَقَدۡ كَانَ فَرِيقٞ مِّنۡهُمۡ يَسۡمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعۡدِ مَا عَقَلُوهُ وَهُمۡ يَعۡلَمُونَ
މާނަ އަކީ:
(75) (އޭ محمّد ﷺ އަށް އީމާންވެގެންވާ مُؤمن ންނޭވެ!) ކަލޭމެން ފަހެ އެމީހުން (އެބަހީ ބަނީ އިސްރާއީލްގެ ޔަހޫދީން) ކަލޭމެން ތެދުކޮށް ކަލޭމެނާ އެއްގާންޏަށް އެރުމަށް (ދެބައިމީހުން އެކައްޗެއްކިއުމަށް) ކަލޭމެން ދަހިވެތިވަނީހެއްޔެވެ؟ (އެކަމަކު އެމީހުންގެ ކަންހުރިގޮތް ނިކަން ދެކޭށެވެ!) ހަމަކަށަވަރުން އޭގެ އެއްބަޔަކު ﷲ ގެ ބަސްފުޅު އަހާކަމުގައިވިއެވެ. (ﷲ ބާވައިލެއްވި ތަވްރާތުގެ ބަސްފުޅު އަހާކަމުގައިވެއެވެ.) ދެން އެމީހުންނަށް އެބަސްފުޅު ރަނގަޅަށް ވިސްނި މޭރުންވުމަށްފަހު އެބަސްފުޅު އެމީހުން ބަދަލުކޮށް ހަދާކަމުގައިވިއެވެ. (އެއީ އެމީހުންގެ ތެރޭގައިތިބޭ ބައެއް ޢިލްމުވެރންނެވެ.) އެމީހުން އެކަން އެކުރަނީ އެއީ ކުށެއްކަމާ ބޮޑުނުބައިކަމެއްކަން ރަނގަޅަށް އެނގިތިބެގެންނެވެ. (މިވަރުބަޔަކު ކަލޭމެންގެބަސް ތެދުކުރާނެހެއްޔެވެ؟)
ބުއްދީގެ ވިސްނުން ހުރި، އަދި ސާނަވީ ދީނީ އިލްމު ހުރި ކޮންމެ މީހަކަސްވެސް އިސްލާމް ދީނުގައި ފުރާނައަށް ދީފައިވާ ޤަދަރު ނޯޅޭނެއެވެ. ނޫސްތަކުގައި މި ލިޔާ އެއްޗަސަކީ ނުވަތަ ދިވެހިން ފިތުނަ މާނަ ކުރާ މޭރުމުން ފިތުނައިގެ މާނަކޮށް އެ ކުރާ ފިތުނަ އަކީ ނުވަތަ ވެރިއަކު ކުރާ ވައްކަމުގެ ވާހަކަތައް ގެންނަ ގެނައުމަކީ އިންސާނަކު ގަތުލު ކުރުމަށްވުރެ ނުބައި ކަމެއްކަން ޤުރުއާނުގައި ބަޔާން ކޮށްފައި ނޯންނާނެކަން ވިސްނާލި ކޮންމެ މީހަކަށްވެސް ސާފު ވާނެއެވެ. އިންސާނާގެ ފުރާނައެއް ދުއްވާލުމަށްވުރެ އެކަން ނުބައި ނުވާނެކަން އެނގޭނެއެވެ. އެހެން ކަމުން މުއިއްޒު ޤުރުއާނުގެ އާޔަތެއްގެ މާނަ އޮޅުވާލާފައިވަނީ ގަސްތުގައި ސިޔާސީ ބޭނުމަކަށް ކަމަށް ޤަބޫލު ކުރެވެއެވެ. ރައްޔިތުންނަކީ ނުވިސްނާ ބައެއް ކަމަށާއި، ޖަނަވާރުންނާއި އެއްވަރު ނުވޭހޭ ބުނެ ވާހަކަ ދެއްކި މުއިއްޒަށް އެކަން ދޭހަވާ ވަރުގެ ބުއްދިއެއް ނުހުރެ ނުދާނެއެވެ. މިވަރުގެ މީހަކު ދައްކާ އެއްވެސް ވާހަކަ އެއް ޤަބޫލު ކުރަން ހެޔޮ ނުވާނެއެވެ.
ނޫސްވެރިން ކުރަމުންދާހާވެސް މަސައްކަތަކީ ރައީސް މުއިއްޒު ކުރަމުންދާ ވައްކަމާއި، ހަދަމުންދާ ދޮގުތައް ހާމަ ކުރުމެވެ. މިކަންކަން ހާމަ ނުކުރާ ނަމަ، މުޅި ދައުލަތް އެއްކޮށް އެކީ އެކައްޗަށް މިއަދު އޮންނާނީ ލޫޓުވާފައެވެ. މިހާރުވެސް ވަނީ އިންތިހާއަށް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ރައްޔިތުންނަށް ދޮގު ހަދައި، ރައްޔިތުންގެ މުދަލުން ވައްކަން ކޮށްފައެވެ. މިކަންކަން ހެއްކާއި އެކީ އެޗްޑީސީއިން ފެށިގެން، ޓުއަރިޒަމް މިނިސްޓްރީ އިން ވިއްކާފައިވާ ރަށްތަކުން ފެށިގެން، އެތައް އެތައް އެތައް ގުނައެއް ބޮޑުކޮށް ދެމުންދާ ޕްރޮޖެކްޓްތަކުން ސާފުވެއެވެ. އެ ތެދު ވާހަކަތައް ދެއްކުމަކީ އެއީ ދޮގު ކަމަށް ބުނެ އެއީ ފިތުނަ ކަމަށް ބުނެވޭނެ ޖާގައެއް އޮތް ކަމެއްވެސް ނޫނެވެ.
މާތްﷲ ގުރުއާނުގައި މިފަދައިން ﷲގެ ބަސްފުޅު އޮޅުވާލުމާއި ގުޅޭ ގޮތުން އެކަން ނަހީ ކުރައްވާ އެތައް އާޔަތެއް ވަނީ ބާވާލައްވާފައެވެ. ނަމަވެސް މުއިއްޒުގެ މި އަމަލު ކުށްވެރި ކޮށްލާނެ ދީނީ ޖަމާއަތެއް ސަލަފުގެ ނަމުގައި ހަދައިގެން އުޅޭ ފަރާތްތަކަށް ނުކުރުނެވެ.