ޚަބަރު

ވެރިމީހާގެ ވިސްނުން ހިނގަނީ އޭޓީއެމް މެޝިނަކާއި އައުޓް ޑޯރ ޖިމަކާއި ހަމަޔަށް! މިވަރުގެ ވެރިޔަކަށް ގައުމެއް އާރާސްތު ކުރެވިދާނެތަ؟

ދިޔަވަރު
ވެރިމީހާގެ ވިސްނުން ހިނގަނީ އޭޓީއެމް މެޝިނަކާއި އައުޓް ޑޯރ ޖިމަކާއި ހަމަޔަށް! މިވަރުގެ ވެރިޔަކަށް ގައުމެއް އާރާސްތު ކުރެވިދާނެތަ؟

ދުނިޔޭގެ ގައުމުތައް ކުރިއަރައިގެން އައިސްފައިވަނީ ވެރީންގެ ދުރު ވިސްނުމާއި ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. ދުނިޔޭގެ ކުރިއަރާފައިވާ، އަދި ސުލްހަ މަސަލަސްކަން ގާއިމްކޮށްފައިވާ ގައުމުތައް ތަރައްގީއާއި ތަމައްދުނުގެ ރޮގުން ހޯދާފައިވާ ކުރިއެރުންތަކާއި ހާސިލް ކޮށްފައިވާ އަރުތަތަކަށް ވިސްނާ ފިކުރު ހިންގާލުމުން މި ހަގީގަތް ވަރަށްވެސް ފުރިހަމަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ.

ހުޅަނގުގެ ގައުމުތަކަކީ ސަގާފީގޮތުންނާއި އަދި ދީނީ ގޮތުންވެސް ދިވެހީންނާއި ތަފާތުކަން ކިތަންމެ ބޮޑު ބަޔަކަށް ވީނަމަވެސް އެގައުމުތައް ތަރައްގީގެ ރޮގުން ކުރިއަރައިގެން ދިޔައީ، ދުރުވިސްނޭ، ހިކުމަތްތެރި ވެރީންތަކެއް އެގައުމުތަކަށް ލީޑަރޝިޕަށް އައުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ގައުމުގެ މުސްތަގްބަލާއި ގުޅުންހުރި، އުމްރާނީގެ ގޮތުން މުހިންމު މަޝްރޫޢުތައް އެވެރީންތައް ދެނެގަންނަނީއެވެ. ރައްޔިޔުންނަށް މަންފާކުރާނޭ ތަރައްގީއަކީ ކޮބައިކަން އެވެރީންނަށް ވަޒަން ކުރެވުނީއެވެ. ހަގީގީ ބޮޑު މަންޒަރު އަމިއްލަ ސިނކުޑިން ކުރައްސަވަން އެވެރީން ދެނެވަޑައިގަންނަވަނީއެވެ. ހިސާބު ޖައްސަވާފައިވަނީ "ނޭފަތު ކުރިއާއި" ހަމަޔަކަށް ނޫނެވެ. އެތައް އަހަރެއް ދުރަށެވެ. އެ ލީޑަރުން ދުނިޔޭގެ ނެތްކަމުގައިވި ނަމަވެސް، އަންނާން އޮތް ޖީލުތަކަށް ސަލާމަތާއި ރައްކާތެރިކަމާއެކު، އަދި ހަމަޖެހޭ ދިރިއުޅެއް އުލެވޭނެ ގޮތެއް، މާހައުލެއް ހޯއްދަވަން ވިސްނަވާ ފިކުރު އެ ވެރީން ހިންގެވީއެވެ. ލިބޭ 5 އަހަރުގެ ދައުރުގައި ތިމާގެ އަމިއްލަ ނަފްސު އިސްތިހާރު ކުރުމުގެ ޖަޒުބާތީ ވިސްނުމުގައި ލީޑަރުންތައް ވަގުތު ބޭކާރު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، އުމްރާނީ ގޮތުންނާއި ވިޔަފާރިއާއި އިގްތިސާދުގެ ރޮގުން ހުލޅަނގުގެ ގައުމުތަށް ކުރިއަރައިގެން ދިޔައީ ފަތުއަޑު ކިޔާފައެވެ. ހަމައެކަނި ހުޅަނގުގެ ގައުމުތަކުގެ ވާހަކަ އެކަނި ނުދައްކަމާތޯއެވެ. އަރަބި ބައެއް ގައުމުތައްވެސް މި ލިސްޓުގައި ހިމަނާލަން ޖެހެއެވެ. ގަތަރާއި، ޔޫއޭއީ އަދި އެނޫނަސް އަރަބި ބައްރުގައިވެސް މިބީދައިން ތަރައްގީވެގެން ގޮސްފައިވާ ގައުމުތައް މަދެކޭ ދެންނެވޭކަށް ނެތެވެ. އޭގެ ހަގީގީ ސަބަބަކީ އެގައުމުތަކުގައި ޑިމޮކްރަސީ ނެތެއްކަމަކު، ވެރީންގެ ދުރު ވިސްނުމާއި ހިލްމުން ގައުމުތަކުގެ ކުރިމަގު އުޖާލާ ވެގެން ދިޔައީއެވެ. އެ ބޭބޭފުޅުންގެ ވިސްނުން ހުއްޓުނީ އޭޓީއެމްތައް ހުޅުވުމާއި، އައުޓްޑޯރ ޖިމްތައް ހުޅުވުމާއި ހަމައިންނެއް ނޫނެވެ.

އެހެންނަމަވެސް މިރާއްޖޭގެ ވަލިއްޔުލްއަމުރުގެ ކިބައިން މިއަދު ފެންނަމުން މިދަނީ މިއާއި ޚިލާފު، މުޅިން ތަފާތު މަންޒަރުތަކެކެވެ. ރައީސް އޮފީހުގައި އިންނަވައިގެން، ގައުމުގެ ކަންކަން ރާއްވަވައި، އަނެއްކުންނަށް މަގު ދައްކަވާ، ހިސާބުތައް ޖެއްސެވުމުގެ ބަދަލުގައި މުޅި ވިސްނުމާއި ފިކުރުގެ ތެރޭގައި އެނބުރޭތަން ފެންނަމުންދަނީ އޭޓީއެމްތައް ހުޅުވަން ބޭނުންފުޅުވެގެން އުޅުއްވާ މަންޒަރުތަކެވެ. ރަށެއްގައި އައުޓްޑޯރ ޖިމްއެއް ގާއިމް ކުރި ކަމުގައިވިނަމަވެސް އެ ޖިމްވެސް ހުޅުވަން ބޭނުންފުވެގެން އުޅުއްވާތައް ފެންނަމުންދަނީ މުއިއްޒުއެވެ. ކައުންސިލް އިމާރާތެއްގައިވެސް، ޕޮލިސް ޕޯސްޓެއްގައި ކަމަށްވި ނަމަވެސް، ރަށެއްގައި ގަހެއް އިންދި ކަމުގައިވި ނަމަވެސް، އަދި ސަރުކާރުން ކުރާހާކަމެއް އިއުލާން ކުރެއްވުން ކަމުގައިވި ނަމަވެސް މުއިއްޒުގެ އަތުން މެނުވީ، ނުވަތަ މުއިއްޒުގެ އެކްސް ހޭންޑްލްއިން މެނުވީ އެކަމެއް ފެއްޓެވުން ނުވަތަ އިއުލާން ކުރެއްވުންވެސް ކަމުނުދާ ދަރަޖައަށް މުއިއްޒުގެ ސިކުނޑި ތަޢައްޔަރުވެފައިވާ މަންޒަރު މިއީ މިއަދުގެ އެންމެ ބޮޑު ހަގީގަތެވެ.

އެހެންނަމަވެސް، ވެރިރަށް މާލޭގައި، ގައުމުގެ ކަންކަމަށް ލަފާ ދެއްވަން، ނުވަތަ ކަންކަން ރާއްވަވަން އިންނެވުމުގެ ބަދަލުގައި އޮފީސް ދޫކޮށް 8 ދުވަހުގެ ދަތުރަކަށް، އަދި އަމުދުން ދައުލަތުގެ މާލީ ވަޒީރާއި އެނޫނަސް އެތައް ވަޒީރުންނެއް ކަފު ޖައްސަވައިގެން ރައީސުލްޖުމުހޫރިއްޔާ ވަޑައިގަންނަވަން ޖެހޭތޯއެވެ. ރައީސުލްޖުމްހޫރިއްޔާ ބުއްދިފިލާ ދިޔައީތޯއެވެ. އޭޓީއެމްތަކާއި އައުޓުޑޯރ ޖިމްތައް ހަދަމުން ހުޅުވަމުންދާނެ ނޫންތޯއެވެ. ރައީސުލްޖުމުހޫރިއްޔާގެ ވިސްނުމުގައި އެވަރުގެ އާދައިގެން ކުދިކުދި ކަންކަން ތާއަބަދު ޓަކިޖަހަމުންދާނަމަ ގައުމަށް އެމަނިކުފާނު ބޮޑު މަންޒަރެއް ކުރައްސަވާނީ ކިހިނަކުން ތޯއެވެ. ރައީސުލްޖުމުހޫރިއްޔާގެ ވިސްނުން ހުއްޓެން މިޖެހެނީ އޭޓިއެމްތަކާ އައުޓުޑޯ ޖިމްތަކާއި، މަޝްރޫއުތައް އިފްތިތާހުކުރުމާއި، އަމިއްލަ އެކްސް އެކައުންޓުން މެނުވީ ސަރުކާރުގެ އެއްވެސް ކަމެއް ޓުވީޓުކުރުން މަނާ ކުރުމާ ހަމައިގަތޯއެވެ.

ނޫނެކެވެ. ރައީސުލްޖުމުހޫރިއްޔާގެ ވިސްނުން އެއަށްވުރެ ފުޅާ ވާންޖެހެއެވެ. ބޮޑު މަންޒަރު ދެކެވަޑައިގަންނަވަން ޖެހެއެވެ. އެއަށްވުރެ މާ ދުރަށް ވިސްނަވަން އެބަޖެހެއެވެ. ރައީސް ޔާމިންއާއި ރައީސް ސާލިހު ބުރިޖު އަޅުއްވުމަށް ތަސަައްވުރު ކުރެއްސެވި ބީދައިންނެވެ. ދަރުމަވަންތައް ހޮސްޕިޓަލްގެ 25 ބުރި އިމާރާތް އަޅުއްވަން ރައީސް ޔާމިން ވިސްނުން ގެންގުޅުއްވާ އަމަލީ ސިފަ ގެންނެވި ފަދައިންނެވެ. ހަގީގަތުގައިވެސް މުއިއްޒުއަކީ ވިސްނުމެއް ތަސައްވުރެއް ނެތް ވެރިއެކެވެ. ތިމާގެ އަމިއްލަ ނަފްސު އިސްތިހާރު ނުވެދާނީ، އެކަމުގެ ޖަޒްބާތީ ވިސްނުމުގައި ގައުމާއި ހަޔާތުގެ ދުވަސްތައް ބޭކާރު ކުރަމުންދާ ވެރިއެއް މިނޫނީ ދިވެހިން ދެކެފައެއް ނުވެއެވެ. ތަސައްވުރެއް، ދުރުވިސްނުމެއް، އާޚިޔާލެއް ފިކުރެއް ނެތް މީހެއްގެ އަތްމައްޗަށް ގައުމުގެ ވެރިކަން ލިބި ދިއުމުން ނިކަމެތިވެގެންދާނީ ރައްޔިތުންނެވެ. ވަށައިގެން ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން މިދަނީ އެ ހަގީގަތެވެ.