20 ފެބުރުއަރީ 2024ގެ ރޭ ތިނަދޫގައި ބޮޑު ރަސްމިއްޔާތެއް ބާއްވައި ރައީސް މުއިއްޒު ތިނަދޫގައި އެއަރޕޯޓެއް އެޅުމަށް ބޮޑު ޕްރޮޖެކްޓެއް ފަށާފައި ވަނީ، އަދީބު އޭގެ ފަހަތުގައި ހުރެގެންނެވެ.
މި ޕްރޮޖެކްޓް ދީފައިވަނީ ފެބްރިކް ވިޔަފާރި ކުރުމަށް ތައިލެންޑްގައި ރަޖިސްޓްރީ ކޮށްފައިވާ ފޭކް ކުންފުންޏަކަށެވެ. މިކަން ކޮށްފައިވަނީ ތައިލެންޑް ޕޭޕާރ ކުންފުންޏަށް ޕްރޮޖެކްޓް ދިނުމަށް ފަހު، މި ވިޔަފާރި ކުންފުނި ފަހުން ވިއްކާލުމަށް މުއިއްޒު އާއި އަދީބު ރާވައިގެން، ދައުލަތުން ބޮޑު އަދަދެއްގެ ވައްކަމެއް ކުރުމަށެވެ.
ޕްރޮޖެކްޓް ދިން އިރުވެސް، މި ކުންފުންޏަކީ މިވަރުގެ މަޝްރޫޢެއް ހިންގޭނެ ކުންފުންޏެއް ނޫންކަން ރައީސް މުއިއްޒަށް އެނގިލައްވައެވެ. ނަމަވެސް ފައިސާ އާއި ވައްކަމުގެ ދަހިވެތި ކަމުގައި މިކަން މި ގޮތަށް ކުރީއެވެ.
ރައީސް މުއިއްޒު އެދިވަޑައިގެން އަރަބި ބައެއް ޤައުމުތަކަށް އަދީބު ވަނީ ގޮސް މި ކުންފުނި ވިއްކުމަށް މަސައްކަތް ކޮށްފައެވެ. އަދި ކުންފުނި ވިއްކާއިރު ލިބޭ ބޮޑު ފައިދާއިން ބައެއް ރައީސް މުއިއްޒަށް ދޭނެ ކަމުގެ ޔަގީން ކަން އަދީބު ދީފައިވާ ކަމަށް ރައީސް މުއިއްޒުގެ އަރިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދީފައި ވެއެވެ.
މުއިއްޒު އާއި އަދީބު އާއި ދެމެދު ގާތް ގުޅުމެއް އޮންނަ އިރު، މުއިއްޒު އަދީބަށް ގުޅުއްވާ ސިޔާސީ ކަންކަމުގައި ކަން ކުރައްވަންވީ ގޮތުގެެ ލަފާފުޅުވެސް ހޯއްދަވައެވެ. މުއިއްޒު އާއި އަދީބު އެކުގައި ހިންގަމުންދާ މި ނޫން އިތުރު އެތައް ޓްރާންސެކްޝަނެއްގެ މައުލޫމާތުވެސް ފަހުން ގެނެސް ދެވޭނެއެވެ.
ސަރުކާރުން ހިންގާ ޓްވިޓަރ އެކައުންޓަކުން އަދީބުގެ ޗެޓްލޮގް ތަކެއް ލީކް ކޮށްގެން އުޅެނީ، އޭގެ ކުރިން އޭގައި އަދީބު އާއި ބައެއް ނޫސްވެރިންނާއި ދެކެވިފައިވާ ވާހަކަތައް ލީކު ކުރާނެ ކަމަށް ބުނެ މުއިއްޒުގެ ފަރާތުން މީހަކު ލައްވައި ބައެއް ނޫސްވެރިންނަށް ގުޅައި ބްލެކްމެއިލް ކުރަން މަސައްކަތް ކޮށް ބިރު ދެއްކުމަށްފަހު، އެކަން ނާކާމިޔާބު ވުމުންނެވެ.