މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ، ދައުލަތުގެ އެންމެ މުހިންމު މުވައްސަސާތަކުގެ އިތުބާރު ގެއްލި، މުވައްސަސާތަކުގެ ވެރީން މުއިއްޒުގެ ކުރިމަތީގައި ގުދުވެ، މުއިއްޒުއަށް ހަށި ވިއްކުމުގެ ސިލްސިލާއަށް އިތުރުވެގެންދިޔަ އެންމެ ފަހުގެ ބޮޅަކަށް ވެގެން މިދިޔައީ އޮޑިޓަރ ޖެނެރަލް ނިޔާޒީއެވެ. އޭގެ އެންމެ ބޮޑު ހެއްކަކަށް އެންމެ ފަހުން ވެގެން މިދިޔައީ އޮޑިޓަރ ޖެނެރަލް ނިޔާޒީ އެންމެ ފަހުން ނެރުއްވި އޮޑިޓް ރިޕޯޓެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގައި، އޭރު އެ ކުންފުނީގެ އެމްޑީއެއްގެ މަގާމުގައި ހުންނެވި ފެނަކަ ސައީދު ހިންގި ބޮޑެތި ކޮރަޕްޝަންތަކާއި ގުޅުންހުރި އޮޑިޓް ރިޕޯޓު ނިންމާ ނިޔާޒީގެ މޭޒުމަތީގައި އޮންނަތާ އެތައް މަހެއް ވަނީ ވެގެން ގޮސްފައެވެ. އެހެންނަމަވެސް، އޭނާ އެރިޕޯޓު އާންމު ނުކޮށް މޭޒުމަތީގައި ބާއްވަމުން އައިސްފައިވަނީ މުއިއްޒުގެ އަމުރަށް އެ އެރިޕޯޓު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮޑިޓް އޮފީހުގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓު ނިމި އެތައް މަހެއް ވެގެން ދިޔައިރުވެސް އެރިޕޯޓު އާންމު ނުކޮށްގެން އެ އޮފީހުގެ މުވައްޒަފުންވެސް ނިޔާޒީގެ އަރިހުގައި ސުވާލު ކޮށްފައި ވެއެވެ. އެހެންނަމަވެސް މިހާތަނާއި ހަމައަށްވެސް އެ ރިޕޯޓު އާންމު ނުކޮށް ބާއްވާ އެއްވެސް ސަބަބެއް ނިޔާޒީ މުވައްޒަފުންނާ ހިއްސާ ކޮށްފައި ނުވާކަމަށް އެ މުވައްޒަފު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެ ރިޕޯޓު މި ހަފްތާގައި އާންމު ކުރުމުން މިހާތަނަށް ރިޕޯޓު އާންމު ނުކޮށް ހިފެހެއްޓި ސަބަބު ވަރަށްވެސް ރަގަޅަށް ހާމަވެގެން ގޮސްފައިވާކަމަށް، "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މުވައްޒަފު ވިދާޅުވެފައި ވެއެވެ.
އެގޮތުން ނިޔާޒީ އޮޑިޓް ރިޕޯޓު އާންމު ކޮށްފައި މިވަނީ، އަންނަ އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ބޮޑު އެއްވުމާއި ދިމާކޮށް، މުއިއްޒުގެ އަމުރަށެވެ. އެއީ އެ ރިޕޯޓު ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު މުއިއްޒުއަށް ދިނުމަށެވެ. އެއީ އޮކްޓޯބަރު 3 ގެ މުޒާހިރާއަށް އާދަޔާ ޚިލާފަށް ގިނަ މީހުން އެއްވެދާނީ މުއިއްޒު ޖެހިލުންވެ، އެ އެއްވުން ފެއިލް ކޮށްލުމުގެ މަގުސަދުގައެވެ.
ނިޔާޒީގެ މި އަމަލުން ސާފުވެގެންދިޔަ އެއް ހަގީގަތެއް އެބައޮތެވެ. އެ އެއް ހަގީގަތަކީ އޭނާ ހުރީ ކޮންމެ ފަދަ ބޮޑު ޖަރީމާއެއް ހިންގައި ދީގެންނަމަވެސް މަގާމް ދިފާއުކުރުމަށް "ބޫތު" ކައިފައި ކަމެވެ. އަދި އޭނާއަކީ ސީދާ މުއިއްޒުގެ ސިޔާސީ އެކްޓިވިސްޓެއްކަންވެސް، ނިޔާޒީގެ މި އަމަލުން މިވަނީ ސާފުވެގެން ގޮސްފައެވެ.
އެހެންނަމަވެސް، އޮޑިޓް އޮފީސް ސިޔާސީކޮށް، އޮޑިޓް ރިޕޯޓުތަކަކީ ސިޔާސީ ހަތިޔާރަކަށް ނިޔާޒީ ހެދިއިރު، އޭނާއަށް މިކުރެވެނީ ކީއްކަން އޭނާއަށް އިނގޭ ބާވައެވެ. އޭނާ އެ ގެއްލުވާލަނީ ދައުލަތުގެ އެންމެ މުހިންމު އެއް މުވަސަސާގެ އިތުބާރެވެ. އޭނާ އެ ފުނޑާލަނީ މުޅި ދައުލަތުގެ އިންޓެގްރިޓީއެވެ. އޭނާ އަމިއްލަ ވަޒީފާގެ ހިމާޔަތުގައި އެ ފުނޑުފުނޑު ކޮށްލަނީ ކޮރަޕްޝަނާއި ފަސާދައަށް ފާރަވެރިވާން ގާނޫނު އަސާސީން ޖަހާދީފައިވާ އެންމެ ވަރުގަދަ އެއް ތަނބެވެ.
ކޮންމެއަކަސް ފެނަކަ ސައީދުގެ ކޮރަޕްޝަންއަކީ އެމްޑީޕީގެ އެއްވެސް މެމްބަރަކު އިންކާރުކުރާ ކަމެއް ނޫނެނެވެ. އަދި އެއީ ބެލެންވާނޭ ކަމެއްކަންވެސް ގަބޫލުކުރާން ޖެހެއެވެ. އެހެންނަމަވެސް މައްސަލައަކީ އޭނާގެ ކޮރަޕްޝަނާއި ގުޅޭ އޮޑިޓް ރިޕޯޓު ސިޔާސީ ކޮށްލުމެވެ. އެ އޮޑިޓް ރިޕޯޓަށް މިއަދު އިތުބާރު ކުރާނީވެސް ކިހިނަކުން ތޯއެވެ.
އެހެންނަމަވެސް، އޮކްޓޯބަތ 3 ގައި އެތައް ހާސް ދިވެހި ރައްޔިތުން މަގުތަކަށް ނިކުންނާނެއެވެ. މަގުތައް ފުރާލާނެއެވެ. މުއިއްޒުގެ ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނާނެއެވެ. އަދި މުއިއްޒުއެކޭ އެއްފަދައިން އެދުވަހަކީ، މަގާމުގެ ދިފާއުގައި ގުދުވެ ތިބޭ ނިޔާޒީމެންފަދަ އިސް ވޭރީންވެސް ޒިންމާދާރު ކުރުވާނެ ދުވަހެވެ.