ޚަބަރު

އާދަން އާޒިމް އެމްޑީޕީގައި ބަހައްޓާފި ނަމަ އިތުރު އެއްވެސް ކެނޑިޑޭޓަކަށް އެމްޑީޕީއިން ވެރިކަމަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުލިބޭނެ!

ދިޔަވަރު
އާދަން އާޒިމް އެމްޑީޕީގައި ބަހައްޓާފި ނަމަ އިތުރު އެއްވެސް ކެނޑިޑޭޓަކަށް އެމްޑީޕީއިން ވެރިކަމަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުލިބޭނެ!

އާދަން އާޒިމް އެމްޑީޕީގައި ބަހައްޓާފި ނަމަ އިތުރު އެއްވެސް ކެނޑިޑޭޓަކަށް އެމްޑީޕީއިން ވެރިކަމަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

އެމްޑީޕީއިން މީހަކު ވެރިކަމަށް އަންނަ ނަމަ އެމީހަކީ، އާދަން އާޒިމް ކަމަށް ހެދުމަށް އާޒިމްގެ ބޭބެ ކާނަލް ނާޒިމް އާއި، ހޯމް މިނިސްޓަރަކަށް ހުރި އިހުސާން އާއި، އޭޖީ އަކަށް ހުރި އާޒިމްގެ ކޮއްކޮ އުޝާމް ދަނީ މަސައްކަތް ކުރަމުންނެވެ.

އާޒިމް މޭޔަރު ކަމުގައި ހުރެ ކުރަމުންދާ ހުރިހާ ކަމެއް ކުރަމުންދަނީ މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ. މާލޭގައި އެމްޑީޕީ އިން ދަމާފައި ހުރި ބެނާތައް ނެގުމުން ފެށިގެން، ސިޓީ ކައުންސިލުން މުއިއްޒު ކޮށްފައިވާ ވައްކަންތައް ވަންހަނާކޮށް ފޮރުވަމުން ދަނީ ސީދާ އާޒިމް އެވެ.

އާރުސީސީ އެހިންގަނީ އަދީބަށް ފަހު އެންމެ ބޮޑު ކޮރަޕްޝަން

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފިޔަވައި ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ކޮރަޕްޝަންގެ ސީދާ މަންފާ ލިބޭ މީހަކަށް އާޒިމް ވުމަކީ އިއްތިފާގެއް ނޫނެވެ. ބާގީ ނާޒިމް އާއި މުއިއްޒު އާއި އޮތް ގުޅުން ހީނަރުވެ، ވެރިކަމުގެ ފުރަތަމަ އަހަރު ކުރި މެސެޖްތަކަށް މުއިއްޒު ޖަވާބު ނުދީ ހުއްޓާ އެ ގުޅުންތައް ރަނގަޅު ކޮށްދީ އާރުސީސީއަށް 631 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހޯދައި ގަތީ އާޒިމް އާއި އުޝާމު، މުއިއްޒު އާއި ގާތް ގުޅުމެއް ބާއްވައިގެން، އެ ގުޅުމުގެ ތެރެއިންނެވެ. ހާއްސަކޮށް އޭޖީ އުޝާމުއެވެ.

ސަރުކާރުން ޕްރޮޖެކްޓްތައް އެކަމަށް ޤާބިލު ބަޔަކަށް ދޭ އުސޫލުން ބިޑު ކޮށްގެން ނުވަތަ އެފަދަ ހަމައެއްގެ ތެރެއިން އާރުސީސީއަށް ލިބުނު ޕްރޮޖެކްޓަކަށް މި ޕްރޮޖެކްޓް ނުވާއިރު، މިފަދަ ޕްރޮޖެކްޓެއް އާޒިމުގެ ހިއްސާ އޮތް އާރުސީސީ އަށް ލިބުނު ލިބުމަކީ އާދައިގެ ކަމެއް ކަމުގައި ދެކިގެން އެމްޑީޕީއިން ތިބުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. މިކަމުގެ ބޮޑު މަންޒަރު އެމްޑީޕީއަށް ފެންނަން ޖެހެއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބަދަލުކޮށް ދުސްތޫރީ ޑިކްޓޭޓަރޝިޕަކަށް ރާއްޖެ ބަދަލު ކޮށްދިން ފަރާތަކީ އެޓަރނީ ޖެނަރަލް އުޝާމެވެ. މީޑިޔާ ބިލުން ފެށިގެން ގޭންގު ބިލާއި ހަމަ އަށް ދަމާލެވިފައިވަނީ އެވަނީ އަނިޔާވެރިކަމުގެ ރަތް ދެއްޔެވެ. އެކަމުގެ މަންފާ 631 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކުން އެނެގީ، މި ހުރިހާ އަނިޔާވެރި ކަމަކުން އެމްޑީޕީ މެމްބަރުންނާއި، އާންމު ރައްޔިތުން ނިކަމެތިކަން އިންތިހާއަށް ގެނަވަމުންނެވެ. އޭގެ ފުރިހަމަ ފައިދާ ސީދާ ގޮތުގައި ލިބެމުންދާ މީހަކު އެމްޑީޕީގެ އިންތިހާބީ މަގާމެއްގައި ހުރުމަކީ އެމްޑީޕީއިން އެއަށް ދީލައިލައިގެން ތިބެންޖެހޭ ކަމެއް ނޫނެވެ. ކޮންޓްރޯލް އެތައް ބިލެއް ފާސްކޮށްގެން ރައްޔިތުންނާއި، މުޅި ޤައުމަށް ލިބޭ ނިކަމެތި ކަމުން، މާލީ މަންފާ ހާސިލް ކުރަމުންދާ އާދަމް އާޒިމް، އެމްޑިޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހާޒިރުކޮށް މިހާރުން މިހާރަށް މަގާމުން ވަކި ކުރަން ޖެހެއެވެ. އެހެން ނޫނީ މުޅި ޕާޓީއިން އެ އެންޑޯސް ކުރެވެނީ ވައްކަމެވެ. އާންމު ރައްޔިތުންނަށް އެ ދެވޭ މެސެޖަކީ ރިޝްވަތާއި ވައްކަމަށް އެމްޑީޕީ ދީލާލާފައި އޮތްކަމެވެ. އަނިޔާވެރިކަން އެމްޑީޕީގެ މޭޔަރަށް މާލީ ފައިދާ ލިބިގެން އަންނަޏާމުން ހެޔޮ ކަމަށެވެ.

އާރުސީސީގައި އަބްދުއްރަޝީދު އެންޑް ފެމިލީ ޕވޓ ލޓޑ ގެ ހިއްސާ އޮވެއެވެ. އާދަން އާޒިމްގެ ހިއްސާ އެކުންފުނީގައި އޮވެއެވެ. އެހެންކަމުން އާރުސީސީއަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކުން ބައެއް އާދަމް އާޒިމް އަށް ލިބެއެވެ.

އާރުސީސީ އަށް ދީފައިވާ ކައުންސިލްތައް އެޅުމުގެ މަޝްރޫއުގެ އަގަކީ 631 މިލިއަން ރުފިޔާއެވެ. އެ އަގުން އިމާރާތެއް ޖެހެނީ 11.5 މިލިއަން ރުފިޔާއެވެ. ކައުންސިލް އިމާރާތެއް އެޅުމަށް މީގެ ކުރިން ކުންފުނިތަކަށް ދީފައިވާ އަގަކީ 4.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން 406 މިލިއަން ރުފިޔާ އަކީ އާރުސީސީ އިން ސީދާ ދައުލަތުން ވަގަށް ނަގާ ކޮރަޕްޝަން ހިމެނޭ ފައިސާއެވެ. މި ފައިސާއިން ބައެއް މުއިއްޒު އަށް ދެނީ އެމްޑީޕީ އާއި ދެކޮޅަށް މަސައްކަތްކޮށް ކުރިއަށް އޮތް ކައުންސިލް އިންތިހާބު ޕީއެންސީއަށް ހޯދުމަށް ވޯޓު ގަތުމަށެވެ. އެކަން އެމްޑީޕީއާއި ދެކޮޅަށް މިކުރަނީ އެމްޑީޕީގެ މާލެ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމްއެވެ. މި މަންޒަރު ނުފެންނަ ކަނު ބަޔަކަށް ވެގެން އެމްޑީޕީގެ އެއްވެސް މެމްބަރަކު ހުންނާކަށް ނުޖެހެއެވެ. މިކަމާއި މެދު ފިޔަވަޅު އަޅައި އެމްޑީޕީއަކީ އާރުސީސީގެ ޑިޕަރޓްމެންޓަކަށް ހެދުމުގެ ޕާޓީ ސަލާމަތް ކުރަން ޖެހެއެވެ.

މުއިއްޒުގެ ހިމާޔަތުގައި އާޒިމް

މުއިއްޒު ހިމާޔަތް ކުރަމުން އެދަނީ އާޒިމް އެވެ. މިއަދު 3 އޮކްޓޯބަރުގެ މުޒާހަރާއަށް ތައްޔާރު ވަމުން ދާއިރު، އާދަމް އާޒިމް ލިބޭހާ މައިކެއް ނަގައި އަޑު ފުޅާކޮށް ވާހަކަ ދައްކާއިރު، ދައްކަނީ އާސަންދައަކާއި ނޫނީ ކޮންމެވެސް ބޭހެއްގެ ވާހަކައެވެ. އެންމެ ފަހަރަކުވެސް އަޑު ނެތް ކޮޅަށް މުއިއްޒު ސިޓީ ކައުންސިލްގައި ކޮށްފައިވާ ވައްކަމުގެ އެންމެ ވާހަކައެއްވެސް ދައްކާލާކަށް ނުކެރެއެވެ. ހަމަ އެކަމާއި ގުޅިގެން އެންމެ ބަހެއްވެސް ބުނެ ނުލަނީއެވެ. ގަދަ އަށް ހުރީ މުއިއްޒުގެ ފަޅީގައެވެ. އެމްޑީޕީގެ ކުލަ ޖައްސައިގެން ނިކަން ރަނގަޅަށް ރަތްރީނދޫ ކުލައިން ގިރިޓީކޮށްލައިގެންނެވެ. މިއަދު 3 އޮކްޓޯބަރުގެ ކުރިން އޮޑިޓްކޮށް އޮޑިޓް ރިޕޯޓް ނެރެން ޖެހޭ ތަނަކީ މާލޭ ސިޓީ ކައުންސިލެވެ. ވައްކަމުގެ ސިލްސިލާއިން ބޮޅަކަށް ފަހު، ބޮޅެއް ހާމަކޮށް، މުއިއްޒުގެ ވައްކަން ހާމަ ކުރުމަށް މިއަށްވުރެ ރަނގަޅު ވަގުތެއް ނެތެވެ. ނަމަވެސް އޮޅިގެންވެސް ސިޓީ ކައުންސިލަށް އޮޑިޓަރަކު ނުވައްދާ ވޭތޯ އާދަން އާޒިމް އެދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ މުއިއްޒު ހިމާޔަތް ކުރުމަށްޓަކައެވެ.

އެމްޑީޕީއަށް އާދަން އާޒިމް އޮތް ލޯޔަލްޓީ ދެން ފެނިގެން ދިޔައީ، މިފަހުން މާލެތެރޭ ދަމާފައި ހުރި ބެނާތައް ނަގަން ފޫގަޅާލައިގެން ވަޓްސްއެޕް ގްރޫޕްގައި އާޒިމް ކުރި މެސެޖުންނެވެ. ބެނާތައް ގަވާއިދަށް ފައްތަން ޖެހޭކަމަށް އާޒިމް ކަނޑައެޅިގެން ބުންޏެވެ. އާދަމް އާޒިމްގެ އެ ބުނުމާއި އެކު ގަވާއިދަށް ފައްތަން އެ ބެނާތައް ނަގަން ޕީއެންސީ އެހެން ކައުންސިލަރުވެސް ތާޢީދު ކުރިއެވެ. "ބެނާ ނުކަނޑާށޭ، ތިކަން ވެފައޮތް ގޮތެއް އެބަ ބަލަމޭ" ވެސް އާާދަން އާޒިމަށް ބުނެވޭނެއެވެ. ކައުންސިލްގައި ތިބި އާދަން އާޒިމްގެ މީހުން ލައްވައި އެމްޑީޕީއަށް ގުޅުވައި ހޯދަން ބޭނުންވާ ސިޓީ ވަގުތުން ހޯދުވައިގެންވެސް އެ ބެނާތައް ނެގުން ހުއްޓުވުނީހެވެ. ނަމަވެސް އެބުނާ ސިޓީއެއް ލިބިފައި އޮއްވައިވެސް އާދަމް އާޒިމް ބޭނުންވީ ބެނާތައް ނަގައި، މުއިއްޒު ހަދާ ކަހަލަ ދޮގަކުން ފަރު ޖައްސާލާށެވެ. ތިމަންނާ ހުރީ ރާއްޖެއިން ބޭރުގައޭ، ނުވަސް ދެނަހުރީމޭ ބުނެ ރެކި ގަންނާށެވެ. މިއީ ފެންނަން އޮތްތަނެވެ. މިއީ ލޯ ކުރިމަތީ އެމްޑީޕީއާއި މެދު އާދަމް އާޒިމް ކަން ކުރަމުން އަންނަ ގޮތެވެ. ލޯޔަލްޓީގެ ޒައްރެއްގެ މިންވަރުވެސް ޕާޓީއަށް ނެތެވެ.

މުއިއްޒު ވެރިކަމަށް ނާދެވޭ ހާލަތަކަށް އާޒިމް ތައްޔާރު ކުރުން

މުއިއްޒަށް ވެރިކަމަށް ނާދެވޭ ހާލަތެއްގައި އެމްޑީޕީފަޅިން ވެރިކަމަށް މީހަކު އަންނާނެ ކަމާއި މެދު ޝައްކެއް ނެތެވެ. އަދި މިހާރު މުއިއްޒުގެ ތާޢީދު އޮތް ގޮތުން ސައްޙަ އިންތިހާބެއް ބާއްވާފިއްޔާ %18 ވެސް މުއިއްޒަށް ރިޔާސީ އިންތިޙާބުން ނުލިބޭނެ ކަން ސާފުކޮށް އާޒިމްގެ ޓީމަށް އެނގެއެވެ. އާޒިމްގެ ޓީމަކީ އޭނާގެ ބޭބެ ނާޒިމް އާއި، ކޮއްކޮ އުޝާމުއާއި، ހެޕީމާކެޓް އިހްސާނެވެ. އިހްސާން ވަނީ މުއިއްޒަށް ތާޢީދު އޮތް ވަރުގެ ދިރާސާއެއްވެސް ކޮށްފައެވެ.

ޕީއެންސީގައި ތިބީ އެއްވެސް މީހަކަށް ލޯޔަލް ބައެއް ނޫނެވެ. އެމީހުންގެ ލޯޔަލްޓީ އޮތީ ބާރު ވެރިކަމަށެވެ. މައުމޫނު ދޫކޮށް، ޔާމީނު ކައިރިއަށް އަންނަށް ނެގީ ކުޑަ ވަގުތުކޮޅެކެވެ. ޔާމީން ދޫކޮށް މުއިއްޒު ކައިރިއަށް ދާން ނެގީ ފަޅި ސިކުންތެވެ. ދިމްޔާތު މުއިއްޒަށް ލޯޔަލް ހަމަ އެންމެ މީހަކުވެސް ޕީއެންސީގައި ނުހުންނާނެއެވެ. ހާއްސަކޮށް ޤާސިމް އަތުން ކައިގެން ބޮއެގެން އުޅެގެން އާ ޕާޓީ އެއް ހަދައި ނުކުތް އާޒިމްގެ ޓީމުގެ ލޯޔަލްޓީއެއް މުއިއްޒަކަށް އެއްވެސް ވަރަކަށް ނެތެވެ. އެމީހުންގެ ލޯޔަލްޓީ އޮތީ ބާރަށެވެ. ބާރު ދެމެހެއްޓުމުގެ މައްޗަށެވެ. ހާއްސަކޮށް ބާރުގައި އެމީހުން ދެމި ތިބުމުގެ މައްޗަށެވެ. މުއިއްޒުއަށް ވަފާތެރިކަން "ދެއްކުމަށް" އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް ކުރިމަތި ލެވޭނެ ހުރިހާ މަގެއް ގާނޫނީ ގޮތުން ނެތި ކޮށްލުމަށް ފަހު، އެ ފުރުޞަތު އާޒިމް އަށް ހޯދަ ދޭނީ މުއިއްޒަށް ކޮށްދޭ ކަމެއް ކަމަށް މުއިއްޒަށް ދައްކައިގެންނެވެ. އޭޖީގެ ހައިސިއްޔަތުން އުޝާމު މިހާރުވެސް ދެމުންދާ ޤާނޫނީ ލަފައާއި، މުއިއްޒު ގާތް އެކުވެރިއެއް ކަމަށް ހީކޮށް އިހުސާން ކައިރިން ހޯދާ ސިޔާސީ ލަފައިގެ މަތިންނެވެ.

މުއިއްޒަށް އޭނާގެ އަންހެނުން އުޅޭ ގޮތުގެ ދޮން ކަޅު ވަކި ނުވާއިރު، އަމުދުން އުޝާމުއާއި، އިހްސާނު ޖަހާ މަޅި ނުފެންނާނެއެވެ.

އެމްޑީޕީއަށް އާޒިމްގެ ފަރާތުން ލިބެމުންދަނީ ގެއްލުމެވެ. މިހާރު މޭޔަރު ކަމުގައި ހުރެގެންވެސް ކުރަމުން ދަނީ ވައްކަމެވެ. އެމްޑީޕީގެ ސޯޝަލް މީޑީޔާ ބޮޓުންތަކަށް ފައިސާދީގެން އެވާހަކަ ހިންދާލައިގެން ތިއްބެއް ކަމަކު ކޮންޓްރެޓްތަކުންނާއި، ބޭރު މީހުން ގެނައުމުންނާއި، ކައުންސިލް އިމާރާތުގެ ދޮރެއް ބަދަލު ކުރިއަސް ނަގަމުން ދަނީ އެތައް އިންސައްތައަކުން ކަޓެވެ. މިއީ އެއްވެސް މީހަކަށް މިހާރު ސިއްރު ކަމެއް ނޫނެވެ. އާދަން އާޒިމް، މަޝްހޫރު ނަމުން ނަމަ، ރާއްޖޭގެ ގަބުރު ކޮނުނު އާދަނު އެމްޑީޕީއިން ވަކި ކުރަން ޖެހެއެވެ. އެހެން ނޫނީ ދެން ރާއްޖޭގައި އުފެދޭ އެމްޑީޕީ ސަރުކާރު ވެގެން ދާނީ ޕީއެންސީގެ ސަރުކާރަކަށެވެ. ޤައުމުގައި އޮންނާނީ އެއްޕާޓީއެވެ. މުއިއްޒަށް އުޝާމު ހޯދަދިން ޤާނޫނާއި ޚިލާފު ބާރުތައް ނަގައި، ރާއްޖޭގައި ހިނގާނީ އާރުސީސީ ޕވޓ ލޓޑގެ ރަސްކަމެކެވެ.