ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ, އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކު އިންތިހާބު ކުރުން މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 18ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުގައި ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުން އަސްލަމް އިސްތިއުފާ ދެއްވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރުމާ ގުޅިގެންނެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި 67 މެންބަރުން އިންތިހާބުވި ނަމަވެސް އެމްޑީޕީ ރޫޅިގެން ދިއުމާ ގުޅިގެން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގައި މިވަގުތު ތިއްބެވީ 54 މެންބަރުންނެވެ.