ޚަބަރު

މުއިއްޒު ބޭނުން މީހެއްގެ މުދާ ފޭރޭ ގޮތަށް ޤާނޫނު ބަދަލު ކުރުމަށް " ފޭރޭ ބިލް " ތައްޔާރު ކޮށްފި

ދިޔަވަރު
މުއިއްޒު ބޭނުން މީހެއްގެ މުދާ ފޭރޭ ގޮތަށް ޤާނޫނު ބަދަލު ކުރުމަށް " ފޭރޭ ބިލް " ތައްޔާރު ކޮށްފި

މުއިއްޒު ބޭނުން މީހެއްގެ މުދާ އޭނާ އަށް ފޭރޭ ގޮތަށް ޤާނޫނު ބަދަލު ކުރުމަށް މަޖިލީހަށް ބިލެއް ހުށައަޅުމަށް އުޝާމު އިސްކޮށް ހުރެގެން ބިލެއް ތައްޔާރު ކޮށްފިއެވެ.

އިސްލާމް ދީނުގައި އެހެން މީހުންގެ މުދަލާއި، ފައިސާ، އަދި ތަކެއްޗަކީ އެމީހުންގެ ފުރާނައާއި އެއްފަދައިން ޙުރުމަތްތެރިވެގެންވާ އަދި ފޭރިގަތުން ޙަރާމްވެގެންވާ އެއްޗެއްސެވެ.

ޚުތުބަތުލް ވަދާޢުގައި މާތްﷲގެ ނަބިއްޔާ ﷺ ހަދީސް ކުރައްވާފައިވަނީ:

"ތިޔަބައިމީހުންގެ ލޭތަކާއި، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ޢިއްޒަތްތެރިކަމަކީ، ތިޔަބައިމީހުންގެ މި ދުވަހުގެ ޙުރުމަތްތެރިކަމާއި، މި މަހުގެ ޙުރުމަތްތެރިކަމާއި، މި ރަށުގެ (މައްކާގެ) ޙުރުމަތްތެރިކަން ފަދައިން ޙުރުމަތްތެރިވެގެންވާ އެއްޗެހިއެވެ." (ޞަޙީޙުލް ބުޚާރީ، ޞަޙީޙު މުސްލިމް)

އިސްލާމް ދީނުގައި ރައްޔިތުންގެ މުދާ ރައްކާތެރިކުރުން ފުރާނައިގެ ރައްކާތެރިކަމާ އެއް ފެންވަރެއްގައި، އެހާ މުހިންމު ކަމެއްކަން ހާމަކޮށްފައި ވަނިކޮށް އެސެޓް ރިކަވަރީ ޤާނޫނު ބަދަލު ކުރުމަށް މުއިއްޒު މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރު ކޮށްފައިވަނީ އިސްލާމް ދީނަށް ގޮން ޖަހައި، އާންމު ރައްޔިތުންގެ މުދާ ފޭރުމަށެވެ.

ބިލުން "ހުއްދަކުރާ" މުދާ ފޭރުމުގެ 3 މައިގަނޑު ގޮތް:

  1. އިދާރީ ގޮތުން އަޅާ ފިޔަވަޅަކުން މުދަލާއި ފައިސާ ނެގުން
    • 100,000 ރުފިޔާއަށް ވުރެ ގިނަ ނޫން ކޮށް ނެގޭނެ
    • މި ފައިސާ ޝަރުޢީ އެއްވެސް ކޯޓެއްގެ ޙުކުމެއް ނެތި ދައުލަތަށް މުއިއްޒު ބޭނުންވާ ހިނދެއްގައި ނެގޭނެ
  2. ޖިނާއީ ކުށެއް ސާބިތު ނުވި ނަމަވެސް މުދަލާއި ފައިސާ ނެގުން
    • މަދަނީ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން މީހުންގެ މުދާ މުއިއްޒު ބޭނުން ވެއްޖެ ހިނދެގައި ނެގޭނެ
    • ވަކި މީހަކާ ގުޅުވެން ނެތް މުދަލާއި ފައިސާ ނެގޭނެ
    • މުދަލުގެ ވެރިފަރާތް މަރުވެފައިވާނަމަ ނުވަތަ ފިލައިގެން އުޅޭ ކަމަށް ބުނެ ނެގޭނެ
    • ދައުލަތުން ކޯޓަށް ހުށަހެޅުމުން ވެރިފަރާތުން ޖަވާބުދާރީނުވެއްޖެނަމަ ނެގޭނެ
    • އެކަށީގެންވާ ގޮތަކަށް ޖަވާބުދާރީ ނުވެވިއްޖެނަމަ ނެގޭނެ
    • ކޯޓުން ބޭރުގައި "އެއްބަސްވުމެއް" ހެދުމަށްފަހު ނެގޭނެ
    • މައްސަލަ ޝަރީޢަތުގައި ހިނގަމުންދަނިކޮށްވެސް މިފަދަ "އެއްބަސްވުމެއް" ހަދައިގެން މުދާ ނެގޭނެ
  3. ޖިނާއީ ކުށެއް ސާބިތުވުމުން މުދަލާއި ފައިސާ ނެގުން
    • ކުށާ ގުޅުން ހުރި ފައިސާއާއި މުދާ ދައުލަތަށް ނެގޭނެ
    • ނަގަން ދައުލަތުން ޝަރީޢަތުގެ މަރުޙަލާގައި އެދުމުން ނެގޭނެ
    • އަސްލު މުދަލުގެ ބަދަލުގައި އެއާ އެއްވަރުގެ އެހެން މުދަލާއި ފައިސާވެސް ބޭނުން ވެއްޖިއްޔާ ނެގޭނެ

ތިރީގައި މިވަނީ ލީކް ވެފައިވާ މީހުންގެ މުދާ ފޭރޭ ބިލުގެ ބައެކެވެ.

މުދާ ފޭރޭ ބިލުގެ ނުރައްކާ

1. ޝަރީޢަތެއް ނެތި މީހުންގެ މުދާ ދައުލަތަށް ނެގުމުގެ ފުރުޞަތު

މި ބިލު ފާސްވެއްޖެނަމަ، ރައްޔިތުންގެ މުދާ ޝަރީޢަތުން ޙުކުމެއް ނުކުރަނީސް ދައުލަތަށް ނެގުމުގެ ޤާނޫނީ ބާރު ލިބިގެންދާނެއެވެ. ހަމައެކަނި ތަޙުޤީޤެއްގައި ހިމެނުމަކީ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ފުދޭ ސަބަބަކަށްވާނެއެވެ. މީހާ އެއްވެސް ކުށެއް ނުކުރި ނަމަވެސް، އޭނާގެ މުދަލަކީ ދައުލަތަށް ނެގިދާނެ އެއްޗަކަށް ވެގެންދާނެއެވެ. މިއީ ޢަދުލުއިންޞާފުގެ އެންމެ އަދައިގެ އަސާސްތަކާއި ޚިލާފު އިސްލާމް ދީނާއި ޚިލާފު ކަމެކެވެ.

2. "އެއްބަސްވުމެއް" ގެ ނަމުގައި މަޖުބޫރުކޮށްގެން މުދާ ނެގުމުގެ ފުރުޞަތު

ކޯޓުން ބޭރުގައި "އެއްބަސްވުމެއް" ހެދުމުގެ ނަމުގައި ދައުލަތަށް މީހުންގެ މުދާ ނެގުމުގެ ބާރު ލިބިގެންދާނެއެވެ. ދައުލަތުގެ ބާރުގެ ކުރިމަތީގައި އާންމު ރައްޔިތެއްގެ ޙައްޤުތައް ދިފާޢުކުރުމަށް ހުރަސްތަކެއް ހުރުމާއެކު، މިފަދަ އެއްބަސްވުންތަކަކީ މަޖުބޫރުކުރުވުމުގެ އަދި ބިރު ދެއްކުމުގެ ޢަމަލުތަކެެކެވެ. އަދި މިފަދަ އެއްބަސްވުންތަކުގައި ޝަރުޢީ ނަޒަރެއް ނުހިމެނޭތީ، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދާނެއެވެ.

3. ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލައި އިދާރީ ގޮތުން މުދާ ނެގުން

މި ބިލުން 100,000 ރުފިޔާއާ ހަމައަށް ހަމައެކަނި އިދާރީ ފިޔަވަޅެއްގެ ދަށުން މުދާ ނެގުމުގެ ބާރު ދައުލަތަށް ލިބިދެއެވެ. ޝަރުޢީ ކޯޓަކަށް ދިއުމަކާ ނުލައި މުދާ ނެގުމުގެ ބާރު ދައުލަތަށް ލިބިދިނުމުން، ޝަރުޢީ ކޯޓުތަކުގެ އަސާސީ ދައުރު ކަނޑުވާލައި، ދައުލަތުގެ ބާރު ބޮޑުވެގެންދާނެއެވެ. މާނައަކީ ދައުލަތުގެ ތިންބާރު ތެރޭގައި ހިމެނޭ ކޯޓުތައް މެދުވެރި ނުކޮށް، ސަރުކާރު ހިންގުމުގެ ބާރު އޮންނަ ރައީސް މުއިއްޒަށް ސީދާ އާންމުންގެ މުދާ ފޭރޭނެ ގޮތް މި އޮތީ ހަދާފައެވެ.

4. ސިޔާސީ ނުފޫޒު ފޯރުވުމަށް ބޭނުންކުރެވިދާނެ ހަތިޔާރަކަށްވުން

މި ބިލު ބޭނުންކޮށްގެން ސިޔާސީ ވާދަވެރިންނާ ދެކޮޅަށް "ތަޙުޤީޤު" ފެށުމަށްފަހު އެމީހުންގެ މުދާ ނެގުމުގެ ބާރު ދައުލަތަށާއި އަދި މުއިއްޒަށް ސީދާކޮށް ލިބިދެއެވެ. އަދި "އެއްބަސްވުމެއް" ހެދުމުގެ ނަމުގައި ބިރުދައްކައިގެން ސިޔާސީ ފަރާތްތަކުގެ މުދާ ނެގުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ. މިއީ ޑިމޮކްރަސީއަށާއި ސިޔާސީ މިނިވަންކަމަށް ނުހަނު ނުރައްކާތެރި ކަމެކެވެ.

5. ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ މުދަލުގެ ޙައްޤު ނިގުޅައިގަތުން

ޝަރުޢީ ޙުކުމަކާ ނުލައި މީހުންގެ މުދާ ނެގުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކާ ސީދާ ޚިލާފު ކަމެކެވެ. މީހެއްގެ ކުށެއް ސާބިތުނުވަނީސް އޭނާގެ މުދާ ނެގުމަކީ ހަމަހަމަކަމާއި އިންޞާފުގެ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. މުދަލުގެ މިލްކުވެރިކަމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.

6. އާންމު ރައްޔިތުންގެ ފައިސާއާމެދު ބިރުވެރިކަން އުފެދުން

މި ބިލު ފާސްވެއްޖެނަމަ، ކޮންމެ ވަގުތެއްގައިވެސް ދައުލަތުން ތަޙުޤީޤެއް ފަށައިގެން ފައިސާ ނެގިދާނެކަމުގެ ބިރު ރައްޔިތުންގެ މެދުގައި އުފެދިގެންދާނެއެވެ. މިއީ ޤައުމުގެ އިޤްތިޞާދަށް ނުހަނު ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އިންވެސްޓްމަންޓްތަކަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބި، އިންވެސްޓަރުން ދިވެހިރާއްޖެއިން ދުރަށް ދާން މަޖުބޫރުވާނެ ކަމެކެވެ.

7. ތުހުމަތުކުރެވޭ މީހާއަށް އޮންނަ ބަރީއަވުމުގެ ޙައްޤު ނިގުޅައިގަތުން

ކުށެއް ސާބިތުނުވަނީސް މުދާ ނެގުމަކީ "ހެކިނެތް ކުށަށް އަދަބު" ދިނުން ފަދަ ކަމެކެވެ. މިއީ ޤާނޫނީ ނިޒާމުގެ އެންމެ އަސާސީ އުސޫލުކަމަށްވާ، ޝަރީޢަތުން ކުށް ސާބިތުވަންދެން ބަރީއަވެގެންވާ މީހެއްގެ ގޮތުގައި ބެލުމުގެ އުސޫލާ ސީދާ ޚިލާފުވުމެވެ. މިއީ އެތައް ޒަމާންތަކެއް ވަންދެން ތަހުޒީބީ މުޖުތަމަޢުތަކުގައި ހިމާޔަތްކޮށްފައިވާ އަސާސީ އުސޫލަކަށް ސީދާ ދެކޮޅަށް ހަދާފައިވާ ބިލެކެވެ.

8. ޖަވާބުދާރީނުވެއްޖެނަމަ މުދާ ނެގުމުގެ ބާރު

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުން ކޯޓަށް މައްސަލައެއް ހުށަހެޅުމުން ވެރިފަރާތުން ޖަވާބުދާރީނުވެއްޖެނަމަ މުދާ ނެގިދާނެއެވެ. މިއީ ނުހަނު ނުރައްކާތެރި ކަމެކެވެ. ކޯޓަށް ހާޒިރުވުމުގެ ނޯޓިސް ރަނގަޅަށް ނުލިބުން، ބޭރުގައި ހުރުން، ބަލިވުން ނުވަތަ އެހެންވެސް މަޤުބޫލު އުޒުރެއް އޮތުމުގެ ސަބަބުން ޖަވާބުދާރީނުވެވުނު ފަރާތްތަކުގެ މުދާވެސް ދައުލަތަށް ނެގިދާނެއެވެ. ހަމައެކަނި ކޯޓަށް ހާޒިރުނުވުމަކީ ކުށެއް ކުރިކަން ދަލީލުކޮށްދޭ ކަމެއް ނޫނެވެ.

9. "އެކަށީގެންވާ ގޮތަކަށް" ޖަވާބުދާރީނުވުމުގެ ފުޅާ މާނަކުރުން

"އެކަށީގެންވާ ގޮތަކަށް ޖަވާބުދާރީ ނުވެވިއްޖެނަމަ" މުދާ ނެގުމުގެ ބާރުދިނުމަކީ ނުހަނު އާބިޓްރަރީ (ހަމަޔަކާނުލައި ނިންމޭ) ކަމެކެވެ. "އެކަށީގެންވާ ގޮތް" އަކީ ކޮބައިކަން ކަނޑައަޅާނީ ކާކުތޯ؟ ދައުލަތުން ބުނާ ގޮތަކީ އެކަށީގެންވާ ގޮތްކަމަށް ދައުލަތުން އަމިއްލައަށް ނިންމައިފިނަމަ، ދިފާޢުގައި ކިތަންމެ ރަނގަޅު ޖަވާބެއް ދިނަސް އެއީ "އެކަށީގެންނުވާ" ޖަވާބެއްކަމަށް ނިންމައި މުދާ ނެގުމުގެ ފުރުޞަތު އޮތެވެ. މިއީ އިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ޚިލާފު ކަމެކެވެ.

މި ދެކަމަކީ ބިލުގައި ވަރަށް ބޮޑަށް އޮޅުންއަރާފަދަ ގޮތަކަށް ބަޔާންކޮށްފައިވާ ކަންކަމެވެ. މިއީ ފަނޑިޔާރުންނަށް ނުހަނު ބޮޑަށް ޤާނޫނު މާނު ކުރުމަށް ބާރުދޭ ކަންކަމެވެ. ކޯޓުތައް މުއިއްޒުގެ މުށަށް ލުމަށްފަހު، މުއިއްޒު ބޭނުންވާ މީހުންގެ މުދާ ނެގުމަށް މަގުފަހިކޮށްދޭ ފުޅާ ދޮރެކެވެ. ގާނޫނު އޮންނަންވާނީ ސާފުކޮށް، ދޭހަވާގޮތަށެވެ. މިފަދަ އިން ބިލު ތައްޔާރު ކޮށްފައި އޮތީ ގާނޫނުގެ ޙުކުމް ނަހަމަގޮތުގައި ބޭނުން ކޮށްގެން މީހުންގެ މުދާ ކަނޑައެޅިގެން ފޭރުމަށެވެ.

މި ބިލްވެސް ތައްޔާރު ކޮށްފައިވަނީ އުޝާމެވެ. އުޝާމަކީ މޭޔަރު އާޒިމް އަދި ކާނަލް ނާޒިމްގެ ކޮއްކޮއެވެ. އުޝާމަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަން ފުނޑުފުނޑުކޮށް ދުސްތޫރީ ޑިކްޓޭޓަރޝިޕަކަށް ރާއްޖޭގެ ގާނޫނުތަކާއި ޤާނޫނު އަސާސީ ބަދަލު ކުރަމުން ދާ ދިވެހި ހުރިހާ ރައްޔިތުންގެ އަދާވާތްތެރި ދުޝްމަނެކެވެ. ޤައުމުގެ ޚާއިނެކެވެ.

ނިންމާލުން

މި ބިލަކީ އިސްލާމް ދީނާއި، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއިން ދީފައިވާ ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން އެއްކޮށް ނަގާލައި، ދައުލަތުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަށް ހުޅުވާލާފައިވާ، އިސްލާމް ދީނާއި ދެކޮޅު ލާދީނީ އަނިޔާވެރި ބިލެކެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަތުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މި ބިލަކީ ބޭރުފުށުން ޤާނޫނީ ސިފަ ލިބިފައިވާ މުދާ ފޭރިގަތުމުގެ ވަސީލަތަކަށް ވެގެންދާނެ އަނިޔާވެރި ބިލެކެވެ. ކުރިއަށް އޮތް 3 އަހަރު ހަމަ ނުވަނީސް މުއިއްޒުގެ މި އަނިޔާވެރި ވެރިކަން ނިމުމަކަށް އައިސް ރައްޔިތުންނަށް ނަސްރާއި ކާމިޔާބު ދެއްވުމަށް އެދި މާތް ﷲގެ ޚަޟްރަތުގައި ދުވާ ދަންނަވާށެވެ.