ރަށްރަށުގައި ތިބި ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ އެންމެ އިސް 3 މެމްބަރަކަށް ކޮންމެ މަހަކުވެސް އެ ޕާޓީން 10،000 ރުފިޔާ ޖަމާކުރަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ. "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން، ޕީއެންސީގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ބައެއް ރަށްރަށުގައި ދަނީ ސްޓިއަރިން ކޮމިޓީތަކުގެ އެންމެ އިސް 4 މެމްބަރުންނަށްވެސް މީހަކަށް 10،000 ރުފިޔާގެ މަގުން ފައިސާ ޖަމާ ކުރަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި މިގޮތުން ހަރަކާތްތެރިވާ ޕީއެންސީގެ އެންމެ އިސް 3 އެކްޓިވިސްޓުންގެ މަގުން ހިސާބު ކުރިކަމުގައިވި ނަމަވެސް، މުއިއްޒު ދަނީ އިސް އެކްޓިވިސްޓުންނަށް ދޭ މުސާރައިގެ ގޮތުގައި އެކަނިވެސް މަހަކަށް 7 މިލިއަން ރުފިޔާ ޚަރަދު ކުރަމުންނެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން، ރަށްރަށުގެ ޕީއެންސީގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ކިޔައިދިން ގޮތުގައި މިފައިސާ ވަކިބަޔަކަށް ލިބެމުން ދިއުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ނުވާތީ، މިކަމުގެ ނުތަނަވަސްކަން އެކްޓިވިސްޓުންގެ މެދުގައި އިންތިހާއަށް އެބައޮތެވެ. އަދި އޭނާ ކިޔައިދިން ގޮތުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އަމަލީ ގޮތުން ޝާމިލް ނުވާ ބައެއް ފަރާތްތަކުންވެސް މިފައިސާ ނަގަމުންދާތީ، އަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވާ ގިނަ އެކްޓިވިސްޓުންގެ މެދުގައި ދަނީ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންނެވެ.
ކައުންސިލް އިންތިޚާބު ކައިރިވަމުން ދިއުމާއެކު، ޕިއެންސީގެ އެކްޓިވިސްޓުންނަށް މުއިއްޒު ގިނަ އަދަދެއްގެ ފައިސާ ބަހަމުންދާއިރު، މުއިއްޒު ދަނީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ފެށުމުގެ ނަމުގައި ރިޝްވަތުގެ ފައިސާ ގިނަ އަދަދަކަށް ދައުލަތުގެ މާލިއްޔަތުން ނަގަމުންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއި، އޭނާގެ ބޭބެ ކާނަލް ނާޒިމް އަދި އޭނާއަށް ބޮޑު ބޭބެ ކިޔާ މިސަރުކާރުގެ ބަންޑާރަ ނައިބު އުޝާމްގެ ހިއްސާ އޮންނަ އާރުސީސީއަށް 55 ކައުންސިލް އިމާރާތް އެޅުމަށް 600 މިލިއަން ރުފިޔާއަށް ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށްގެން އެ ޕްރޮޖެކްޓް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ މާލިއްޔަތުން ނަގަމުންދާ ދިއުމެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްގެ ހަރަދުގައި ކައުންސިލް އޮފީސްތަކެއް އިމާރާތްކުރަން ހަވާލުކުރި އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު އާރުސީސީއާ ހަވާލުކޮށްފައިވަނީ ފާއިތުވި ޖުލައިމަހުއެވެ. އެނގިފައިވާ ގޮތުގައި އިއުލާނު ނުކޮށް 600
މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އާރުސީސީއަށް ދިނީ މުއިއްޒުއަށް 150 މިލިއަން ރުފިޔާގެ ކޮމިޝަން ދޭން ނާޒިމް އެއްބަސް ވުމުންނެވެ. އަދި މި މުއާމަލާތަކީ ގާނޫނީ އެއްވެސް މައްސަލައެއް ނެތް މުއާމަލާތެއްކަމުގެ ގާނޫނީ ލަފާ ދީފައިވަނީ މި މުއާމަލާތުގައި ޒާތީ މަސްލަހަތު އޮތް، ނާޒިމަށް ބޮޑުބޭބެ ކިޔާ، މިސަރުކާރުގެ ބަންޑާރަ ނައިބު އުޝާމްއެވެ. އަދި މާލޭ މޭޔަރު އާދަމް އާޒިމް ދަނީ ރިޝްވަތުގެ މިފައިސާއިން ހޭދަ ކޮށްގެން އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއީ، ފެށުނީއްސުރެ މިއަދާއި ހަމއަށްވެސް ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީއަށް އޮތް ބޮޑު ލަދެއްގެ ގޮތުގައި އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ފާހަގަ ކުރަމުންނެވެ.
ކުރިޔަށް އޮތް ކައުންސިލް އިންތިޚާބު ކައިރިވަމުންދާއިރު، މުއިއްޒު ދަނީ އެ އިންތިޚާބަށް ޚަރަދު ކުރުމަށް ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން މެދުވެރިކޮށްވެސް، ރިޝްވަތާއި ކޮރަޕްޝަންގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގަމުންނެވެ.