ޚަބަރު

ޔާމިނަށް ޖަލު ހުކުމް އިއްވުން އަވަސްކުރުމަށް މުއިއްޒު އަންގަވައިފި: މުއިއްޒުގެ އަމުރަށް ބޮޑެތި ސިޔާސީ ހުކުމްތައް ޖަހަމުން ދަނީ، ޔާމިން ޖަލަށްލާން އިއްވާ ހުކުމަކީ "ސެލެކްޓިވް ޖަސްޓިސް" ނޫންކަމަށް ދެއްކުމަށް

ދިޔަވަރު
ޔާމިނަށް ޖަލު ހުކުމް އިއްވުން އަވަސްކުރުމަށް މުއިއްޒު އަންގަވައިފި: މުއިއްޒުގެ އަމުރަށް ބޮޑެތި ސިޔާސީ ހުކުމްތައް ޖަހަމުން ދަނީ، ޔާމިން ޖަލަށްލާން އިއްވާ ހުކުމަކީ "ސެލެކްޓިވް ޖަސްޓިސް" ނޫންކަމަށް ދެއްކުމަށް

ރައީސް ޔާމިން ޖަލަށް ލުމަށް ކޯޓުން ވަރަށް އަވަހަށް ހުކުމް ކުރުމަށް ނިންމާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ. "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒުގެ އަމުރަށް ކޯޓުތަކުން ސިޔާސީ އިސް ބައެއް ފަރާތްތަކުގެ މައްޗަށް ބޮޑެތި ސިޔާސީ ހުކުމްތައް ޖަހަމުން ދަނީ، ރައީސް ޔާމިންއަށް ހުކުމް ކުރުން އަވަސްކޮށް، ކޯޓުން އެމަނިކުފާނު ޖަލަށް ލާން ކުރާ ހުކުމަކީ އެއީ "ސެލެކްޓިވް ޖަސްޓިސް" ނުވަތަ ރައީސް ޔާމިނަށް ވީތީ އިއްވި ހުކުމެއް ނޫންކަމަށް ދެއްކުމުގެ ބޭނުމުގައެވެ. އަދި މުއިއްޒު ވަނީ ރައީސް ޔާމިން ޖަލަށް ލުމަށް ކުރާ ހުކުމް އަވަސްކުރުމަށް އަންގާފައިކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ފާއިތުވި ހަފްތާގައި ދަށު ކޯޓުން ވަނީ މުއިއްޒުގެ އަމުރަށް ސިޔާސީ ދެ ފަރާތެއް ޖަލަށްލާން ހުކުމް ކޮށްފައެވެ. އެއީ ރައީސް ޔާމިންގެ ދައުރުގައި މޯލްޑިވް ގޭސް ކުންފުނީގެ އެމްޑީކަން ކުރި މައުމޫންއާއި އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަން ކުރި ސައީދުއެވެ. މައުމޫން 12 އަހަރަށް ޖަލަށް ކާން ހުކުމް ކުރިއިރު ފެނަކަ ސައީދު ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 4 އަހަރަށެވެ. ފެނަކަ ސައީދު ޖަލަށް ލާން ކޯޓުން ހުކުމް ކޮށްފައިވަނީ އެމްޑީޕީން އަންނަ އޮކްޓޯބަރ 3 ވަނަ ދުވަހުގެ މުއިއްޒުގެ ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރު ވަމުން ދަނިކޮށެވެ. މީގެ އިތުރުން މިހާރު ކުރިޔަށްދާ ބައްސާމްގެ ޝަރީއަތްވެސް އަވަހަށް ނިންމާ އޭނާވެސް ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމް ކުރާނެކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ރައީސް ޔާމިންގެ މައްޗަށް މިހާރު ކުރިޔަށްދާ ފުއްގިރި މައްސަލަ މިހާރުވަނީ ނިމުމަކާއި ގާތްވެފައެވެ. އެނގިފައިވާ ގޮތުގައި މުއިއްޒު ކޯޓުތަކަށް އަންގަވާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކުރިޔަށް އޮތުމާއެކު، އޭގެ ކުރިޔަށް ރައީސް ޔާމިން ޖަލަށް ލުމަށެވެ. އެއީ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމިންއަށް އަމަލީ ގޮތުން އެއްވެސް ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބުނަ ނުދިނުމަށެވެ.

ހަމައެއާއެކު، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ފަށަން ވެސް މިހާރު އޮތީ ތައްޔާރުވެފަ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ފޮޓޯޖެހި ހުސް ގޮނޑި ރައްޔިތުންނަށް ދައްކައިގެން، އެމަނިކުފާނު މިނިވަންކުރާނެކަމުގެ ވައުދު ވެގެންނެވެ. އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ ހުރިހާ ބާރެއް "ބައް"ކޮށް، ރައީސް ޔާމިންގެ ޝަރީއަތް އަވަސްކޮށް، ވީ ވައުދުތަކަށް ޚިޔާނާތްތެރިވެ، ރައީސް ޔާމިންގެ މައްޗަށް ވަރަށް ބޮޑަށް އަނިޔާވެރި ވެފައެވެ.