އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ހުރިހާ ކަމަކީ އެއްވެސް ކަމެއް އިސްތިސްނާ ނުވެ، މިހާރުވެސް ފެނަކައިން ކުރަމުންދާ ކަންކަން ކަމަށް ފެނަކާގައި މަސައްކަތް ކުރާ ފަރާތަކުން ދިޔަވަރު ނޫހަށް މައުލުމާތު ދެއްވައިފިއެވެ.
ސައީދު މަސައްކަތް ކޮށްފައިވަނީ ފެނަކައިގެ ތެރޭގައި ހަދާފައިވާ އިންޓަރނަލް ޕޮލީސްތަކުގެ ތެރެއިން ކަމަށާއި، އެއާއި އެއްވެސް ގޮތަކަށް ޚިލާފު ވެފައި ނުވާ ކަމަށާއި، އެ ޕޮލިސީސްތައް މިހާރުވެސް ހުރީ ހުރި ގޮތަށް ކަމަށާއި، މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އޭރުވެސް ހުރި އިންޓަރނަލް ޕޮލިސީސްތަކާއި އެއް ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ފެނަކައިން ނެރެފައިވާ ނޫސް ބަޔާނުގައިވެސް ވަނީ މިކަން ކަށަވަރު ކޮށް ދީފައެވެ. އެބަޔާނުގައި ވަނީ ފެނަކައިން އަމަލު ކުރަމުންދަނީ، "މި ކުންފުނީގައި އެކުލެވިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ."
މި އުސޫލުތައް ބަދަލު ކޮށް، އެއްވެސް ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުހޯދޭހެން ގަވާއިދުތައް ބައްޓަން ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާއިރު، މިއަދު ފެނަކައަކީ އެންމެ ބޮޑަށް މުއިއްޒަށް މުއްސަނދިކަން ހޯދަދޭ ތަނެވެ. ފެނަކައިން އަމަލު ކުރަމުން ދަނީ ""މި ކުންފުނީގައި އެކުލެވިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން" ކަމަށް ބުނެވޭ ބަހުގެ މާނައަކީ ތިމަންނާމެން އިންހާއަށް ވައްކަން ކުރަމުންދާ ކަމަށާއި، ނަމަވެސް އެއީ ޤާނުނީ ގޮތުން އެއްވެސް ވަރަކަށް ބެލޭނޭ ކަންކަން ނޫން ކަމެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން:
- ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން : މިހާރުވެސް ދަނީ ބީލަމަށް ނުލައި އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް މުއިއްޒު ބޭނުންވާ އެކި ފަރާތްތަކާއި ހަވާލު ކުރަމުން. މިކަމަކީ ފެނަކައިގެ އުސޫލުތަކާއި ޚިލާފު ކަމެއް ނޫން.
- 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން: އައްޑުއަށް ގަތް ހުރިހާ ޖަނަރޭޓަރު ތަކަކީ އިންޑިޔާއިން ޕެއިންޓް ކޮށްގެން ގެނެސްފައިވާ ބާ ޖެނެރޭޓަރު ތަކެއް. މިވާހަކަ އެތައް ބަޔަކު ދައްކަމުންދާތާ އެތައް ޒަމާނެއް ވެފައިވާއިރު، އޭސީސީއިން އަދި ފުލުހުން މި މައްސަލަ ނުބަލަނީ ރައީސް މުއިއްޒު އަންގައިގެން.
- ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން: ކުރިޔާލައި ފެނަކައިން މުދާ ނަގާނެ ކަމުގެ ޔަގީން ކަން ދީގެން ކުންފުނިތަކުން މުދާގެނެސް ސްޓޮކް ކޮށް، ފެނަކައިން މުދަލަށް އެދޭއިރަށް އެ މުދާ އެހެން ފަރާތްތަކަށް ވުރެ އަވަހަށް ފޯރުވުމަކީ މިހާރުވެސް ހިނގަމުންދާ ކަމެއް. އަދި މިއީވެސް ފެނަކައިގެ އުސޫލުތަކަށް ހިޔަނި ނޭޅި ކުރެވެން އޮތް ކަމެއް.
- އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން: އުޅަނދު ނެތަސް މުދާ އުފުލުމުގެ ޚިދުމަތް ދޭ ކުންފުނިތަކަށް މިހާރުވެސް ދަނީ އެފަދައިން މަސައްކަތް ހަވާލު ކުރަމުން. މިއަށް ކިޔަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްގެން ޑީލް ހިންގުން. އެންސްޕާއަށް ބޭނުންވާ އިމާރާތެއް، ރިއަލްސްޓޭޓް ޚިދުމަތް ނުދޭ މޯލްޑިވްސް މީޑިއާ ހައުސްއާއި ދެމެދު އެއްބަސްވުމެއް ހަދައިގެން 34.8 މިލިއަނަށް ދީ އެތަނުގެ އެއް ފްލޯގައި މުއިއްޒުގެ އެމްއެމް ޓީވީ ބެހެއްޓީ މި އުސޫލުގެ ތެރެއިން. އަދި ތުރުކީއިން ތިންވަނަ ފަރާތެއް މެދުވެރިކޮށް ޑްރޯން ގަނެފައިވަނީވެސް ހަމަ މި އުސޫލުގެ ތެރެއިން. މިއީ މުއިއްޒު އެކަމަކަށް ވަރަށް ފަރިތަ އަދި ވަރަށް ގިނައިން ފެނަކައިގެ އިތުރުން ސަރުކާރުގެ އެހެނިހެން ކުންފުނިތަކުންވެސް މުއިއްޒު އަންގައިގެން ކުރަމުން އަންނަ ކަމެއް.
- އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން: އެ އާއިލާގެ ބަޔަކަށް ނިސްބަތްވާ ކުންފުނިތަކަށް ސައީދު އައުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ދަނީ ފައިސާ ދޫކުރަމުން. އެކަމަކީ އެއްވެސް ވަރަކަށް ފެނަކައިގެ އުސޫލާއި ޚިލާފު ކަމެއް ނޫން.
- ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން. ބިޑު ކުރުމަކާއި ނުލައި، ސާޖިދާއަށް ބައި އެޅޭހެން މިހާތަނަށް 79 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް ފެނަކައިން ވަނީ އެއްމެ ކުންފުންޏަކަށް އެކަނިވެސް ދޫކޮށްފައި. މިއަކީވެސް ފެނަކައިގެ އުސޫލާއި ޚިލާފު ކަމެއް ނޫން.
ރާއްޖޭގެ ޤާނޫނާއި، ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ފައިދާ ކުރާ ހުރިހާ މާއްދާއެއް ބަދަލުކޮށް، އެ މައްދާތަކުން ހަމައެކަނި ބާރުތައް މުއިއްޒަށް ލިބޭ ގޮތަށް އޭޖީ އުޝާމު ބައްޓަން ކޮށްފައިވާއިރު، ރައްޔިތުންނަށް އިންސާފު އޮތްކަމުގެ މަންޒަރު ދައްކަން ސިޔާސީ އޮޑިޓް ރިޕޯޓް ނެރެ އޮޅުވާލަން މަސައްކަތް ކުރާއިރު އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ހުރިހާ ކަމެއް އެތައް ގުނައަކަށް އިތުރަށް ކުރަމުން ދަނީ ރައީސް މުއިއްޒު ނުހައްޤުން ހޯދާ މުއްސަނދިކަމަށް ފައިސާ އިތުރު ކުރުމަށެވެ. ނަމަވެސް މި އުސޫލުތައް މިހެން އޮވެގެން ކުރާ އެއްވެސް ކަމަކުން ސައީދުވެސް، މިހާރުގެ އެމްޑީ ނަޖާހު އަށް ވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. އެހެންކަމުން އޭގެ މުއްސަނދިކަން މުއިއްޒު މިދަނީ މިހާރު ތައްމިނަށް ނަގައި ހާސިލް ކުރަމުންނެވެ. ފެނަކައިގެ މައްސަލާގައި މީހަކު ޖަލުގައި ބާއްވާނަމަ ބާއްވަންވީ ރައީސް މުއިއްޒުއެވެ.