ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން އިތުބާރު ނެތްކަމަށް ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެޖޯރިޓީ މެންބަރުން އިތުބާރު ނެތްކަމަށް ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވީ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
"އަޅުގަނޑަށް މަޖިލީހުގެ 44 މެންބަރުންނަށްވުރެ ގިނަ މެންބަރުން ސޮއިކޮށްފަ އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު މި ގަޑީގައި ލިޔަސް، އަޅުގަނޑަށް އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން ނިކުންނާނީ އަޅުގަނޑުގެ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފަ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެންދިޔައިރު އަސްލަމް ވަނީ އޭނާގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް އެގޮތަށް ހުއްޓިގެން ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގައި އެކި ބޭފުޅުން އަމަލުކުރައްވާނީ އެކި ގޮތަށްކަން އަސްލަމް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.