ޚަބަރު

ނޮވެމްބަރ 17: ދެވަނަ ބޮޑު އެއްވުން، އަނިޔާވެރި ކޮރަޕްޓް މުއިއްޒު ހަމަ ބިމަށް ތިރިކުރާނެ ފަހަރު!

ދިޔަވަރު
ނޮވެމްބަރ 17: ދެވަނަ ބޮޑު އެއްވުން، އަނިޔާވެރި ކޮރަޕްޓް މުއިއްޒު ހަމަ ބިމަށް ތިރިކުރާނެ ފަހަރު!

އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ސަރުކާރަށް ޑިމާންޑްކުރި ފަސް ކަންތައްތައް ފުރިހަމަ ނުކުރާ ނަމަ، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިރޭ ނިންމައިފި އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ މަޖިލިހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ފަސް ޑިމާންޑް

1- ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބަދަލުކުރުން
2- ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދޭން ފެށުން
3- ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުން
4- މީޑިއާ ރެގިއުލޭޝަންގެ ބިލް އުވާލުން
5- އާސަންދަ އާއި ބޭސްފަރުވާ އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ.

އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ހުކުރު ދުވަހުގެރޭ ފެށީ 8:30 ހާއިރު އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ދެ މީހަކު ދޫކޮށްލައި ބާކީ ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ކަމަށެވެ. އަދި ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.