ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ ކައިރީގައި ކާބޯތަކެތި ވިއްކަން ހަދާފައި ހުރި ހަޓްތަކާއި އެކި ބޭނުންތަކަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އާބަންކޯ އިން އާ ސަރުކާރުން އަންގައިފި އެވެ.
ހުޅުމާލެ ހިންގާ ކުންފުނި -- އާބަންކޯ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕޭވްމަންޓް އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓު އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ހިންގަމުންދާ ކަމަށެވެ.
އެހެންވެ އެގޮތަށް ބަހައްޓާފައިވާ ގޮނޑިއާއި މޭޒުތައް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނެގުމަށްވެސް އާބަންކޯ އިން އަންގާފައިވެ އެވެ.
އާބަންކޯ އިން ބުނީ ދީފައިވާ މުއްދަތު ހަމަވުމުން އެފަދަ ތަކެތި އެ ކުންފުނިން ނަގާ ދުވާރުތައް ސާފުކުރާނެ ކަމަށެވެ.
"ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް ދެންނެވީމެވެ." އިއުލާންގައިވެ އެވެ.
ހުޅުމާލޭގެ ދުވާރުތަކުގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރި ކުރާ މައްސަލަ އަކީ އާންމުންގެ ޝަކުވާ އަބަދުވެސް ބޮޑު މައްސަލަ އެކެވެ.