އަންނަ ކޮންމެ ވެރިއަކަށްވެސް ކޮޅުނެތްކޮޅަށް ސަނާ ކިޔާ، ކޮންމެ ވެރިކަމެއްގައި ދައުލަތުގެ މުދަލާއި ފައިސާ "ބަށް" ކުރަމުންދާ މަހުޖަނު ގާސިމް އިބުރާހިމް މުއިއްޒުއަށް ކޮޅުނެތްކޮޅަށް ސަނާ ކިޔަމުން ދިޔައިރު މާމިގިލީގައި ބޭއްވުނު ޖަލްސާގައި އިންނެވި މުއިއްޒުއާއި މުއިއްޒުގެ އަރިސް ބޭފުޅުން ޖެއްސުމުގެ ރާގަކަށް ގާސިމަށް ނިސްބަތްކޮށް ހޭންތިބިކަން ފާހަގަ ކުރެވިއްޖެއެވެ.
މާމިގިލީގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުޖަނު ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީއަށްފަހު ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނާ އަޅާބަލާއިރު އެންމެ އިހުލާސްތެރި ވެރިޔަކީ މުއިއްޒު ކަމަށެވެ.
މުއިއްޒު އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔާ ވަޑައިގެން މިރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެއިރެއްގައި ވެރިކަން ކުރާ ސަރުކާރަކަށް އިހުލާސްތެރިވުމަކީ އޭނާ ގަބޫލުކުރައްވާ ހަމަ ކަމަށެވެ.
ގާސިމް ވިދާޅުވީ އެގޮތަށް ގަބޫލުކުރައްވަނީ މީގެ ކުރިން ފެނިފައިވާ ކަންކަމާއި އަދި މިހާރު ފެންނަމުންދާ ކަންކަމުގެ ސަބަބުން ކަމަށެވެ. އަދި، އޭނާ އަކީ ރާއްޖެއަށް ޑިމޮކްރެޓިކް ހަޔާތެއް ގެނައުމަށް އެންމެ ބޮޑަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށާއި، އެހެންކަމުން އޭގެ ފަހުގައި ހިނގަމުންދިޔަ ހުރިހާ ކަމެއް ވަރަށް ކައިރިން ފެނިވަޑައިގެންފައިވާކަން ފާހަގަކުރެއްވި އެވެ.
”މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު މިހާ އިހުލާސްތެރި، ޑރ. މުހައްމަދު މުއިއްޒަށްވުރެ އިހުލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މިހާތަނަށް އަދާކުރަމުން ދިޔަ ބޭފުޅެއް،“ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެހެން ދެންނެވީ ވަރަށް ބައިވަރު ސަބަބުތައް ހުރުމުން ކަމަށެވެ. މުއިއްޒަކީ އެއްވެސް މީހަކާ ދިމާލަށް ކުޑައިމިސް ބަހެއް ވިދާޅުވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު އެއްވެސް ސިޔާސީ ބޭފުޅަކު ޖަލަށް ފޮނުއްވާފައި ނުވާ ކަމަށާއި އަދި މީގެ ކުރީގެ ވެރިކަންތަކުން ފެނުނުހެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލުކުރައްވާފައި ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް —
ގާސިމް ސިފަކުރެއްވީ މުއިއްޒު ކުރައްވަމުން ގެންދަވަނީ ”ތާހިރުކޮށް“ ވެރިކަމެއްގެ ގޮތުގަ އެވެ. އެގޮތުން، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިރު ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރުގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނުގެ ހެޔޮ ވިސްނުންފުޅާއި ރަގަޅު ހިޔާލާއެކު އެކަންކަން ހަމައަކަށް އަޅުއްވަން ބުރަ މަސައްކަތް ކުރެއްވިކަން ވެސް ވާގަކަ ކުރެއްވި އެވެ.
”އަޅުގަނޑަށް ދަންނަވާލަން އެނގޭ އެއްޗަކީ ދައުލަތް ދިޔައީ ދަރަނިވެރިވަމުންކަން ދުވަހެއް ދުވަހަކަށް، ވެރިކަމަކުން ވެރިކަމަކަށް. ދައުލަތުގެ މުވައްޒަފުން ދިޔައީ އިތުރުކުރަމުންކަން. ދެކޮޅު ނުޖެހިގެން ކޮންމެ އަހަރަކުން އަހަރަކުން ދިޔައީ ޑެފިސިޓް ބަޖެޓް ބޮޑުވަމުންކަން. އެންމެފަހުން މަނިކުފާނު ވެރިކަމަށް އަރާވަޑައިގެންނެވިއިރު 132 ބިލިއަން ރުފިޔާއާ ހަމައަށް ދަރަނި ބޮޑުވެގެން ދިޔައީ އެއީ މަނިކުފާނު ކުރެއްވި ކަމެއް ނޫން ކަން،“ އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސް ބޮޑުކޮށް، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުންޖެހޭ ގޮތަށް ހެދުމުން އެއްޗެއް ވިދާޅުނުވެ ހުންނެވީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށެވެ. މިހުރިހާ ކަމެއް މުއިއްޒު ހައްލުކުރައްވަމުން ގެންދަވަނީ ރަގަޅު އެޖެންޑާއެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ.
މަހުޖަނު ގާސިމްއަކީ އަންނަ ކޮންމެ ސަރުކާރެެއްގެ ކުރީކޮޅު އެ ސަރުކާރަކަށް ސަނާ ކިޔައިގެން, މާލީ ބަދަލާއި, ބަދަލުގެ ގޮތުގައި ބޮޑެތި ބިންތަކާއި, އެނޫންވެސް އެތައް މަންފާއެއް ހާސިލްކުރާ މަހުޖަނެކެވެ. އެ ހުރިހާ މަންފާއެއް ހާސިލް ކުރުމަށްފަހު ދައުރު ނިމިގެން ދާއިރު މިމަހުޖަނު އަބަދުވެސް އަރަނީ މޮޅުވާނެހެން ހީވާ ކޮޅަކަށެވެ.
އަދި މި މަހުޖަނަކީ, އަބަދުވެސް އަންނަ ކޮންމެ ސަރުކާރަކަށް ސަނާ ކިޔައިގެން, ރިޝްވަތު ދީގެން ސިޔާސީ ކަންކަން ހާސިލް ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.