ޚަބަރު

މުއިއްޒު ގާސިމްއަށް އެޕޮއިންޓްމަންޓެއް ނުދޭނާ އަހަރެއް ފާއިތުވުމަށްފަހު، މާމިގިލިން މުއިއްޒުއާއި ބައްދަލުކޮށް ގާސިމް އެދުނީ އައިޝާއަށް ވަޒީރުކަން ހަމަޖައްސާ ދިނުމަށް

ދިޔަވަރު
މުއިއްޒު ގާސިމްއަށް އެޕޮއިންޓްމަންޓެއް ނުދޭނާ އަހަރެއް ފާއިތުވުމަށްފަހު، މާމިގިލިން މުއިއްޒުއާއި ބައްދަލުކޮށް ގާސިމް އެދުނީ އައިޝާއަށް ވަޒީރުކަން ހަމަޖައްސާ ދިނުމަށް

މުއިއްޒު ގާސިމްއަށް އެޕޮއިންޓްމަންޓެއް ހަމަޖައްސާ ނުދެއްވާތާ އަހަރެއް ފާއިތުވުމަށްފަހު އދ. އަތޮޅަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއިއްޒުއާއި ބައްދަލުކުރުމަށްފަހު، ދެވަނަ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާއަށް ވަޒީރުކަން ހަމަޖައްސާ ދިނުމަށް ގާސިމް އެދިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މުއިއްޒުއާއި ބައްދަލުކުރުމަށް ގާސިމް އެޕޮއިންޓްމަންޓަކަށް އެދެމުންދާތާ ވަނީ އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައެވެ. އެހެންނަމަވެސް މުއިއްޒު ގާސިމްއަށް އެޕޮއިންޓްމަންޓެއް ހަމަޖައްސާ ދީފައެއް ނުވިނަމަވެސް މުއިއްޒު ވަނީ ދާދިފަހުން ކާޑެއްދޫ އެއަރޕޯޓުގެ ބަދަލެއްގެ ގޮތުގައި ގާސިމްއަށް 18 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. މުއިއްޒު މި ނިންމުން ނިންމީ 18 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކައުންސިލް އިންތިޚާބަށް ޚަރަދު ކުރުމަށް މުއިއްޒުއަށް ދިނުމަށް ގާސިމް އެއްބަސް ވުމުންނެވެ.

މުއިއްޒު ގާސިމްއަށް އެޕޮއިންޓްމަންޓެއް ހަމަޖައްސާ ނުދީ ވަނިކޮށް، ގާސިމްއަށް މުއިއްޒުއާއި ބައްދަލު ކޮށްލުމުގެ ފުރުސަތު ފަހިވީ މުއިއްޒު މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާސިމް މެމްބަރުކަން ކުރައްވަމުން ގެންދަވާ އދ. މާމިގިލީގެ ދާއިރާގެ ރަށްތަކަށް މުއިއްޒު ވަޑައިގެންނެވުމުންނެވެ. މި ދަތުރުފުޅުގެ މައުލޫމާތު އެނގިހުރި ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން މުއިއްޒުއާއި ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި ގާސިމް މުއިއްޒުގެ އަރިހުން އެދިވަޑައިގަތީ ގާސިމްގެ ދެވަނަ ހަނގު އަނބި އައިޝާއަށް ވަޒީރުކަން ހަމަޖައްސާ ދިނުމަށެވެ. ގާސިމްގެ މި ހުށަހެޅުމަށް މުއިއްޒު އާބަސް ވިދާޅުވިކަން ޔަގީން ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ގާސިމްވަނީ މާމިގިލީގައި ބޭއްވުނު ޖަލްސާގައި މުއިއްޒުއަށް ކޮޅުނެތްކޮޅަށް ސަނާކިޔާ ކުރުނީސްކޮށް ހަދާފައެވެ.

މުއިއްޒުގެ ދެވަނަ ހަނގު އަނބި އައިޝާއަކީ ގާސިމް ލައްވާ ޕްރެޝަރު ކުރުވައިގެން ރައީސް ސާލިހުގެ ކެބިނެޓުންވެސް ޖާގަ ހޯއްދެވި ބޭކަނބަލެކެވެ. އެހެންނަމަވެސް އެ މަގާމުގައި ހުރެ އޭނާވަނީ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އައިޝާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގިނަ މައްސަލަތައް އަދިވެސް ހުރީ އޭސީސީގައެވެ.

މަހުޖަނު ގާސިމްއަކީ އަންނަ ކޮންމެ ސަރުކާރެެއްގެ ކުރީކޮޅު އެ ސަރުކާރަކަށް ސަނާ ކިޔައިގެން, މާލީ ބަދަލާއި, ބަދަލުގެ ގޮތުގައި ބޮޑެތި ބިންތަކާއި, އެނޫންވެސް އެތައް މަންފާއެއް ހާސިލްކުރާ މަހުޖަނެކެވެ. އެ ހުރިހާ މަންފާއެއް ހާސިލް ކުރުމަށްފަހު ދައުރު ނިމިގެން ދާއިރު މިމަހުޖަނު އަބަދުވެސް އަރަނީ މޮޅުވާނެހެން ހީވާ ކޮޅަކަށެވެ.

އަދި މި މަހުޖަނަކީ, އަބަދުވެސް އަންނަ ކޮންމެ ސަރުކާރަކަށް ސަނާ ކިޔައިގެން, ރިޝްވަތު ދީގެން ސިޔާސީ ކަންކަން ހާސިލް ކުރަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.