ޚަބަރު

ރޯހިތު ވިދާޅުވަނީ ސިފައިންނާއި ފުލުހުންގެ ވެރިންގެ މާލީ ބަޔާންވެސް ހާމަކުރަންޖެހޭކަމަށް، ރޯހިތު މަސައްކަތް ކުރަނީ މުއިއްޒުގެ ޚުދުމުޚްތާރު ސިޔާސަތަކަށް ފާޑު ނުކިޔާ، އެހެން ކަންކަމުގެ ބަސް ބުނެގެން މީޑިއާ ހެޑްލައިނުން ޖާގަ ލިބޭތޯ

ދިޔަވަރު
ރޯހިތު ވިދާޅުވަނީ ސިފައިންނާއި ފުލުހުންގެ ވެރިންގެ މާލީ ބަޔާންވެސް ހާމަކުރަންޖެހޭކަމަށް، ރޯހިތު މަސައްކަތް ކުރަނީ މުއިއްޒުގެ ޚުދުމުޚްތާރު ސިޔާސަތަކަށް ފާޑު ނުކިޔާ، އެހެން ކަންކަމުގެ ބަސް ބުނެގެން މީޑިއާ ހެޑްލައިނުން ޖާގަ ލިބޭތޯ

ސިފައިންނާއި ފުލުހުންނާއި އަދި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާންތައް ވެސް ހާމަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް (ރޯހިތު) މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންވަނީ އެ އިސްލާހު ބަލައިގަނެ، އެއަށް ތާއީދު ވެސް ކޮށްފައެވެ.

އެ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އަޒާން މިއަދު ވިދާޅުވީ، ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑުމެން އެބަޖެހޭ ދައުލަތުގެ އެކިއެކި ކުންފުނި އެސްއޯއީތަކުގެ އިސްވެރިން ވެސް އަދި ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސް މި ފަދަ އެންމެހާ މުއައްސަސާތަކުގެ އިސްވެރިން ހަމަ މިގޮތަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެންނަނީ ކޮންމެ ފަސް އަހަރު މަގާމުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިވެވަޑައިގަންނަވާއިރު ބޮޑެތި މުއްސަނދިންނަށް ވެފައި ތިބޭ މަންޒަރު ކަމަށެވެ. އެކަން ހުއްޓުވަން އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ އެ މީހުންގެ މާލީ ބަޔާންތައް ހާމަކުރަންޖެހޭ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހަމައެކަނި އިސްވެރިންގެ އިތުރަށް އެ މީހުންގެ އަނބިން/ފިރިންގެ އިތުރުން 18 އަހަރުނުވާ ދަރިންގެ މާލީ ބަޔާން ވެސް ހާމަކުރަންޖެހޭ ގޮތް ހަދަން އޭނާ ގޮވާލެއްވިއެވެ.

ސިފައިންނާ ފުލުހުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭކަމަށް އަޒާން ވިދާޅުވިއިރު، އޭނާ ފަހަކަށް އައިސް މުއިއްޒު ތަންފީޒުކުރަމުންދާ ޚުމުޚްތާރު އެއްވެސް ސިޔާސަތަކަށް ފާޑު ކިޔާފައެއް ނުވެއެވެ. އެގޮތުން މީޑިއާ ކޮންޓްރޯލް ބިލް މުއިއްޒުގެ އަމުރަށް ފާސްކުރިއިރުވެސް އެބިލާއި ގުޅެގޮތުންވެސް އޭނާ އެއްވެސް މިންވަރަކަށް ފާޑުކިޔާފައެއް ނުވެއެވެ. އަދި އެ ބިލާ ދެކޮޅަށް ނޫސްވެރިން އެއްވެސް އިހުތިޖާޖަކަށްވެސް އޭނާ ތާއީދުކޮށް ނޫސްވެރިންގެ ހިމާޔަތުގައި އޭނާ އަޑު އުފލާފައެއްވެސް ނުވެއެވެ. އޭގެ ބަދަލުގައި ދާދިފަހުން މުއިއްޒުވަނީ މަޖިލިހުގެ މުހިންމު ކޮމިޓީތަކުން އޭނާއަށް ފުރުސަތުވެސް ދީފައެވެ.

މަޖިލިހުގެ ދައުރު ފެށިގެން އައިއިރު، ބައެއް ކަންކަމުގައި އަޑު އުފުލުމުން ބައެއް ކޮމިޓީތަކުން އޭނާ ބޭރު ކުރުމަށްފަހު، އޭގެ ފަހުން އަޒާން ވަނީ ސައިލެންޓް ވެފައެވެ. އަދި އޭނާ އެދުވަސްވަރު ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުން ބޭރު ކުރެވުނެވެ. އެހެންނަމަވެސް ފަހުން އޭނާ މުއިއްޒުއާއި ބައިއަތުހިފާ، މުއިއްޒުގެ ޚުދުމުޚްތާރު ސިޔާސަތުތަކަށް ތާއީދުކުރާން ފެށުމުން މުއިއްޒުވަނީ އޭނާ ވަޓްސްއަޕް ގުރޫޕަށް ވެއްދުމުގެ ހުއްދަވެސް ދީފައެވެ.

އަޒާން މިހާރު ފެންނަނީ މުއިއްޒުގެ ޚުދުމުޚްތާރު ސިޔާސަތުތަކަށް ފާޑުކިޔާން ނުކެރި، މުއިއްޒުއަށް ސެންސިޓިވް ނުވާނެހެން ހީވާ މައްސަލަތައް ހޯދައިގެން އެ މައްސަލަތަކުގައި ރައްޔިތުންގެ ފަޅިގައި ހުރިކަމަށް ދައްކައިގެން މީޑިއާ ހެޑްލައިންއިން ޖާގަ ހޯދާން އުޅޭ މެމްބަރެއްގެ ގޮތުގައެވެ.