ނިމިދިޔަ ޕްރިންސިޕަލުންގެ މަހާސިންތާގެ ޑްރެސްކޯޑާއި ޚިލާފަށް، މުއިއްޒު ސޫޓުގަ ޖަލްސާއަށްދާން އިންކާރުކޮށްފިއެވެ. "ދިޔަވަރު އޮންލައިން" އަށް މައުލޫމާތިން ޕްރިންސިޕަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ޕްރިންސިޕަލުން މި ޖަލްސާއަށް ހާޒިރުވެފައިވާއިރު މުޅި ޖަލްސާގެވެސް ޑްރެސް ކޯޑެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ ހުރިހާ ބައިވެރިންވެސް ކޯޓު ފަޓްލޫނުގައި ޖަލްސާގައި ބައިވެރި ވުމަށް ކަމުގައެވެ. އެގޮތުން ޑްރެސް ކޯޑާ އެއްގޮތަށް ހުރިހާ ބައިވެރިންވެސް ޖަލްސާއަށް ހާޒިރުވީ ކޯޓު ފަޓްލޫނުގައެވެ. އެނގިފައިވާ ގޮތުގައި ބައެއް ޕްރިންސިޕަލުން ޖަލްސާއަށް ވަޑައިގެންނެވީ އަގުބޮޑުކޮށް ސޫޓް ގަނެގެންނެވެ. އެއީ ރަސްމީ، މަހާސިންތާއަކަށް ވާތީއާއި އަދި އަމުދުން ރައީސުލްޖުމުހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ މަހާސިންތާއަކަށްވެސް ވާތީ، މިފަދަ ޖަލްސާއަކަށް ހަގީގަތުގައިވެސް އެކަށީގެންވާނެ ހައިސިއްތަކީ އެއީކަމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް މޭރުން ކުރެވިފައި އޮތުމުގެ ސަބަބުންވެސްމެއެވެ.
އެހެންނަމަވެސް، މަހާސިންތާ އިފްތިތާހުކުރުމުގެ ޖަލްސާގެ ވަގުތު ޖެހުމާއި ހަމައަށްވެސް ހުރިހާ ބައިވެރިންވެސް ޖަލްސާއަށް ހާޒިރުވެ ތިބީ ސޫޓުގައެވެ. ކޯޓު ފަޓުލޫނުގައެވެ. އެހެންނަމަވެސް މަހާސިންތާގެ އިފްތިތާހީ ޖަލްސާ ފެށުމާއި ހަމައަށްވެސް މުއިއްޒު ޖަލްސާއަށް ވަޑައިގަންނަވާނީ ސޫޓުގަކަމަށް ޖަލްސާ އިންތިޒާމްކުރި ފަރާތްތަކުންވެސް ތިބީ ގަބޫލުކޮށްގެންނެވެ. ޖަލްސާގެ އެޖެންޑާގަވެސް ޑްރެސްކޯޑެއްގެ ގޮތުގައި ހިމަނާފަ އޮތީ ކޯޓު ފަޓްލޫނެވެ. އެހެންނަމަވެސް މުއިއްޒު ޖަލްސާއަށް ވަޑައިގެންނެވުމާއެކު ޖަލްސާގެ ހުރިހާ ބައިވެރިންނަށް އަންގާފައިވަނީ ސޫޓު ބޭލުމަށްފަހު ގޮނޑީގައި އެޅުވުމަށެވެ. އޭގެ ސަބަބެއްކަމުގައި ނުރަސްމީކޮށް ޖަލްސާގެ ބައިވެރިންނަށް އެނގިފައިވަނީ އެ ޖަލްސާގައި ސޫޓުގައި ބައިވެރިވުމަށް މުއިއްޒު އިންކާރު ކުރެއްވުމެވެ. އަދި ހަމަ އެއާއެކު ޖަލްސާގެ އެޖެންޑާގައި، ބައިވެރިންނާ މުއިއްޒު މުޚާތަބްކުރުމަށް ހިމަނާފައި ވިނަމަވެސް، އެ އައިޓަންވެސް ފުރިހަމަ ކުރުމަށް މުއިއްޒު ދެކޮޅު ހަދާފައި ވެއެވެ.
ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ސޫޓު ބޭލުމަށްފަހު ގޮނޑީގައި އަޅުވައިގެން ތިބުމަށް މުއިއްޒު މަޖުބޫރު ކުރިވި ހަގީގީ ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެންނަަމަވެސް މުއިއްޒު އަބަދުވެސް ފާހަގަ ކުރެވެނީ އަވަސް އަވަހަށް ކަންކަމާ ރުންކުރުވެ، ޕްރެޝަރުގައި ހުންނަވާ ރައީސެއްގެ ގޮތުގައެވެ. އަދި މި ޖަލްސާގައި މުއިއްޒު އަމަލު ކުރެއްވި ގޮތުން، ހާމަވެގެން ދިޔައީ މުއިއްޒުއަކީ ހަމަޔާއިލަމަ ގަބޫލުނުކުރާ، އަދި އަމުދުން އަނެކުންނަށް އިހުތިރާމުކުރުމެއް ނެތް، ގޮތެއް ފޮތެއް ނެތް މީހެއްކަން ކަމަށް ގިނަ ޕްރިންސިޕަލުން ބުނަމުން ދެއެވެ.