ޚަބަރު

މުއިއްޒު މިމަހު ފަހުކޮޅު އައްޑޫއަށް ވަޑައިގަންނަވާތީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އޭގެ ކުރިން ބާ ޖެން ސެޓެއް އައްޑޫއަށް ގެންދަނީ

ދިޔަވަރު
މުއިއްޒު މިމަހު ފަހުކޮޅު އައްޑޫއަށް ވަޑައިގަންނަވާތީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އޭގެ ކުރިން ބާ ޖެން ސެޓެއް އައްޑޫއަށް ގެންދަނީ

މުއިއްު މިމަހު ފަހުކޮޅު އައްޑޫއަށް ވަޑައިގަންނަވާތީ، ގދ. ތިނަދޫގައި އިންޖީނުގޭގައި ހުރި ޖެންސެޓެއް އައްޑޫ ސިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

އެގފައިވާ ގޮތުގައި އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފެށީ ތިނަދޫ އިންޖީނުގެއަށް އަލަށް ގެނައި ފަސް ޖެންސެޓްގެ ތެރޭގައި ހިމެނޭ ބޭނުން ނުކުރާ ދެ ޖެންސެޓްގެ ތެރެއިން ޖެންސެޓެކެވެ.

އެ ޖެންސެޓް އައްޑޫއަށް ގެންދިޔުމަށްޓަކައި އޭތި ބަހައްޓާފައި ހުރި ތަނުން މިހާރު ނަގާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅިގެން ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އަށް ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ތިނަދޫގައި ބޭނުން ނުކޮށް ހުރި ޖެންސެޓެއް ކަމަށެވެ.

"ގދ ގައި ބޭނުން ނުކޮށް ހުރި ޖެންސެޓްގެ ތެރެއިން އެކަތި އައްޑޫއަށް ބަދަލުކުރަން އެބަ. އެއީ އައްޑޫގެ ކަރަންޓް މައްސަލައަށް ހައްލެެއް ގެންނަން،" އޭނާ ވިދާޅުވި އެވެ.

ރޯދަ މަސް ކައިރިވަމުން އަންނަ ދަނޑިވަޅެއްގައި ތިނަދޫގައި ހުރި ޖެންސެޓެއް އައްޑޫއަށް ގެންދަން އުޅޭތީ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ތިނަދޫއިން "ދިޔަވަރު އޮންލައިން" އާ ވާހަކަ ދެއްކި މީހަކު ބުނީ ޖެންސެޓް އައްޑޫއަށް ގެންދިޔުމުން ތިނަދޫގެ ޖެންސެޓަކަށް މައްސަލައެއް ދިމާވާ ހާލަތުގައި އެ ރަށަށް ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން އެއް ރަށަށް ގެންނަ އެއްޗެއް އަނެއް ރަށަށް ބަދަލުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އުޅޭތާ އެތައް ދުވަހެއް ވަނީ ފާއިތުވެފަ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮންމެ ދުވަހަކުހެން ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ. ބައެއް ދުވަސްތަކުގައި އެކި ސަރަހައްދުތަކުން ގަޑިއިރަކު އެއް ފަހަރުވެސް ކަރަންޓު ކަނޑާފައި އެބަހުއްޓެވެ.