ޚަބަރު

ބަންކަރިންގެ ޚިދުމަތުން އަހަރެއްގެ ތެރޭ 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެ ސައީދު ހެދި ބޮޑު ދޮގު: ފާއިތުވި އަހަރެއްހާ ދުވަހުން ލިބުނީ އެންމެ 12 މިލިއަން ޑޮލަރު!

ދިޔަވަރު
ބަންކަރިންގެ ޚިދުމަތުން އަހަރެއްގެ ތެރޭ 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެ ސައީދު ހެދި ބޮޑު ދޮގު: ފާއިތުވި އަހަރެއްހާ ދުވަހުން ލިބުނީ އެންމެ 12 މިލިއަން ޑޮލަރު!

ބަންކަރިން ހިދުމަތް ދޭން ފެށިތާ އަހަރެއް ތެރޭ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 192 މިލިއަން ރުފިޔާ ނުވަތަ 12 މިލިއަން ޑޮލަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ސައީދު ވިދާޅުވެފައި ވަނީ ބަންކަރިންގެ ހިދުމަތަކީ އެތައް ބިިލިއަން ޑޮލަރުގެ ވިޔަފާރިއެއް ކަމަޑާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ކަނޑުއޮޅިން ދަތުރުކުރާ %1 ބޯޓުތަކަށް އެ ހިދުމަތް ދެވުނަސް މަދުވެގެން އަހަރަކު 400 މިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށެވެ. އެ އަމާޒުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10ގައެވެ. އެ ހިދުމަތުގެ ދަށުން އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެއް އަހަރެއްހާ ދުވަސްތެރޭ ބަންކަރިން ހިދުމަތުން ލިބުނު އާމްދަނީން ޓެކުހުގެ ގޮތުގައި 17 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ހިދުމަތް ފެށިފަހުން މިހާތަނަށް ބަންކަރިން ހިދުމަތުން އާމްދަނީގެ ގޮތުގައި 192 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުން ދައްކާ ކަމަށެވެ.

"މީގެ ތެރެއިން %83 އަކީ ލޯ ސަލްފާ ފިޔުލްކަން ފާހަގަ ކުރަން. މިއީ ރާއްޖެ އަށް ކުރިން ގެނެސްގެން ބަންކާ ކުރި އެއްޗެއް ނޫން." ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް، އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށް މިދިޔަ މެއި މަހު ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް. ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް އެ ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ކުރިއަށް ދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ޖަލްސާގައި ޝިމާދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންލައިނާއަށް އެސްޓީއޯއިން ބަންކަރިން ހިދުމަތް ދިން ކަމަށާއި އޭގެ ތެރޭގައި 1،200 ޓަނުގެ ފެން ފޯރުކޮށްދިނުން ހިމެނޭކަމަށެވެ.

"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ފެށީ އެއީ ދައުލަތަށް ޑޮލަރު ވައްދާދޭނެ ވަސީލަތެއްކަމަށް ބުނެއެވެ. އަދި އަހަރަކު ދައުލަތަށް 400 މިލިއަން ޑޮލަރު ވައްދާދޭނެކަމަށް ބުނެ މިސަރުކާރުގެ އިސްވެރިން ވަނީ ސަޅިބާސާ ކަނޑާ, ރައްޔިތުންނަށް ހުވަފެން ދައްކާފައެވެ. ޚިދުމަތް ފަށާފައިވަނީ, އެ ރަސްމިއްޔާތަށް މުއިއްޒު ވަޑައިނުގެންނެވިއެއްކަމަކު, ކުލަގަދަ ބޮޑު ރަސްމިއްޔާތަކާއެކުއެވެ.

އެހެންނަމަވެސް ބަންކަރިންގ ޚިދުމަތަށް އަހަރެއް ފުރިގެން ދިޔައިރު, މިއަދުގެ ހާލަތަކީ, އެއީ އެންމެ ކުޑަމިނުން ޚިދުމަތެއްގެ ގޮތުގައިވެސް އެޚިދުމަތް ފާހަގަވާން ނެތުމެވެ. ކުރި ޚަރަދުގެ ބައިކުޅަބައިވެސް މިއަދާއި ހަމައަށް ރިކަވަރ ވެފައެއް ނުވެއެވެ.