ފްލެޓްތައް ދީފައިހުރީ، ފޯމްތަކުގައި ހުރި މައުލޫމާތުގެ މައްޗަށެވެ. ޕޮއިންޓް ދިން ގޮތާއި، ޕޮއިންޓު ދިން އުސޫލު އެއޮތީ ޕޯޓަލްގައި ސާފުކޮށް ކޮންމެ މީހަކަށްވެސް ފެންނާށެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ! ދޮގު މައުލޫމާތު ދީގެން ބަޔަކު މީހުން ފޯމު ތަކެއް ޕޯޓަލްއަށް ލުމެވެ. އެ މައުލޫމާތުގެ ސައްޙަކަން ދެނެގަނެވެން އޮތީ ހާލަތު ބެލުމަށް ކޮންމެ ގެއަކަށް ވަކި ވަކިން ގޮސްގެންނެވެ. އަދި މާލޭގެ ދިރިއުޅުނު ކަން، ރަށު ކައުންސިލުން އެކަން ކަށަވަރު ކޮށްދީގެންނެވެ. 4000 މީހުންނަށް ފްލެޓް ދިނުމަށް މިކަން ފުރިހަމަ އަށް ކުރުމަށް އިތުރު 7 މަސް ދުވަސް ނަގާނެއެވެ. އެންމެ އިންސާފުވެރި ގޮތަކީ އެއީއެވެ.
ނަމަވެސް މިހާރު، މިސަރުކާރުން ފްލެޓް ދޭނަމަ، އެ 7 މަސްދުވަހެއް ނެތެވެ. އޮތީ އެންމެ ދުވަހެކެވެ. އެހެންކަމުން ޝަކުވާތައް ބަލާފައި މިހާރު ހުށައަޅާފައިވާ ފޯމުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ދިނީއެވެ. އެމްޑީޕީ ބައެއް އާންމު މެމްބަރުންނަށް މިކަން ގޯސްވެގެން އުޅެނީ، އެމީހުން ޕާޓީގެ މަސައްކަތުގައި އެތައް ދުވަހަކު އުޅެފައި ހުރުމުން އެމީހުންނަށް ފްލެޓް ހައްޤުވާނެ ކަމަށް ބަލައިގަނެނެވެ. ނަމަވެސް އެއީ ފްލެޓް ހައްޤުވާން ވީ ގޮތެއް ނޫނެވެ. ފްލެޓް ހައްޤު ވާންވީ އިންސާފުންނެވެ. އިންސާފުގެ މަގުން އެކަން ކުރުމަށް ގޮވާލުމުގެ ބަދަލުގައި މި ފެންނަނީ އަމިއްލަ މީހާއަށް ނުލިބިގެން ބޮޑާހާކާ މަންޒަރެވެ.
މާލޭގައި އެހާ ދުވަހު އުޅޭފައި ނެތް ފަރާތްތަކަށް ޕޮއިންޓު ގިނައިން ލިބިފައިވާ ކަމަށް ވާނަމަ އެކަން ހިނގާފައި އެ އޮތީ ދޮގު މައުލޫމާތު ޕޯޓަލްއަށް ދިނުމުންނެވެ. އެހެންކަމުން ހައުސިންގ މިނިސްޓްރީއިން އެމީހުންނާއި މެދު ދަޢުވާވެސް ކުރަން ޖެހޭނެއެވެ. ނޫނީ އެކަން ބެލުމަށް ފަހު، ކުރިއަށް އޮތްތާގައި ފްލެޓަށް ކުރިމަތި ލުމުގެ ފުރުސަތު ހަނި ކުރަން ޖެހޭނެއެވެ.
އުސޫލުތަކާއި ޚިލާފަށް ޕޮއިންޓް ދީފައި އޮތްކަމެއް އޭސީސީއިން ހެއްކާއި އެކު ހާމަ ކޮށްފައި ނުވުމުން، އޭސީސީއިން ޕީޕީއެމްގެ އެދުމަށް ފްލެޓްދިނުން ހުއްޓުވާފައި ވުމުން، އެފަރާތުން އެދައްކާ ވާހަކައަކީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ.
ހިތާމައަކީ ޕީޕީއެމް އިން މަސައްކަތް ކުރަމުން ދަނީ މުއިއްޒުގެ ކެމްޕެއިން ޓީމުތަކަށް ފްލެޓް ދިނުމަށެވެ. އެހެންކަމުން، މިކަމުން އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދާނީ އަނެއްކާވެސް އެމްޑީޕީ އާންމު މެމްބަރުންނަށެވެ. މިއަދު ފޭސް2 އިން އެފެންނަނީ އޭސީސީ ބައިވެރިވެގެން ހިންގި ބޮޑު ޖަރީމާއެކެވެ. މުޅި ފޭސް2 ގައި އެތިބީ ޕީޕީއެމް މީހުންނެވެ. އެތާގައި ގިނައީ ޕީޕީއެމް މެމްބަރުންނެވެ. މިއީ އިންސާފުން ކުރި ކަމެއް ނަމަ، ވާނެ ގޮތެއް ނޫނެވެ.
އެހެންކަމުން މިހާރު ފްލެޓްދީފައިވަނީ ފޯމުތަކުގެ ހުރި މައުލޫމާތުގެ މައްޗަށް ބީނާކޮށް ކަމަށް ވާތީ، އެދެނީ ޤަވާއިދާއި ޚިލާފަށްކަމަށްވެސް ބުނެވެން ނެތެވެ. ނަމަވެސް އެދެނީ އެންމެ އިންސާފުވެރި ގޮތަކަށްވެސް ނޫނެވެ. ރައްޔިތުން އެދެންވީ ވީހާވެސް ބޮޑަށް އިންސާފުވެރި ވުމަށެވެ. ހުރިހާވެސް މައްސަލައަކީ އަމިއްލަ މީހާ ބޭއިންސާފުން ފްލެޓް ހޯދަން އުޅުމުވެ. މައްސަލައަކީ ރައްޔިތުންނެވެ.