އައިޖީއެމްއެޗް އަށް ކުޑަ ޕޯޓަޕަލް އެކްސްރޭ މެޝިނެއް ގަތުމަށް 3.2 މިލިއަން ރުފިޔާގެ ރިޝްވަތު އެކުންފުނީގެ ސީއީއޯ އިބްރާހީމް ރައްޒާޤް ހަލީމް ނަގައިފިއެވެ.
މި ރިޝްވަތުގެ ބޮޑު ވައްކަން ހިނގާފައިވަނީ ބަޔޯމެޑިކަލް އިންޖިނޭރިން ސަރވިސިންގ އެންޑް ސަޕްލައި ނަމަކަށް ކިޔާ ކުންފުންޏަކަށް ބޮޑު އަގުގައި އެކްސްރޭ މެޝިނެއް ގެނައުމަށް ދީގެންނެވެ. ބިޑު ހުށައަޅައިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް އޮތް އެއް ކުންފުނި ކަމުގައިވާ ބަޔޯމެޑިކަލް އިންޖިނޭރިން ސަރވިސިންގ އެންޑް ސަޕްލައި ބިޑް ކާމިޔާބު ކޮށްފައި ވަނީ 4.78 މިލިއަން ރުފިޔާ އަށެވެ.
މި އެކްސްރޭ މިޝިނަށް 1.5 މިލިއަން ރުފިޔާ އިން ފެށިގެން އެކި އަގުގައި އިތުރު 9 ފަރާތަކުން ބިޑް ކޮށްފައިވާ އިރު، އޭޑީކޭއިން ވެސް ވަނީ މި ބިޑްގައި ބައިވެރި ވެފައެވެ. އޭޑީކޭ މި ބިޑުން ފެއިލް ވެފައިވާ ސަބަބެއް ކަމަށް އެކުންފުންޏަށް އަންގާފައިވަނީ "ޓެކްނިކަލް އިން ފެއިލް" ވުމުން ކަމަށެވެ. ނަމަވެސް އޭޑީކޭ އެކްސްރޭ މިޝިނެއްގެ ޓެކްނަލިޓީއިން ފެއިލް ވެއްޖެ ކަމަށް ލިޔުމަކީ ބޮޑު ޖޯކެކެވެ. ނަމަވެސް މިފަދައިން ޖަހައި އެހެން ކުންފުނިތަކުގެ ބިޑް ކެންސަލް ކޮށްފައިވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ހަލީމުގެ އެންގުމުގެ މަތިންނެވެ.
ބަޔޯމެޑިކަލް އިންޖިނޭރިން ސަރވިސިންގ އެންޑް ސަޕްލައި އަކީ ހަލީމު އާއި ގާތް ގުޅުމެއް އޮންނަ މިފަދަ އެކި ވައްކަން ކުރުމަށް ހަލީމް ބޭނުން ކުރަމުން އަންނަ ކުންފުންޏެކެވެ.
އައިޖީއެމްއެޗްގެ ހާލު އެތަނަށް ދާ އެންމެ ބަލި މީހާއަށްވުރެވެސް ދަށްވެ، ދޭފަރުވާ އާއި ޚިދުމަތް ގޯސްވެ އައިޖީއެމްއެޗް ވީރާނާވަމުން ދަނީ ހޮސްޕިޓަލަށް ބޮޑު އަގުގައި މިފަދައިން ވައްކަން ކޮށްގެން މުދާ ގެނައުމަށް ރައީސް މުއިއްޒު އާއި ހަލީމް ގުޅިގެން ހިންގަމުންދާ ބޮޑެތި ކޮރަޕްޝަންތަކުގެ ސަބަބުންނެވެ.
ސަރުކާރު ވެރިން ކުރަމުންދާ ވައްކަމުގެ ގެއްލުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާކޮށް އަސަރުކޮށް ރައްޔިތުންގެ ފަގީރުކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ރައީސް މުއިއްޒު ދަނީ މުޅި ގައުމު ކައި ހުސްކުރަމުންނެވެ.