ޚަބަރު

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިނުވާން ޔާމީން ނިންމަވައިފި

ދިޔަވަރު
މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިނުވާން ޔާމީން ނިންމަވައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަން، އިންތިހާބީ ރައީސް ނިސްބަތްވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުން ވަނީ ޔާމީނަށް ފޮނުވައިފަ އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ނޫހަކަށް ހިއްސާކޮށްދިން މެސެޖެއްގައިވާ ގޮތުން، އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމެވި ސަބަބަކީ ޖިނާއީ ހުކުމެއްގައި ހުންނަވަނިކޮށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވާތީ އެވެ.

"ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެއީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ޤަބޫލުކުރާ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވައިފަ އެވެ." މެސެޖުގައިވެ އެވެ.

މަޖިލީހަށް ޔާމީންގެ ޖަވާބު ލިބިފައިވާ ކަމެއް އަދި އެ އިދާރާއިން ކަށަވަރެއް ނުކޮށްދެ އެވެ.