ޚަބަރު

ހަންކެޑެގެ އަގު ދެގުނަ ކުޑަކޮށް، ބަޔަކަށް ނުއަގުގައި ދީގެން އެތައް މިލިއަނަކުން ކަޓު ނަގަން މުއިއްޒު އާއި ތޯރިޤު މަސައްކަތް ފަށައިފި

ދިޔަވަރު
ހަންކެޑެގެ އަގު ދެގުނަ ކުޑަކޮށް، ބަޔަކަށް ނުއަގުގައި ދީގެން އެތައް މިލިއަނަކުން ކަޓު ނަގަން މުއިއްޒު އާއި ތޯރިޤު މަސައްކަތް ފަށައިފި

އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދޭން އިޢުލާންކޮށްފައިވާ އައްޑޫ ހަންކެޑެގެ ބިމުގެ ސައިޒު ކުޑަކޮށް ދައްކައިގެން، ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ގެއްލުވާލުމުގެ ކޮރަޕްޝަނުގެ މަސައްކަތެއް ހިނގަމުންދާކަން "ދިޔަވަރު" އަށް ވަނީ ކަށަވަރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިޢުލާނުގައި ހަންކެޑެގެ ސައިޒަކީ 7.06 ހެކްޓަރުކަމަށް ބަޔާންކޮށްފައިވީނަމަވެސް، މިއީ ބިން ހިއްކުމުގެ ކުރީގެ ސައިޒެވެ. އެމްޑީޕީ ސަރުކާރުގެ ދައުރުގައި އައްޑޫގައި ހިންގި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށަށް 4.7 ހެކްޓަރު އިތުރުކޮށްފައިވާއިރު، މިހާރު ރަށުގެ ސައިޒަކީ 13.7 ހެކްޓަރެވެ. މިކަން ސެޓެލައިޓް ފޮޓޯތަކުން ވެސް ކަށަވަރުވެއެވެ.

މިހާރު އިޢުލާންކޮށްފައިވާ ގޮތުން، ހަންކެޑެގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައްކަންޖެހެނީ 529,500 ޑޮލަރެވެ. ނަމަވެސް ރަށުގެ އަސްލު ސައިޒަށް ބަލައި ހިސާބުކުރާނަމަ، ޤާނޫނުގައިވާ ގޮތުން ދައްކަންޖެހޭނީ 1,032,000 ޑޮލަރެވެ. މިއީ އެއް މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެކެވެ. މިހެންކަމުން މިއީ ދައުލަތަށް 502,500 ޑޮލަރުގެ ގެއްލުން ލިބޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.

ޓޫރިޒަމް މިނިސްޓަރ މުއިއްޒު އާއި އިކޮނޮމިކް މިނިސްޓަރ ތޯރިޤުގެ ހިންގަމުންދާ މި ކޮރަޕްޝަނުގެ ތެރެއިން، މަޝްރޫޢުގެ ސްކޯޕް ވެސް ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ. ކުރިން ހަންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްޤީކުރަން ޕްލޭންކޮށްފައިވީނަމަވެސް، މި ފަހަރު އެ ރަށް ކުއްޔަށް ދޭން ހުޅުވާލާފައިވަނީ 500 ކޮޓަރި (1000 އެނދު) ތަރައްޤީކުރާ ގޮތަށެވެ.

މި ސަރުކާރުން ބޮޑު ރަސްމިއްޔާތެއް ބާއްވައި އިފްތިތާޙުކޮށްފައިވާ އެމްއެފްއެމްސީއާއި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ހުއްޓާލީ ފައިސާގެ އެއްވެސް ދަތިކަމެއް އޮވެގެނެއް ނޫނެވެ. ފައިސާގެ ދަތިކަމެއް ނެތީސް މިފަދަ ޕްރޮޖެކްޓެއް ހުއްޓާލާނެ ހަމަ އެކަނި ސަބަބަކީ ރައީސް މުއިއްޒަށް ލިބެން ޖެހޭ ކަޓު ބޮޑު ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމެވެ.

ޕްރޮޖެކްޓު ބާޠިލުކުރުމަށްފަހު، ވަގުތީގޮތުން ހަންކެޑެ ހާއްސަކުރީ ޙަލާލު ޓޫރިޒަމަށެވެ. ނަމަވެސް އަނެއްކާވެސް މާގިނަ ދުވަސްތަކެއް ނުވެ އަލުން އިންޓަގްރޭޓަޑް މޮޑެލްއަށް ބަޔަކަށް ދޭން މި ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ހަންކެޑެގެ ސައިޒް ގަސްތުގައި ކުޑަކޮށް ދެއްކުމަކީ، ވަކި ފަރާތަކަށް ނުއަގުގައި ރަށް ދިނުމަށް ރާވައިގެން ހިންގާ ކޮރަޕްޝަންގެ ޢަމަލެކެވެ. އުޑެއް ބުޑެއް ނުބަލައި، ރައީސް މުއިއްޒު ދަނީ ޖެހުނުތަނަކުން މުށްޖަހައި މުޅި ގައުމު ކައި ހުސްކުރަމުންނެވެ.