ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕް ކުރުމަށް ޕެންޝަން ބޯޑުން ވޯޓު ދިނީ އެންމެ ތިން މެމްބަރުން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. އަދި ޖިނާޢީ ދައުވާ އުފުލާއިރު ދައުވާ އުފުލޭނީ އެމީހުންގެ މައްޗަށް ކަމަށް އެމްޑީޕީ ތެރެއިން މައުލޫމާތު ލިބެއެވެ.
ޕެންޝަން ބޯޑުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އަޝްރަފް ރަޝީދު ފައިސާ ޗާޕު ކުރުމުގެ ވޯޓު ނެގި އިރު ބޯޑު ބައްދަލުވުމަށް ހާޒިރުވެ ނެތެވެ. ފާތިމަތު ޢަބްދުﷲ ކަމާލުއްދީން އަކީ ވޯޓު ލެވޭ ބޯޑު މެމްބަރެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފާތިމަތު ވަކާލާތް ކޮށްފައިވަނީ ފައިސާ ޗާޕު ކުރުމާއި ދެކޮޅަށް ކަމަށް މައުލޫމާތު ލިބެއެވެ. ބޯޑުގެ ޗެއަރ ޕާސަން އަކަށް ހުންނެވި އިނާޒް ވޯޓު ދޭން ޖެހެނީ ވޯޓު އެއްވަރުވެއްޖެ ހިނދެއްގައި ކަމުން، އޭނާ ވެސް ވޯޓުގައި ބައިވެރި ވެފައި ނުވެއެވެ. އަދި އިނާޒް ވާހަކަ ދައްކާފައި ވަނީ ފައިސާ ޗާޕު ކުރުމާއި ދެކޮޅަށް ކަމަށް މައުލޫމާތު ލިބެއެވެ. ބޯޑު މެމްބަރު ސަރުވަޝު، އަދި މާދިން ވޯޓު ދީފައި ވަނީ ފައިސާ ޗާޕު ކުރުމާއި ދެކޮޅަށެވެ.
ޖުމްލަ ދީފައި ވަނީ 5 ވޯޓެވެ. ދެކޮޅަށް 2 ވޯޓު އަދި ފައިސާ ޗާޕު ކުރުމަށް މުއިއްޒާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ 3 މެމްބަރުންނެވެ.
ވޯޓު ދިން ތިން މެމްބަރުންނަކީ ޢަބްދުލްމަޖީދު ޢަލީ، މިޒްނާ އަޙްމަދު، އަދި ޝިފާޒާ ވަޖީހު އެވެ. މި ތިން މީހުން ވަނީ ޤާނޫނާއި ޚިލާފަށް ފައިސާ ޗާޕު ކުރުމަށް، މުއިއްޒު އާއި ޒަމީރުގެ އެންގުމުގެ މަތިން ވޯޓު ދީފައެވެ.

ޤައުމަށް އަބަދުވެސް ލިބޭ ނިކަމެތި ކަމުގެ ފަހަތުގައި ތިބެނީ ޤައުމަށް ޚިޔާނާތް ތެރިވާ މިފަދަ މަދު ބައެކެވެ. މިފައިސާގެ ސަބަބުން މިއަހަރު ނިމުމުގެ ކުރިން ތަކެތީގެ އަގު އިތުރަށް ބޮޑުވެ، ޑޮލަރުގެ އަގު 21ރ އަށް އަރައި، އަދި މީގެ މަލްޓިޕްލެއަރ އެފެކްޓްގެ ސަބަބުން ކުރިއަށް އޮތް 2 އަހަރު ތެރޭ 25ރ އަށް ޑޮލަރެއްގެ އަގު މިކަމުގެ ސަބަބުން އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ޤާނޫނީ ގޮތުން ފައިސާ ޕްރިންޓް ކުރެވޭނީ ރާއްޖެއަށް އެންމެ ފަހުން ލިބުނު 3 އަހަރުގެ އާމްދަނީގެ އެވްރެޖް އިން %2.5 އެވެ. މި ސަރުކާރުން ވަނީ ކުރިން %1 އޮއްވާ %2.5 އަށް މަޖިލީހަށް ނުފޫޒު ފޯރުވައިގެން ބަދަލު ކޮށްފައެވެ.
ރާއްޖެއަށް ލިބިފައިވާ އެވްރެޖް އާމްދަނީއަކީ ގާތްގަނޑަކަށް 33 ބިލިއަން ރުފިޔާއެވެ. ފައިސާ ޗާޕް ކުރަން ޤާނޫނު ތަންދޭ މިންވަރަކީ އޭގެ %2.5 އަށް ވުރެ މަދު އަދަދެއް ކަމުން އެންމެ ގިނަވެގެންވެސް ޗާޕު ކުރެވޭނީ 825 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަކީ ޤާނޫނީ ކުށެކެވެ.
އެކުށް ކުރުމުގައި އެންމެ ބޮޑަށް ޝާމިލު ވަނީ މުއިއްޒު އާއި، ފިނޭންސް މިނިސްޓަރަކަށް ހުރި ޒަމީރެވެ. އަދި އެކަމަށް ވާގިވާ ގަވަރުނަރުގެ މައްޗަށާއި އަދި އެކަން އެގޮތަށް ކުރަމަށް ޕެންޝަން އޮފީސް ބޭނުން ކުރުމަށް ވޯޓު ދިން 3 މެމްބަރުންގެ މައްޗަށް ޖިނާޢީ ދައުވާ ނުކުރެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.