ތެލުގެ ވައްކަން ހުއްޓުވުމަށް ކަމަށް ބުނެ ފެނަކައިން ނެގި ހާއްސަ ސްޕެޝަލިސްޓް ކޮންސަލްޓަންޓަކީ ވައްކަމުގެ މައްސަލައެއްގައި އެސްޓީއޯއިން ކަނޑާލާފައިވާ ބޮޑު ވަގެއްކަން ދިޔަވަރު ނޫހަށް ހާމަވެއްޖެއެވެ.
ފެނަކައިން ނެގި ތެލުގެ ވައްކަން ހުއްޓުވާ ސްޕެޝަލިސްޓް، މުހައްމަދު ޝުޖާޢު އެސްޓީއޯގައި އަދާކުރަމުން ދިޔަ ވަޒީފާއަކީ، ޕްރޮކިޔުމެންޓްގެ އެސިސްޓެންޓް ޖެނަރަލް މެނޭޖަރު ކަމެވެ. ހެޑް އޮފް ޕްރޮކިޔުމެންޓްގެ ގޮތުގައ ހުރެ ޝުޖާއު ވަނީ ޕެންޓް ހައުސް ގަނެ، އެމްއެމް އެކްސްޕޯޓާއި އެފަދަ އެހެން ކުންފުނިތަކުން މިލިއަނުން ފައިސާ ނަގައި މުއްސަނދިވެފައެވެ. އޭރު އޭނާ ވައްކަން ކުރަމުން ދިޔައީ އެސްޓީއޯ އެމްޑީއަކަށް ހުރި ޝަހީރު އާއި ގުޅިގެންނެވެ.
މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ވައްކަމުން މިލިއަނަރަކަށް ވުމުގެ ކުރިން ޝުޖާޢު އަކީ ކުޑަމިނުން ކޮފީ ގަނޑެއް ބޯލަން ހަރަދު ކޮށްލާނެ ވަރުގެ ފައިސާ ކޮޅެއްވެސް އަތުގައި ހުރި މީހެއް ނޫނެވެ.
ވައްކަން ކޮށްގެން މީނާ އެސްޓީއޯއިން ވަކި ކޮށްފައިވަނީ 21 ފެބްރުއަރީ 2019 ގައެވެ.
މީނާއަށް މަގާމު ދީފައިވަނީ ތެލުން ކުރާ ވައްކަން ދަނެގަނެވޭނެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްގެން ކަމަށް ބުނެ ފެނަކަ އެމްޑީ ވަނީ މިއަދު މަޖިލީހުގައި ދޮގު ހަދާފައެވެ. ސްޕެޝަލިސްޓެއް ނަގާފައިވާ ވައްކަމަށް މަޝްހޫރު ޝުޖާޢު އަކީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ކިޔަވާފައިވާ، މިކަމާއި އެއްވެސް ގުޅުމެއް ނެތް މީހެކެވެ. އޭނާ ޑިގްރީ އަށް ކިޔެވީ، ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވޯކިންގ އެންޑް ޓެލަކޮމިޔުނިކޭޝަން ކިޔާ ކޯހެކެވެ. މާސްޓާސް ހެދީ އިންފޮމޭޝަން ޓެކްނޮލަޖީ އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓްއެވެ. އޭނާ ކިޔަވައި ނިންމީ 2009 ވަނަ އަހަރުއެވެ.
ވަގުންނާއި ނާގާބިލު މީހުން އެކި މަގާމުތަކަށް އައްޔަން ކޮށް މުސާރައަށް ބިލިއަނުން ޚަރަދު ކުރަމުން ދަނީ ރައީސް މުއިއްޒަށް ވަގުން ކަމުދާލެއް ބޮޑު ކަމުންނެވެ.